ރާއްޖޭގެ ގައުމީ ބެންކުގެ ކެޕިޓަލް 14 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ބީއެމްއެލް އުފެއްދީ 10 މިލިއަން ރުފިޔާގެ ކެޕިޓަލްއަކުންނެވެ. ހަރުދަނާ މިންގަނޑެއްގައި ފައިދާ އަލުން އިންވެސްޓްކުރަމުން (ރިއިންވެސްޓް) ދިއުމުގެ ސަބަބުން މިއަދު ބޭންކުގެ ކެޕިޓަލް މިވަނީ 14 ބިލިއަން ރުފިޔާއަށް ވުރެ މަތީގައެވެ. މިއީ ބޭންކުގެ ހިއްސާދާރުން ފަޚުރުވެރިވާނެ ނަތީޖާއެއްކަން ކަށަވަރެވެ.
ރައުސުލްމާލު އިތުރުކުރުމަކީ މާލީ މުއައްސަސާއެއްގެ ކުރިއެރުމަށް ނުހަނު މުހިންމު ކަމެކެވެ. ބީއެމްއެލް ފަދަ ސިސްޓެމިކަލީ މުހިންމު ބޭންކަކަށް، ވަރުގަދަ ރައުސުލްމާލެއް ބިނާ ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އެއީ ޑިޕޮސިޓަރުން ރައްކާތެރިކުރުމަށާއި، ވަރުގަދަ މާލީ ބިންގަލެއް އެޅުމަށާއި، އިގްތިސާދީ ގޮންޖެހުންތަކާ ކުރިމަތިލައި، އަދި ދިގު މުއްދަތަކަށް ފައިދާ ދެމެހެއްޓުމަށް މަގުފަހިކުރަން ނުހަނު މުހިންމު ކަމެކެވެ. ފައިދާ އަލުން އިންވެސްޓްކުރުން މުހިންމުވަނީ ބޭންކެއް ކުރިއެރުމުގައި ކެޕިޓަލް އިތުރުކުރުން މުހިންމުވާތީއެވެ. ސިންގަލް ބޮރޯވާ ލިމިޓުން ފެށިގެން އެކި ދާއިރާތަކަށް ބޭނުންވާ މިންވަރަށް ބޭންކުން ފައިނޭންސް ދޫކުރެވޭ މިންވަރު ކަނޑައެޅިގެންދަނީ ކެޕިޓަލް އަށް ބިނާކޮށެވެ.
ވޭތުވެދިޔަ 10 އަހަރުގެ ކުރިއެރުން ދައްކުވައިދޭ ޗާޓު

ބޭންކުތަކުގައި ހުރި ޑިޕޮސިޓްގެ %58 ހުރީ ބީއެމްއެލްގައި.
ކަސްޓަމަރުންގެ ޑިޕޮސިޓް 32 ބިލިއަން ރުފިޔާއަށް އިތުރުވެ، ބޭންކް އޮފް މޯލްޑިވްސް މިއަދު މިއޮތީ ރާއްޖޭގެ ހުރިހާ ބޭންކުތަކެއްގައި ހުރި ކަސްޓަމަރުންގެ ޑިޕޮޒިޓްގެ %58 ބަހައްޓާފައިވާ ބޭންކުގެ ގޮތުގައެވެ. ހަމަ އެހެންމެ ދޫކުރެވިފައިވާ ލޯނުގެ ޢަދަދު މިވަނީ 21.1 ބިލިއަން ރުފިޔާއަށް އަރާ، ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކުގެ ޖުމްލައަށްވުރެ ގިނައިން، ޖުމްލަ ލޯނުގެ %51 ލޯނު ދޫކޮށްފައެވެ. ދުނިޔޭގެ އިގްތިސާދީ ހީނަރުކަމުގެ ތެރެއިންވެސް، މިދިޔަ އަހަރު ބޭންކުން ވަނީ 643 މިލިއަން ރުފިޔާގެ ޓެކްސް ދެއްކުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.25 ބިލިއަން ރުފިޔާ ހޯދާފައެވެ. މިއީ އޭގެ ކުރީ އަހަރަށްވުރެ %8 އިތުރު އަދަދެކެވެ. ބޭންކުގެ ބެލެންސް ޝީޓަށް 2.8 ބިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބި، އަހަރު ނިމުނު އިރު ޖުމްލަ އެސެޓްތައް ހުރީ 48.4 ބިލިއަން ރުފިޔާއަށް ވުރެ މަތީގައެވެ. މި ނަތީޖާއިން ބޭންކުގެ ހިންގުމުގެ ހަރުދަނާކަމާއި، ސްޓެބިލިޓީ ކަށަވަރުކޮށްދެއެވެ.
މިދިޔަ އަހަރުގެ ކާމިޔާބީތައް މިއަހަރުވެސް ބޭންކުން މިދަނީ ދަމަހައްޓަމުންނެވެ. މި ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 497 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ފުރަތަމަ ކުއާޓަރގައި ބީއެމްއެލް އިން ފަރުދުންނާއި ވިޔަފާރިތަކަށް އަލަށް 1.7 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރ އާއި އަޅާބަލާއިރު %72 ގެ ކުރިއެރުމެކެވެ. މި ނަތީޖާތަކަކީ އަޅުގަނޑުމެންގެ ސްޓްރެޓެޖީ ތަންފީޒުކުރުމުގައި ގެންގުޅޭ ހަރުދަނާ އުސޫލާއި ރިސްކު މެނޭޖްކުރުމާއި އަދި ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރުގެ ހެއްކެކެވެ.
ބީއެމްއެލްގެ ފައިސާގެ މުއާމަލާތްތަކުގެ %99 އަކީ ޑިޖިޓަލް މުއާމަލާތް
ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި، ބީއެމްއެލް އިން އަހަރަކު 220 މިލިއަނަށްވުރެ ގިނަ ފައިސާގެ މުޢާމަލާތްތައް މިހާރު ޑިޖިޓަލްކޮށް ޕްރޮސެސްކުރެއެވެ. މިއީ ގާތްގަނޑަކަށް 540 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މުޢާމަލާތްތަކެވެ. ބީއެމްއެލްގެ ހުރިހާ ބްރާންޗެއްގެ ކައުންޓަރުތަކުން މިހާރު އަހަރެއްގެ މައްޗަށް ކުރެވެނީ ގާތްގަޑަކަށް 6 ލައްކަ މުޢާމަލާތެވެ. އެހެން ކަމުން މިހާރު ބޭންކުގެ %99 އަށްވުރެ ގިނަ މުޢާމަލާތްތައް ކުރެވެނީ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށެވެ.
މާލީ ބައިވެރިވުން އިތުރުކުރުމަށްޓަކައި ކޮންމެ ރަށަކުންވެސް އަސާސީ ބޭންކިންގ ޚިދުމަތް ދިނުމަށް ބްރާންޗް އަދި އޭޓީއެމް ވިއުގަ ފުޅާކުރަމުންދާއިރު، އެންމެ ބޮޑު އެއް އަމާޒެއް މިއޮތީ ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުންކަމަށް ބެންކުން ބުނެއެވެ. ބޭންކުގެ ޑިޖިޓަލް ޚިދުމަތްތަކަކީ މިހާރުވެސް ކަސްޓަމަރުންގެ މެދުގައި މަގްބޫލް ޚިދުމަތްތަކެކެވެ. ކަސްޓަމަރުން މިހާރުވެސް ދުވާލަކު އެއް މިލިއަން ފަހަރު ބީއެމްއެލް އިންޓަރނެޓް އަދި މޮބައިލް ބޭންކިން ބޭނުންކުރާއިރު ބީއެމްއެލް ޕީއޯސް މެދުވެރިކޮށް ދުވާލަކު ދޮޅުލައްކަ މުއާމަލާތްކުރެއެވެ. ކާޑުތަކުން ދުވާލަކު 238،000 މުއާލަމާތްކުރާއިރު ބޭންކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ވެފައި މިވަނީ ބޭންކުގެ ކާމިޔާބީގެ މައިގަނޑު ބިންގަލަށެވެ.
ބީއެމްއެލްގެ އަމާޒަކީ މި ސަރަޙައްދުގެ އެންމެ ރަނގަޅު ޑިޖިޓަލް ބޭންކަށްވުން
ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތަކަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ މިދިޔަ މާރިޗު މަހުން ފެށިގެން ކަސްޓަމަރުންނަށް ބްރާންޗްތަކަށް ޒިޔާރަތްނުކޮށް، ހުރިހާ ބޭންކިންގ ޚިދުމަތްތަކެއް އޮންލައިންކޮށް ހޯދޭނެ ފުރުޞަތު މަގުފަހިވެގެން ދިއުންކަމަށް ބެންކުން ފާހަގަކުރެއެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ބެންކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މައިގަނޑު އެއް ބިންގަލެވެ. ކަސްޓަމަރ ސަރވިސްއިން ފެށިގެން އިތުރަށް ހަރުދަނާކުރެވިފައިވާ ފްރޯޑް ޑިޓެކްޝަނާ ހަމައަށް، އޭއައިގެ ސަބަބުން އަވަސް ޚިދުމަތެއް ފޯރުކޮށްދެވެއެވެ. އަދި ހިންގުން އިތުރަށް ހަރުދަނާ ކުރުމާއިއެކު މުސްތަޤުބަލުގެ އައު އީޖާދުތަކަށް މަގުފަހިކޮށްދޭނެކަމަށްވެސް ބުނެފައިވެއެވެ. އަދި ކުރިން ދެންނެވި ބަދަލުތަކާއި ކަސްޓަމަރުން ޚިދުމަތް ހޯދުމަށް އަންނަ ބަދަލުތަކާއެކު ޑިޖިޓަލް-ފަސްޓް އެޕްރޯޗަކަށް ބޭންކް ވަނީ މިސްރާބް ޖަހާފައެވެ. މިގޮތުން ބްރާންޗްތަކަށް ޒިޔާރަތްނުކޮށް، ކަސްޓަމަރުންނަށް މިހާރު ކޮންމެ ވަގުތެއްގައިވެސް، ކޮންމެ ތަނަކުން ވެސް ބޭންކިންގ ޚިދުމަތްތައް ހޯދޭނެ މަގު މިވަނީ ފަހިވެފައެވެ. މިކަމުގެ ސަބަބުން ބޭންކިންގ ޚިދުމަތް ފަސޭހަވެފައިވާއިރު، ރައްކާތެރިކަމާއި ޚިދުމަތުގެ ފެންވަރު އެއް ފެންވަރެއްގައި ދެމެހެއްޓިގެންދާނެއެވެ. އާންމު މަސައްކަތްތައް އޮޓޮމޭޓް ކުރެވޭ ވަރަކަށް، ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށާއި، ސުވާލުތަކަށް ޖަވާބުދާރީވުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ލަފާ ދިނުމަށް މުއައްޒަފުންނަށް މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެއެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކު
މިހާރު ބެންކުންވަނީ އިސްލާމިކް ބެންކިންގެ 8 ބްރާންޗް ހުޅުވާފައެވެ. އެހެންކަމުން އިސްލާމިކް ބޭންކިންގ ޚިދުމަތްދޭ އެންމެ ގިނަ ބްރާންޗާއި، ސެލްފްސަރވިސް ބޭންކިންގ ސެންޓަރާއި އެންމެ ފުޅާ ޕޭމަންޓް ވިއުގައެއް މެދުވެރިކޮށް ޚިދުމަތް ދެމުންދަނީވެސް ބީއެމްއެލްއަށެވެ. ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އިން ހުޅުވާލި ސަނާބިލް ޞުކޫކަށް ސަބްސްކްރައިބްކޮށް، ޤާނޫނީ އިދާރާއަކުން ނެރެފައިވާ އިސްލާމިކް ކެޕިޓަލް މާކެޓް އިންސްޓްރޫމަންޓެއްގައި އިންވެސްޓްކުރި ރާއްޖޭގެ ފުރަތަމަ ބޭންކަކީ ވެސް ބީއެމްއެލްއެވެ. މީގެ އިތުރުން ބީއެމްއެލް އިސްލާމިކް އިން ވަނީ ރިސޯޓު ތަރައްގީކުރުމަށް ރާއްޖޭގެ ފުރަތަމަ ފުލީ ފަންޑެޑް އިސްލާމިކް ރިސޯޓް ފައިނޭންސިންގ ދޫކޮށްފައެވެ. ކަސްޓަމަރުންގެ ޑިމާންޑް އިތުރުވަމުން ދާ ހިނދު، ބީއެމްއެލް އިސްލާމިކް އިން ދާނީ ޝަރީޢާ ހުއްދަކުރާ ގިނަ ފައިނޭންސިންގތައް ދޫކުރަމުންކަމަށާއި އެހެންކަމުން ބޭންކު އޮފް މޯލްޑިވްސް އަކީ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި އިސްލާމިކް ބޭންކިންގ ޚިދުމަތްދޭ ބޭންކްކަމަށް ހިއްސާކޮށްފައިވެއެވެ.
ބީއެމްއެލްއިން ބުނާގޮތުން މި އަހަރަކީ އިސްލާމިކް ބޭންކިންގ ޚިދުމަތްތަކުގެ ފަޚުރުވެރި 10 ވަނަ އަހަރީ ދުވަސް ފާހަގަކުރާ އަހަރުކަމަށެވެ. ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް ފުޅާވަމުން އަންނައިރު، މިދިޔަ އަހަރު ބީއެމްއެލް އިސްލާމިކް އިން މިވަނީ ފަރުދުންނަށާއި ވިޔަފާރިތަކަށް މުޅިން އަލަށް 1.06 ބިލިއަން ރުފިޔާގެ ފައިނޭންސް ދޫކޮށްފައެވެ. އަދި މިއަދުގެ ހާލަތަށް ބަލާއިރު ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން، ފަރުދުންނަށާއި ވިޔަފާރިތަކަށް ޝަރީޢާގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތީން ބޭނުންވާ ހުރިހާ ބޭންކިންގ ޚިދުމަތެއް ދެމުން އަންނަ ހަމައެކަނި ބޭންކަކީ ބޭންކް އޮފް މޯލްޑިވްސްކަން ފާހަގަކުރެވެއެވެ. އިސްލާމިކް ކްރެޑިޓް ކާޑުގެ ޚިދުމަތްދޭ މިނޫން އެހެން ބޭންކެއް ރާއްޖޭގައި ނެތެވެ.
ކަސްޓަމަރުން އެންމެ ފުރަތަމަ އިޚްތިޔާރުކުރާ ބޭންކަށްވުން
ސިސްޓަމް އާކިޓެކްޗަރ ޕްލޭން ކުރެވި އަޕްގްރޭޑް ކުރުމުގެ މަސައްކަތް 2026 ގެ މެދުތެރޭގައި ނިންމުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ.
މިކަމުގެ މަގުސަދަކީ ކަސްޓަމަރުން އެންމެ ފުރަތަމަ އިޚްތިޔާރުކުރާ ބޭންކަށްވުންކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ. އަދި މިކަން ހާސިލުކުރުމަށްޓަކައި، ކުރާ ހުރިހާ ކަމެއްގައިވެސް ކަސްޓަމަރުން ބޭނުންވާ ގޮތަށް ޚިދުމަތް ދިނުމަށް އިސްކަންދެމުންދާކަމަށް ހިއްސާކުރިއެވެ. ޑިޖިޓަލައިޒޭޝަން މަސައްކަތްތަކާއި، ކަސްޓަމަރުންގެ އިތުބާރު ހޯދުމަށް ޚިދުމަތުގެ ފެންވަރަށް ގެންނަމުންދާ ބަދަލުތަކާއެކު ވޭތުވެދިޔަ އަހަރު، ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރެވިފައިވާއިރު ނަތީޖާއެއްގެ ގޮތުން ފާއިތުވި އަހަރު ކަސްޓަމަރުން ހުށަހަޅާ ޝަކުވާގެ އަދަދު ވަނީ ދަށްކުރެވިފައިކަމަށް މައުލޫމާތު ދިނެވެ. އެހެންނަމަވެސް ޚިދުމަތް އިތުރަށް ރަގަޅު ކުރުމަށްޓަކައި ކުރިމަގުގައި ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަަމަށާއި ކުރިންވެސް ދެންނެވިފަދައިން މާލީ މުޢާމަލާތްތަކުގެ %99 އަށްވުރެ ގިނަ މުޢާމަލާތް ޑިޖިޓަލް ކޮށް ކުރެވޭއިރު، ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް، މެއިންޓެނެންސް ބޭނުމަށްކަމުގައި ވިޔަސް، ސިސްޓަމް އައުޓޭޖަކީ ކަސްޓަމަރުންނަށް ގަބޫލުކުރެވޭނެ ކަމެއްނޫންކަން ބަލައިގަންނަކަމަށާއި އެހެންކަމުން އެއްވެސް އިރަކު ޚިދުމަތް މެދުނުކޭޑޭނެ ފަދައިން އަޅުގަނޑުމެންގެ ސިސްޓަމް އާކިޓެކްޗަރ ޕްލޭން ކުރެވި އަޕްގްރޭޑް ކުރުމުގެ މަސައްކަތް 2026 ގެ މެދުތެރޭގައި ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ފާހަގަކޮށްފައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސް ހަގީގީ މާނާގައި ދިވެހީންގެ ބޭންކް
ބީއެމްއެލްއިން މިހާރު ދަނީ ތަފާތު މާލީ ވިސްނުމާއި އުއްމީދުތަކެއްގެވެރި ޒުވާން ޖީލެއްގެ ކަސްޓަމަރުންނަށް މަރުހަބާކިޔަމުންނެވެ. މި އައު ޖީލުގެ އުންމީދުތައް ބިނާވެފައިވަނީ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމާއި، ވަގުތުން ޚިދުމަތް ލިބިގަތުމާއި، ޚިދުމަތުގައި ކަސްޓަމައިޒްޑް ކުރެވޭނެ ގޮތްތަކެއް ހުރުމުގެ މައްޗަށެވެ. މި ކަސްޓަމަރުންގެ ބޭނުންތައް ދެނެގަތުމާއެކު އެންމެ އެކަށޭނަ މާލީ ހައްލުތަކެއް ފޯރުކޮށްދިނުމަކީ ޒިންމާއެއްގެ ގޮތުގައި ބެންކުން ދެކެއެވެ.
ދިވެހި ރާއްޖޭގެ އެކި ސިނާޢަތް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބެންކުން އެންމެ އިސްކަންދޭ އެއްކަންތަކެވެ. މި ގޮތުން މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާ އަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 8 ބިލިއަން ރުފިޔާއަށް އަށް އަރާފައިވާއިރު ކޮންސްޓްރަކްޝަން ދާއިރާއަށް މިވަނީ 4.9 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ. އަދި ވިޔަފާރިތަކަށާއި އެހެނިހެން ދާއިރާތަކަށް 3.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އާންމު ފަރުދުންނަށް މިވަނީ ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާ ދޫކޮށްފައެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުން ބޭރުފައިސާ މާރުކުރުމަށް އެކުލަވާލައިފައިވާ ގާނޫނާއި ގަވައިދާ އެއްގޮތަށް ބޭރު ފައިސާ މާރުކުރެވޭ ގޮތަށް ޕޯޓަލްއެއް ބޭންކުން މިދިޔަ އަހަރުތެރޭ ގާއިމްކޮށްފައިވެއެވެ. މި އޮންލައިން ޕްލެޓްފޯމް ގާއިމުކުރުމުގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ލާޒިމްކޮށްފައިވާ ބޭރު ފައިސާ މާރުކުރުމަށް މަގުފަހިކޮށްދީ، ވީހާވެސް ފަސޭހަކަމާއެކު މި ހިދުމަތް ލިބޭނެ ގޮތް ހެދުމެވެ. ރިސޯޓް އަލަށް ތަރައްޤީކުރުމުން ފެށިގެން ތިމާވެއްޓާއި ރައްޓެހި ޕްރޮޖެކްޓް ހިންގުމާ ހަމައަށް، ދިވެހި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ނުހަނު ބޮޑު ދައުރެއް އަދާކުރަމުނެވެ.

