ގެދޮރުވެރިޔާ ސްކީމްގެ ދަށުން 300 އަށްވުރެ ގިނަ މީހުންނަށް ގުރުއަތުނުލާ ފްލެޓް ނަންބަރުތައް ހަވާލުކޮށް އެއްބަސްވުންތައްވެސް ހަދާފައިހުރިކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގެދޮރުވެރިޔާ ސްކީމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރ މުއްތަލިބު ވިދާޅުވީ، މިހާރު އޮތް މިނިސްޓްރީގެ ދަށަށް އެ މަސައްކަތްތައް ހަވާލުކުރެވިގެން އައުމާއިއެކު އެންމެ އިސްކަމެއްގެ ގޮތުގައި ބެއްލެވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާއި އެއްގޮތަށް ފްލެޓު ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތައް ނޫނީ ދެންތިބި ފަރާތްތަކަށް ފްލެޓުތައް ވީހާވެސް އަވަހަކަށް ލިބޭނެ ގޮތެއް ހޯދުންކަމަށް މައުލޫމާތު ދެއްވިއެވެ.
އެހެންކަމުން އޭސީސީގެ އެންގުންތަކާއި މީގެ ތެރޭގައި އަމަލުކޮށްފައިވާ ގޮތްތަކާއި އެހެނިހެން ކަންކަމަށް ބެލުމަށްފަހު ވެރިފިކޭޝަން ޔަގީންކުރުމުގެ މަރުހަލާއެއް ކުރިއަށް ގެންދިއުމަށް ނިމިގެންދިޔަކަމަށާއި 3 ކޮޓަރީގެ އެޕާޓްމެންޓުތަކުގެ ވެރިފިކޭޝަން ޔަގީންކުރުމުގައި ބަލާފައިވާނީ 76 ޕޮއިންޓް ނޫނީ މަތިން ލިބިފައިވާ ފަރާތްތަކަށް ކަމަށް މައުލޫމާތު ދެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ދެކޮޓަރީގެ އެޕާޓްމެންޓުތަށް ހުށައެޅި މީހުންގެ ތެރެއިން ވެރިފިކޭޝަން ޔަގީންކުުރުމަށްޓަކައި ބަލާފައިވަނީ 73 ޕޮއިން ނޫނީ މަތިން ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި ތިން ކޮޓަރި ލިބުނު މީހުންގެ ތެރެއިން ގުރުއަތަށްދާނެކަމަށް އިއުލާނުކޮށްފައިވާ ލިސްޓުގައި 75 ޕޮއިންޓު ލިބިފައިވާ ފަރާތްތައްވެސް ހިމެނޭކަމަށް ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިނިސްޓްރީން ވެރިފިކޭޝަން ޔަގީންކުރުމަށްޓަކައި ބަލާފައިވަނީ އިސްވެ ބަޔާންކުރެއްވި ގޮތަށް ޕޮއިންޓް ލިބިފައިވާ ފަރާތްތަކާއި ގުުރުއަތަށް ދާނެކަމަށް ކަނޑައަޅާފައިވާ ފަރާތްތައްކަމަށް މައުލޫމާތު ދެއްވިއެވެ. ސަބަބަކީ 300 އަށްވުރެ ގިނަ ފަރާތަށް ގުރުއަތުނުލާ ފްލެޓު ނަންބަރުތައް ދީ އެގްރިމެންޓުތައްވެސް ސޮއިކުރެވިފައިވުންކަމަށާއި އެހެންކަމުން މިނިސްޓްރީންވަނީ ފްލެޓު ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާއި ގުރުއަތަށްދާނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ވެރިފިކޭޝަން ހެދުމަށް ނިންމާފައިކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މީގެ ތެރޭގައި 4939 ފޯމު ހިމެނޭކަމަށާއި ވެރިފިކޭޝަން މަރުހަލާއަށްފަހު ނެރުނު ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލިކަމަށާއި އެ ފުރުސަތުގައި ޝަރުތު ހަމަނުވާ 2555 ފަރާތަކުން ޝަކުވާ ހުށައަޅާފައިވާކަމަށެވެ. އަދި އެއްވެސް ލިއުމެއް ހުށައަޅަން ނުޖެހުނު ނަމަވެސް ހިމަނާފައިވާ ތަފްސީލުތަކަށް ރިއާޔަތްކޮށް ބަލަންޖެހޭ ކަންކަން ބަލާނެކަން ހާމަކުރެއްވިކަމަށް ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ، އީމެއިލްއާއި ސިޓީ މެދުވެރިކޮށް 3000 އަށްވުރެ ގިނަ ޝަކުވާ މިނިސްޓްރީއަށް ލިބުނުކަމަށާއި އެ މަސައްކަތްތަކުގެ ތެރެއިން އެކަށީގެންވާ ވަރަށް ރައްޔިތުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރެވިފައިނުވުމުން ފްލެޓު ހޯދުމަށް އެދޭއިރު މެދު ނުކެނޑި 15 އަހަރު ދުވަސް އުޅެފައިވާކަން ސާބިތުކޮށްދިނުމަށްޓަކައި ހުށައަޅަންޖެހޭ ލިޔުން ހޯދުން ވަރަށް ބޮޑު ޗެލެންޖަކަށް ވެގެން ގޮސްފައިވާކަން ފާހަގަކުރެވުނުކަމަށްވެސް މައުލޫމާތު ދެއްވިއެވެ.

