ބީއެމްއެލްއިން ށ ކަނޑިތީމުގައި އެ ކުންފުނީގެ އޭޓީއެމްގެ ހިދުމަތްތައް ފަށައިފިއެވެ.
ކަނޑިތީމުގައި އޭޓީއެމްގެ ހިދުމަތްތައް ފެށުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާއިރު ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި މިނިސްޓަރ އޮފް ސިޓީސް އެންޑް ލޯކަލް ގަވަރމެންޓް އާދަމް ޝަރީފް އުމަރު ބައިވެރިވެވަޑައިގެންފައިވެއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފްގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނާއި ރަށުގެ އެހެނިހެން އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، އޭޓީއެމްގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެށުމަކީ އެކަމުގެ ސަބަބުން އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށޭވެ. އަދި ރައީސް އެކަން ކުރިއަށް ގެންދިއުމަށް އިއުލާނުކުރެއްވީވެސް އެ ސަބަބާއި ގުޅިގެންކަމަށް ފާހަގަކުރެއްވިއެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބެންކާއި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށައިފައެވެ.

