ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގަށް ހައްޔަރުކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވެފައިވަނީ ރައުދުގެ މައްޗަށް ދައުވާ ކުރުމާމެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ. އަދި މި މައްސަލަ އެ އޮފީހަށް ލިބިފައިވާކަން ވެސް އެ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި މައްސަލައިގައި ރައުދު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ދެ އަމުރެއް މިހާރުވެސް ހިނގަމުންދާކަން ފާހަގަކުރެވެއެވެ. ރައުދުގެ ވަކީލުން ފާހަގަކުރައްވާ ގޮތުގައި މިއީ ކުރިން އެއްވެސް މީހަކާމެދު އަމަލުކޮށްފައިވާ ގޮތެއް ނޫނެވެ.
ރައުދުގެ ވަކީލުން އިތުރަށް ފާހަގަކުރައްވާ ގޮތުގައި، 20 ދުވަހަށް ބަންދުކުރަން ނެރުނު އަމުރު މިހާތަނަށް އެއްވެސް ކޯޓަކުން ބާތިލްކޮށްފައި ނުވާތީ، އެއީ ދެމިއޮތް އަމުރެކެވެ. އެހެންކަމުން، އެއް ތުހުމަތެއްގައި، އެއް ކަމަކާ ގުޅޭގޮތުން ރައުދުގެ މައްޗަށް ހިނގަމުންދާ ދެ ބަންދު އަމުރު އެބައޮތެވެ.
މި ކަންބޮޑުވުން ވަކީލުން ވަނީ ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހުގައި ވެސް ފާހަގަކުރައްވާފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ރައުދު ބަންދުން ދޫކޮށްލަން ނިންމީ އަމުރުގައި އިޖުރާއީ ގޯހެއް އޮތް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

