ދިވެހިންގެ އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރާ ހިސާބަށް ވާސިލުކޮށްދިނުމުގެ މަސައްކަތްތަކުގައި ކާމިޔާބީތައް ލިބެމުން އަންނަކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އުފެއްދުންތެރިކަމުގެ މައުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ސައީދު ވަނީ ކްރިއޭޓިވް އިކޮނޮމީއަށް ހާއްސަ ކުރެވިފައިވާ ޖާގައެއް މައުރަޒުގައި ބިނާކުރެވިފައިވާކަމަށް އިޝާރާތްކުރައްވާފައެވެ. އަދި އެއީ ވޭތުވެދިޔަ 80 ވަރަކަށް އަހަރުގެ ތެރޭގައިވެސް ކުރެވިފައިވާ ކަމެއް ނޫންކަމަށް ހިއްސާކުރެއްވިއެވެ.
ސައީދު ވިދާޅުވީ، ކްރިއޭޓިވް އިކޮނޮމީގެ ފަންނުވެރިންވަނީ ވަރަށް އާދަޔާ ހިލާފު މަސައްކަތްތަކެއް ދައްކައިދީފައިކަަމަށާއި އެ ފަރާތްތަކުން ރައީސް ޑރ މުއިއްޒުއަށް ޝުކުރުވެރިވާކަމަށް ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، އެކަމުގެ ސަބަބަކީ އެ ފަރާތްތަކުގެ އުފެއްދުންތައް ނޫނީ ބައިނަލްއަގުވާމީ ބާޒާރަށް ނެރެން ބޭނުންވާ ތަކެތި ނެރެދިނުމަށްޓަކައި މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނައިގެން އެކަމުގައި ނަތީޖާއެއް ހާސިލުކޮށްދިނުމަށް ރައީސް މަސައްކަތްފުޅު ކުރައްވަމުން ގެންދިއުންކަމަށެވެ.
އެގޮތުން އޮންލައިން ޕޭމެންޓު ނިޒާމުތަކުގެ އިތުރުން އެފަދަ ވަސީލަތްތައް މެދުވެރިކޮށް އެތަކެތި ބާޒާރަށް ނެރެދިނުމުގެ މަސައްކަތްތައްވެސް ހިމެނޭކަމަށާއި އެކަމުގައި ގިނަ ކާމިޔާބުތަކެއް ލިބެމުން އަންނަކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ފުރަތަމަ ފަހަރަށް އުފެއްދުންތެރިކަމުގެ މައުރަޒުގައި ޑިޖިޓަލް ޑިސްޓްރިކްޓެއްވެސް ހިމެނިފައިވާކަމަށާއި އެތަނުގައިވެސް ދިވެހިންގެ ފަރާތުން ވަރަށް އާދަޔާ ހިލާފު ފަންނުވެރިކަމެއް ފެންނަން ހުރިކަމަށް ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު މާކެޓް ސްޕޭސްގެ ނަމުގައި ދިވެހިން އުފައްދާ ތަކެތި ވިއްކޭނެ ޖާގައެއްވެސް ހުރިކަމަށާއި އެހެންކަމުން މި އަަހަރު އުފެއްދުންތެރިކަމުގެ މައުރަޒުގެ ނަމުގައި މަސައްކަތްތައް ކުރެވިގެން އައިސްފައިވަނީ މުޅިން ތަފާތު ގޮތެއްގެ މަތިންކަމަށެވެ.
އެހެންކަމުން މި ކަމުގެ ނަތީޖާއެއްގެ ގޮތުން މި ފަސް އަހަރު ނިމިގެންދާއިރު މެނިފެސްޓޯގައި ހިމަނާފައިވާގޮތަށް ރާއްޖޭގައި އުފައްދާ ތަކެތި ބޭރު ގައުމުތަކަށް ވާސިލުކުރެވޭނެ ޓްރާންސެކްޝަން ނިޒާމުތަކެއް ގާއިމުކުރެވިގެންދާނެކަމަށާއި ފަތުރުވެރިކަމުގެ ދާއިރާވެސް ހިމެނޭގޮތަށް އެހެނިހެން ތަފާތު ދާއިރާތައްވެސް ހިމެނޭހެން ރާއްޖޭގެ އިގްތިސާދު ސިންދަފާތުވެ ބައްޓަންވެގެންދާނެކަމަށް ވިދާޅުވިއެވެ.

