ސަންގުޓީވީން އެ ކުންފުނީގެ 10 ވަނަ އަހަރީ ދުވަހުގައި މުއައްޒަފުންނަށް އިނާމު ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފިއެވެ.
ސަންގުޓީވީގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ފަރުކޮޅުފުށީގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ. މި ހަފްލާގައި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ކުންފުނިތަކާއި އެހެނިހެން ބައެއް ވުޒާރާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއިރު މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކުރެވެއެވެ.
މި ރަސްމިއްޔާތުގައި އެންމެ ޝަރަފުވެރި އެވޯޑުކަމަށްވާ ސްޓާފް އޮފް ދަ އިޔާރ ކާމިޔާބު ކުރީ ސަންގުގައި ވޭތުވެދިޔަ 9 އަހަރު ބުރަ މަސައްކަތްތަކެއް ކުރަމުން އައިސްފައިވާ އެޑިޓަރ މާހަތު ހުސައިން ރަޝީދުއަށެވެ. މޮސްޓް ޕްރޮމިސިންގް ސްޓާފްގެ އެވޯޑު ހާސިލު ކުރީ ވީޑިއޯ ޖާރނަލިސްޓް އައިމިނަތު ވިރުޝާއެވެ. ބެސްޓް ކޮންޓްރިބިއުޓާރގެ އެވޯޑް ހާސިލުކުރީ އައިމިނަތު ނިޝްފާއެވެ.
ބެސްޓް ޓީމް ޕްލޭޔާރގެ އެވޯޑް ތިން މުވައްޒަފަކަށް ލިބިފައިވެއެވެ. މި އެވޯޑް ލިބިފައިވަނީ އޮން އެއާރ ހެޑް ދަހާ އިބްރާހިމް، ހުސައިން ޝަހުދާން މުހައްމަދު އަދި ވީޑިއޯ ޖާނަލިސްޓް އުމައިރު މުހައްމަދު ރަޝީދުއަށެވެ. ބެސްޓް ނިއުސް އެންކާގެ އެވޯޑް ހާސިލުކޮށްފައިވަނީ އަޒްފާ ރަޝީދުކަމަށްވާއިރު ބެސްޓް ޕްރެޒެންޓާރގެ އެވޯޑު ހާސިލުކޮށްފައިވަނީ ވީޑިއޯ ޖާނަލިސްޓް ފާތިމަތު މަދަދާއެވެ.
ސަންގުޓީވީއަށް މުހިންމު ހިދުމަތްތައް ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންވެސް އެވޯޑު ހަވާލުކޮށްފައިވެއެވެ. މިގޮތުން ސަންގުޓީވީގެ ނިއުސް ހެޑް ސަހުބާން ފަހުމީ އަދި އެޑިޓާރ މާހަތު ހުސައިން ރަޝީދުއަށް މި އެވޯޑް ހަވާލުކޮށްފައިވާއިރު ބްރޯޑްކޮމްގެ ނައިބު ޝިފްލާ އިބްރާހިމް އަދި ސަންގުޓީވީގެ ކޮންޓެންޓް ޑިރެކްޓަރ އަދި ޓޫ އޮފް އަސްގެ ލީޑް ވޯކަލްސް އަހުމަދު އަދުހަމްއަށްވެސް މި އެވޯޑް ދީފައިވެއެވެ.

