ގެއްލުމުގެ ބަދަލު ނަގައިދޭން އެދުނު މައްސަލައެއްގައި އަމިއްލަ ކުންފުންޏަކުން، ހުށަހެޅި ދައުވާތައް ސާބިތު ކުރުމަށް ސައްހަ ނޫން ލިޔެކިއުންތަކެއް ހުށަހެޅި މައްސަލައެއް ފެންމަތިކޮށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ބަންޑާރަ ނައިބުގެ އޮފީހުން ފުލުހަށް ހުށަހަޅައިފި އެވެ.
މިއީ ސެންޓަރ އެންޓަރ ޕްރައިސިސް ކިޔާ ކުންފުންޏަކުން ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްދީފައިވާކަމަށް ބުނާ ހިދުމަތްތަކަށް ފައިސާ ހޯދުމަށް އެދި ދައުލަތަށް ރައްދުވާ ގޮތަށް ސިވިލް ކޯޓަށް ހުށަހެޅި ދައުވާއެކެވެ. ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވާ ގޮތުގައި، އެ ކުންފުނިން ވަނީ ކޯޓަށް ހުށަހެޅި ދެ މައްސަލައެއްގައި ހައްހަ ނޫން ލިޔެކިއުންތަކެއް ކޯޓަށް ހުށަހަޅާފަ އެވެ.
ކުންފުނިން ފައިސާ ހޯދުމަށް ހުށަހަޅާފައި ވަނީ، އެންވައިރޮމެންޓް މިނިސްޓްރީއަށް ސަޕްލައިކޮށްދިންކަމަށް ބުނާ ކަޅު ހަންތަކާއި ގުޅޭ މައްސަލައަކާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސްއަށް ސަޕްލައި ކުރިކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓުތަކާއި ގުޅޭ ދެ މައްސަލަ އެކެވެ.
އޭޖީ އޮފީހުން ސުވާލު އުފައްދާފައި ވަނީ، ދައުލަތާއި އެ ކުންފުންޏާއި ދެމެދު ކުރިކަމަށް ބުނާ މުއާމަލާތް ހިންގާފައިވާކަން ސާބިތު ކުރުމަށް ހުށަހެޅި ލިޔެކިއުންތަކާއި މެދު އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އޭޖީ އޮފީހުން ބުނެފައި ވަނީ ދައުލަތުން އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ހުށަހެޅި ޖަވާބުތަކުގައި އެދުނު ކަމަށެވެ. އަދި މި މުއާމަލާތްތަކާއި ގުޅޭ މައްސަލަތަކުގައި ސިވިލް ކޯޓާއި ހައިކޯޓުގެ ނިންމުންތައް އިސްތިއުނާފުކޮށްފައިވާނެކަމަށް ބުންޏެވެ.
އޭޖީ އޮފީހުން ބުނީ މައްސަލައިގައި ހުރި ކަންބޮޑުވުންތައް އޮޑިޓަރ ޖެނެރަލްގެ އޮފީހާ ހިއްސާކޮށް، ކުރެވުނު މަޝްވަރާތަކުގައި މި މައްސަލަތަކާ ގުޅޭ ހާއްސަ އޮޑިޓެއް ތައްޔާރުކޮށްދިނުމަށް އެދުނު ކަމަށެވެ. އަދި އެ އޮޑިޓުގައި ފާހަގަކުރެވުނު ކަންކަންހިމެނޭ ޕްރިލިމިނަރީ ރިޕޯޓެއް ލިބިފައިވާކަމަށް ވަނީ ބުނެފަ އެވެ.
އެގޮތުން، ސެންޓަރ އެންޓަރޕްރައިސަސް ކުންފުނިން ކޯޓަށް ސައްހަ ނޫން އިންވޮއިސްއެއް ހުށަހަޅާފައިވާކަމާއި، ދިވެހިރާއްޖެ އެތެރެކޮށްފައިނުވާ ބައެއް މެޑިކަލް އިކުއިޕްމަންޓްތައް ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ސަޕްލައިކޮށްދީފައިވާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކުރިކަން ޑެލިވަރީ ނޯޓުތަކާއި އިންވޮއިސްތަކުން އެނގޭ ކަމަށެވެ. އަދި ބުނެފައި ވަނީ މި މައްސަލަތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ކަމާގުޅުންހުރި އިދާރާތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލަފާ ދީފައިވާކަމަށެވެ.
އޭޖީ އޮފީހުން ފުލުހަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ، ލިޔެކިއުންތައް އޮޅުވާލި މައްސަލައިގައި ޖިނާއީ ތަހުގީގެއް އަވަސް ސްޕީޑެއްގައިކޮށްދިނުމަށެވެ.

