މާލޭގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ހައްޔަރުކުރެވުނު ރައުދު އަހްމަދު ޒިލާލް މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދޭ ގޮތުގައި ރައުދު ބަންދުން ދޫކޮށްލީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިރުޝާދުގެ މަތިންނެވެ.
އެއާއެކު، އާންމުންގެ އެތައް ބަޔަކު ދަނީ ޕީޖީ އޮފީހާއި ފުލުހުންނަށް ފާޑުކިޔަމުންނެވެ. ފެށުނީއްސުރެ އިދާރާތަކަށް ފާޑުކިޔުން އަމާޒުވެފައިވާ މި މައްސަލައިގައި ޕީޖީން އެދިގެން ރައުދު ދޫކޮށްލުން ވެގެން ގޮސްފައިމިވަނީ އެ ފާޑުކިޔުންތަކަށް އިތުރުވި އައު ބޮޅަކަށެވެ.
ރައުދުގެ ބަންދު: ދޫކޮށްލުމަށްފަހު، އަލުން ހައްޔަރުކުރުން!
މި މައްސަލައިގައި ރައުދުގެ ބަންދާ ގުޅޭ ކަންކަން ދިޔަ ގޮތަށް ބަލާއިރު، އެންމެ ފުރަތަމަ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހީ 5 ދުވަހަށެވެ. އެއަށްފަހު، އަނެއްކާވެސް 20 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކުރިއެވެ. އެއާއެކު، އޭނާގެ ވަކީލުން ބަންދާ ގުޅޭ އަމުރު ބާތިލުކޮށްދޭން ހައިކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.
ވަކީލުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައި އޮތީ ބަންދު އަމުރު ނެރުމުގައި ގޯސްތަކެއް ހެދިފައިވާ ކަމަށެވެ. އެ ވާހަކައަށް ބާރު ލިބިގެން ދިޔައީ ހައިކޯޓަށް މައްސަލަ ހުށަހަޅައި، މައްސަލަ ތާވަލުކޮށްފައި އޮއްވައި ފުލުހުން ކުއްލި ގޮތަކަށް ރައުދު ބަންދުން ދޫކޮށްލުމާ ގުޅިގެންނެވެ. އަދި ބަންދުން ދޫކޮށްލުމަށްފަހު ”ފްރެޝް އަމުރަކާއެކު“ އަނެއްކާވެސް ރައުދު ހަމަ އެ ދުވަހު ހައްޔަރުކުރީއެވެ.

ދައުވާކުރަން ފޮނުވުމުން، ޕީޖީން އިރުޝާދު ދިނީ ރައުދު ދޫކޮށްލަން!
މި މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުންގެ ފަރާތުން ދައުވާކޮށްދޭން އެދި މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅިއިރު މައިގަނޑު 2 ކުށެއްގެ ތުހުމަތާ ގުޅޭ މައްސަލަތައް ހިމެނެއެވެ. އެއީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ މީހަކަށް އެހީތެރިވެ ނުދިނުމާއި، މަސްތުވާތަކެތި ބޭނުން ކުރުމެވެ.
މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުން ޕީޖީ އޮފީހުން މައްސަލައިގެ ލިއެކިއުންތައް ދިރާސާ ކުރުމަށްފަހު، ފުލުހުންނަށް އިރުޝާދު ދިނީ ބަންދުން ދޫކޮށްލުމަށެވެ. އަދި ރައުދުގެ މައްޗަށް ދައުވާ ކުރުމާމެދު 15 ދުވަސް ތެރޭގައި ގޮތެއް ނިންމާނެކަން ޕީޖީ އޮފީހުން ހާމަކުރިއެވެ.
ކޮންމެއަކަސް، ޕީޖީގެ އިރުޝާދާއެކު ރައުދު މިހާރު މިވަނީ ބަންދުން ދޫކޮށްލާފައެވެ. ދެން އުފެދޭ ސުވާލަކީ އެހައި އަވަހަށް ޕީޖީން ރައުދު ބަންދުން ދޫކޮށްލަން މި ދިން އިރުޝާދުގެ ފަހަތުގައި ވަނީ ކޮން ސަބަބެއްތޯއެވެ؟
ކުށް ސާބިތުވެއްޖެނަމަ އަންނާނެ އަދަބަށްވުރެ ދިގު މުއްދަތު ބަންދުގައި ހޭދަކޮށްފި!
”ސަންގަށް“ އެނގިފައިވާ ގޮތުގައި މި މައްސަލައިގައި މިހާރު ތަހުގީގަށް ލިބިފައިވާ މައުލޫމާތާއި، ލިއެކިއުންތަކަށް ބަލާއިރު، ކުރެވޭނެ ދައުވާއަކީ އެހީތެރިކަން ބޭނުންވެފައިވާ މީހަކަށް އެހީތެރިވެނުދިނުމުގެ ކުށުގެ ދައުވާއެވެ. އެއީ ގާނޫނުލްއުގޫބާތުގެ 618 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ޖުނަހުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
އެ ކުށް ސާބިތުވެއްޖެނަމަ އަންނާނީ 1 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެކެވެ. ނަމަވެސް މިހާރުވެސް ރައުދު ވަނީ އެއަށްވުރެ ދިގު މުއްދަތެއް ޖަލުގައި ހޭދަކޮށްފައެވެ. އެހެންކަމުން މި މައްސަލައިގެ ދައުވާ ކޯޓަށް ހުށަހަޅައި، ސާބިތުވި ނަމަވެސް ރައުދު ތަންފީޒު ކުރަންޖެހޭ ޖަލު އަދަބެއް ނޯންނާނެއެވެ.
ދެން އޮތީ އޭނާގެ މައްޗަށް ކުރެވޭ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު، މަސްތުވާތަކެތި ވިޔަފާރި ކުރުމާއި، ބޭނުން ކުރުމާ ގުޅޭ މައްސަލަތަކުގައި އަދަބު ދެވޭގޮތް ތަފާތެވެ. މަސްތުވާތަކެތި ބޭނުން ކުރުމާ ގުޅޭ މައްސަލަތަކުގައި ދައުވާލިބޭ މީހާ ފަރުވާ ބޭނުންވާނަމަ، ޑްރަގް ކޯޓަށް މައްސަލަ ފޮނުވައިގެން އެ ފަރުވާ ހޯދޭނެ ގޮތްވެސް އޮވެއެވެ.

ޔުމްނުގެ ބަޔާން، މުޅި މައްސަލައަށް މުހިއްމު!
އާންމުންގެ ތެރޭގައި މި މައްސަލައާ ގުޅޭގޮތުން ތަފާތު އެކި ކަންބޮޑުވުންތައް ހުރިއިރު، މި މައްސަލައިގައި ގަސްތުގައި ޔުމްނު ވައްޓާލިކަމަށް ކުރެވޭ ތުހުމަތުތައް ސާފުވާން އޮތް އެންމެ މުހިއްމު އެއް ވަސީލަތަކީ ޔުމްނުގެ ބަޔާނެވެ. ޔުމްނު ހުރީ ބަޔާން ދެވޭ ޙާލަތެއްގައިތޯ ބަލާއިރު، އާއިލާއިންވެސް ދާދި ފަހުން ވަނީ ނޫސްވެރިންނަށް މައުލޫމާތުދީ ޔުމްނުއާ ޙަވާލާދީ ބައެއް ވާހަކަތައް ދައްކާފައެވެ.
އެހެންނަމަވެސް، ޔުމްނުގެ ބަޔާނެއް ނެގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކަށް އާއިލާގެ ފަރާތުން އެއްބާރުލުން ނުލިބޭކަމަށް ފުލުހުން ފާހަގަ ކުރެއެވެ. އެހެންކަމުން ފުލުހުން މިހާރު ވަނީ މެލޭޝިއާގެ ފުލުހުންގެ އެހީގައި މިކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަން ފަށާފައެވެ.
މައްސަލައިގައި ދެން ހިމެނޭ މީހުން:
މި މައްސަލައިގައި ރައުދުގެ އިތުރުންވެސް ޔުމްނުއާއެކު އެރޭ އުޅުނު މީހުންގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މައްސަލައިގެ ތަހުގީގަށް ހާޒިރުކުރި ބައެއް މީހުން، މަސްތުގެ ހާލަތުގައި ތިބިކަމަށް ތުހުމަތު ކުރެވުނު ނަމަވެސް، އެމީހުންގެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައި ވާތީ، ކުޑަކަމުދާތަކެތި ނެގުމުގައި ގާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް ފުލުހުން މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ޤާނޫނީ އުޞޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަހުގީގު ކުރުމަށް ޕީޖީ އޮފީހުން އޮތީ ފުލުހުންނަށް އަންގާފައެވެ.
ދެން އުފެދޭ ސުވާލަކީ އެ މައްސަލައިގެ ތަހުގީގު އޮތީ ކިހާ ހިސާބެއްގައިތޯއެވެ؟ އެކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ތަހުގީގުތައް އަވަސްވާން ޖެހޭ:
ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ މި މައްސަލައިގައި ވަށައިގެންވާ ކަންކަމަށް ބަލާއިރު، އެތައް ބައެއްގެ އަބުރަށް އަސަރުކޮށް، އެތައް ބަޔަކަށް ޖިނާއީ ބޮޑެތި ތުހުމަތުތަކެއް އާންމުންގެ ފަރާތުންވެސް ކުރަމުންދާއިރު، މި މުޅި މައްސަލައިގެ މައި މޯހިރުކަމަށްވާ ޔުމްނު ވެއްޓުނީތޯ ނުވަތަ ވައްޓާލީތޯ އުފެދޭ ސުވާލުތަކުގެ ޖަވާބު ހޯދުމަށް ޔުމްނުގެ ބަޔާނެއް ތަޙްޤީޤަށް ވަރަށް މުހިންމެވެ.
ހަމައެހެންމެ އިންސާފުގެ ހަމައިން ބަލާއިރު، ޔުމްނުގެ މައްޗަށް ކުރެވޭ ޖިނާއީ ތުހުމަތުތަކަކީވެސް ތަޙްޤީޤުކުރެވި، ބެލެންޖެހޭ ކަންކަމެވެ. އަދި މި މައްސަލައިގައި ތަޙްޤީޤުގެ ޅަފަތުގައާއި މިހާރުވެސް ފުލުހުންގެ ފަރާތުން ޝައްކު އުފެދޭ އަދި ސުވާލު އުފެދޭ ގޮތަށް ކަންކަން ކުރާނަމަ އެކަންކަމަކީވެސް ފުލުހުންގެ ތަޙްޤީޤުތަކުގެ ބެލެނިވެރި ފަރާތްތަކުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް އިތުރަށް ކަށަވަރުކުރަންޖެހޭ ކަންކަމެވެ.
ކަންބޮޑުވާން ޖެހޭ ކަމަކީ މައްސަލަތަކުގެ ތަހުގީގުތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ކުށުގެ ތުހުމަތުވާ މީހުން ބަންދުން ދޫކޮށްލަން ޖެހޭ ފަހަރު އައުމެވެ. ރައުދުގެ މައްސަލައިގައިވެސް ކަން މި ހިނގީ ދާދި އެކަހަލަ ގޮތަކަށެވެ. މިއީ ޝަރީއަތްތައް ދިގުލައިގެން ދިއުމުންވެސް އަންނަ ޙާލަތެކެވެ. އެގޮތުން މައްސަލަތަކުގެ ޝަރީއަތްތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން މީހުންގެ މައްޗަށް ކުށް ސާބިތުވާއިރު އެމީހާ ބަންދުގައި ހުރި މުއްދަތު ޙުކުމުން އުނިކުރުމުން މީހާ މިނިވަންވެފައި ހުރީވެސް މަދަކުން ނޫނެވެ.
އެހެންކަމުން ޖިނާއީ މައްސަލަތަކުގެ ތަހުގީގުތަކާއި، ޝަރީއަތްތައް އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްދާން އެބަޖެހެއެވެ. އިންސާފް ލަސްވުމަކީ އިންސާފް ނުލިބުމެވެ.

