ރާއްޖޭގެ ޕްރައިވެޓް މީޑިއާތަކުގެ ތެރެއިން ވޭތުވެދިޔަ 10 އަހަރުން ފެށިގެން އެންމެ އުހުގައި ފިޔަ ޖަހަމުން އައީ ސަންގު ޓީވީކަން އެއީ ދެބަސްވެވެން ނެތް ހަގީގަތަކެވެ. ސިޔާސީ ކޮންމެ އެއްވުމުގެ ތެރެއިންނާއި، އިޖްތީމާއީ ދާއިރާ އަދި އާންމުންގެ ކަންބޮޑުވުންތަކާއި ގުޅުން ހުރި ކަމެއްގެ ތެރޭގައި ސަންގުގެ މައިކް ފެންނާނެ އެވެ. މިއަދާއި ހަމައަށް ސަންގު މީޑީއާއެއްގެ ގޮތުގައި އައުމުގެ ފަހަތުގައި ވަނީ އަޅުގަނޑުމެންގެ ކުރީގެ މުވައްޒަފުންނާއި އަދި މިހާރުގެ ހީވާގި މުވައްޒަފުންނެވެ.
މިދިޔަ 2023 ވަނަ އަހަރާއި އަދި 2024ވަނަ އަހަރު ތެރޭގައި ސަންގުގެ މުޅި ޓީމު އަވަދިނެތި އުޅުނީ ރިޔާސީ އިންތިހާބުގެ ކަވަރޭޖާއި ރައީސުލްޖުމްހޫރިއްޔާ ހުވާކުރި ރަސްމިއްޔާތުގެ ބުރަ މަސައްކަތުގެ ތެރެއިންނެއެވެ. އަދި ސަންގަކީ އެންމެ ރަނގަޅަށް ކަވަރޭޖު ގެނެސްދޭ މީޑިއާއަށްވުމަށް ކުރި މަސަައްކަތާއި އެކު، އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތް ކުރާ ނޫސްވެރިންނާއި މުވައްޒަފުން ދައްކަމުން ދިޔަ ހިތްވަރާއި ޝަކުވާއެއް ނެތި ކުރި ބުރަ މަސައްކަތް އަބަދުވެސް ބަލައިގަންނަނީ ހިތްހަމަޖެހުމާއި އެކުއެވެ.
އަހަރީ ދުވަހާއި ދިމާކޮށް، މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާއާއި ސެޓްފިކެޓު ހަވާލުކުއިރު ފާހަގަކުރެވޭ އެންމެ އަގުހުރި އިނާމަކީ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފު ހޮވުމެވެ. ސަންގަށް ހަމައެކަނި ”ކިޑްސް ޝޯވް“ އެއް ހުށައަޅައިދޭން އައި މާތުއަކީ މިއަދު މުޅި މި ދާއިރާގައި އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ތަޖުރިބާކާރު މޮޅު ނޫސްވެރިއެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި އެތައް ކާމީޔާބީތަކެއް މާތު ވަނީ ހާސިލްކޮށްފައެވެ. އެގޮތުން ކޮންމެ ކަމަކާއި ގުޅުންހުރި މައްސަލައެއްވެސް ނުހަނު ޝައުގާއި އަދި މައުލޫމާތުގެ މުއްސަނދިކަމާއިއެކު ހުށައަޅައި ދިނުމަކީ މާތުގެ އެއް ހުނަރެވެ.
މާތު އަކީ މިއަދު ސަންގާއިއެކު މަސައްކަތް ކުރާ އެންމެ ދުވަސްވީ މުވައްޒަފެވެ. ތަނާއި އެކު ހޭދަކުރި 9 އަހަރުގެ މި މުއްދަތުގައި މީހާގެ ނަފްސު ތަރައްގީ ކުރުމަށް އެހެން ކޮންމެ މީހަކު ދޭ ނަސޭހަތުގައި ހިފައި ގަދައަޅައި މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ރާއްޖޭގެ އެންމެން ދަންނަ އެންމެ ކުޅަދާނަ ނޫސްވެރިޔާއަށް މާތުވުމެވެ. އަދި 2021 ގައި މާތުއަށް ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ”ބެސްޓް ޕޮލިޓިކަލް ޖާނަލިސްޓް“ އަދި ”ބެސްޓް ފީޗަރ ރިޕޯޓަށް“ އެވޯޑު ލިބިފައެވެ.
މާތު ކޮށްފައިވާ ބުރަ މަަސައްކަތާއި އަދި ނުގުޑާ ފަދަ އަޒުމެއްގައި ހުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މާތުއަށް ސަންގުގެ ”ސްޓާފް އޮފް ދި އިޔަރ 2024“ ކާމިޔާބުކުރުމެވެ.

