2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ފެނަކަ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާވެފައިވާ މިންވަރަށްވުރެ އިތުރަށް އެ ކުންފުންޏަށް މުއައްޒަފުން ނަގާފައިވާކަމަށް އޮޑިޓާރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އޮޑިޓާރ ޖެނެރެލްގެ އޮފީހުން އާންމުކޮށްފައިވާ ފެނަކަ ކުންފުނީގެ މުއައްޒަފުން ނެގުމާއި ޕްރޮމޯޝަން ދިނުން ފަދަ މަސައްކަތްތަކާއި ގުޅޭ ހާއްސަ ރިޕޯޓުގައި އޮޑިޓުންވަނީ ފާހަގަކުރެވިފައިވާ ބައެއް ނޭދެވޭ ކަންކަން ހިއްސާކޮށްފައެވެ.
އެގޮތުން 2020 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގައި މަސައްކަތްކުރަމުން އައިސްފައިވަނީ ޖުމުލަ 3523 މުއައްޒަފުން ނަމަވެސް އޭގެ ފަހުން އަހަރުން އަހަރަށް ދާއިމީ މުއައްޒަފުންނާއި ކޮންޓްރެކްޓް މުއައްޒަފުންގެ އަދަދުތައްވެސް އިތުރުވަމުން އައިސްފައިވާކަމަށް ބުނެފައިވެއެވެ.
އޮޑިޓުން އާންމުކޮށްފައިވާގޮތުން 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ފެނަކަ ކުންފުންޏަށް 7228 މުއައްޒަފުން އަލަށް ވައްދާފައިވެއެވެ. އޭގެ ތެރެއިން 4557 މުއައްޒަފުންނަކީ ދާއިމީ މީހުންކަމަށްވާއިރު ބާކީ 2671 މުއައްޒަފުން ނަގާފައިވަނީ ވަގުތީ ވަޒީފާތަކަށް ކަމަށާއި 2023 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގައި ތިބި މުއައްޒަފުންގެ ތެރެއިން 5689 މުއައްޒަފުންނަކީ ދާއިމީ ހައިސިއްޔަތުގައި ތިބި މީހުންކަން ހާމަކޮށްފައިވެއެވެ. އޮޑިޓުން ބުނެފައިވާގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގައި ދާއިމީ މުއައްޒަފުންގެ ގޮތުގައި 6317 މީހުން ތިއްބެވެ.
2024 ވަނަ އަހަރުގެ ނިޔަލަށް ނަގާފައިވާ މުއައްޒަފުންގެ ތެރެއިން 149 މީހުންނަކީ ބޮޓްލިންގް ޕްލާންޓާއި އައިސްޕްލާންޓުތައް ހިންގުމަށްޓަކައި ނަގާފައިވާ މީހުންކަމަށްވާއިރު ބާކީ 6168 މީހުންގެ ތެރެއިން 2366 މުއައްޒަފުންނަކީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނަގާފައިވާ މީހުންކަމަށާއި 1715 މުއައްޒަފުންނަކީ ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދިނުމާއި ގުޅޭ މަސައްކަތްތަކަށް ނަގާފައިވާ މުއައްޒަފުންކަމަށް ފާހަގަކޮށްފައިވެއެވެ. އެ ކުންފުނީގެ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް 2024 ވަނަ އަހަރުގެ ނިޔަލަށް 1820 މުއައްޒަފުން ނަގާފައިވެއެވެ.
އެހެންކަމުން މުއައްޒަފުންގެ އަދަދުތައް އިތުރުވެފައިވަނީ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާވެފައިވާ މިންވަރަށްތޯ ބެލުމަށްޓަކައި ހިދުމަތްދޭ ރަށްތަކުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ކަނެކްޝަންތައް އިތުރުވެފައިވާ މިންވަރު ބަލާފައިވާކަމަށާއި 2020 ވަނަ އަހަރުގެ ނިޔަލަށް ހުރީ ޖުމުލަ 97،038 ކަނެކްޝަން ކަމަށްވާއިރު 2024 ވަނަ އަހަރުގެ ނިޔަލަށް އިތުރުވެފައިވަނީ 46 އިންސައްތަކަން ފެނިގެންދާކަމަށް މައުލޫމާތު ދީފައިވެއެވެ. ނަަމަވެސް 2020 ވަނަ އަހަރުގެ ނިޔަލަށް ބޮޓްލިންގް ޕްލާންޓާއި އައިސްޕްލާންޓުގައި ތިބި މީހުން ފިޔަވައި މުއައްޒަފުންގެ އަދަދު 3463 އަށް އަރާކަމަށްވުމުން 2024 ވަނަ އަހަރުގެ ނިޔަލަށް މި އަދަދު 78 އިންސައްތަ އިތުރުވެފައިވާކަން ފެނިގެންދާކަމަށް ފާހަގަކޮށްފައިވެއެވެ.
އޮޑިޓުން ބުނެފައިވާގޮތުން ކަރަންޓާއި ފެނާއި ނަރުދަމާގެ ކަނެކްޝަންތައް އިތުރުވެފައިވާ މިންވަރަށްވުރެ މުއައްޒަފުން ނަގާފައިވާ މިންވަރު 32 އިންސައްތަ އިތުރުވެއެވެ. އެހެންކަމުން ކުންފުނީގެ އޮޕަރޭޝަންތައް ފުޅާވަމުން އައިސްފައިވާ މިންވަރަށްވުރެ ދާއިމީ މުއައްޒަފުންގެ އަދަދުތައް ގިނަވަމުން އައިސްފައިވާ މިންވަރު އިތުރުކަން ފާހަގަކުރެވޭކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުންފުންޏަށް ލިބޭ އާމްދަނީއާއި ތެލާއި އިންޖީނުގެ ސްޕެއަރތައް ގަތުމަށް ކުރަންޖެހޭ ހަރަދަށް ބަލާއިރު އެކަށީގެންވާ ވަރަށްވުރެ ކުންފުނީގެ މުސާރައާއި އިނާޔަތްތައް ދިނުމަށްޓަކައި ކުރަންޖެހޭ ހަރަދުތައް އިތުރުވެ ދެމެހެއްޓިނިވި ގޮތެއްގައި ކުންފުނި ހިންގުމަށް ހުރަސްއެޅިގެންދާކަމަށް ފާހަގަކުރެވޭކަމަށް ބުނެފައިވެއެވެ.

