އެޓާރނީ ޖެނެރަލް އޮފީސް، ސިވިލް ސާވިސް ކޮމިޝަނުން ވަކިކޮށް ވަކި ޚިދުމަތެއްގެ ގޮތުގައި ހެދުމަށްޓަކައި ސަރުކާރުން ހުށަހެޅި ”އެޓާރނީ ޖެނެރަލްގެ އޮފީހުގެ“ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލަކީ، 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ ބިލެކެވެ. މި ބިލު ތަސްދީގުކުރެއްވުމާއެކު، ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު ވުޖޫދަށް އައިސްފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
އޮފީހުގެ އޮނިގަނޑަށް ގެނެވޭ ބަދަލުތައް
މި ބިލާއެކު ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ދެ ބަޔަކަށް ބަހާލެވޭނެއެވެ. އެއީ ލީގަލް ސާވިސް ބަޔާއި އެޑްމިނިސްޓްރޭޓިވް ސާވިސްގެ ބައެވެ. ލީގަލް ސާވިސްގެ ބައިގައި ހިމެނޭނީ ގާނޫނީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި އައްޔަންކުރާ އެ ދާއިރާގެ ފަންނީ މުވައްޒަފުންނެވެ. އަދި އެޑްމިނިސްޓްރޭޓިވް ސާވިސްގެ ބައިގައި ހިމެނޭނީ އޮފީހުގެ އިދާރީ ހިންގުމާއި އާންމު އިދާރީ ހިންގުމުގެ މަގާމުތަކަށް އައްޔަންކުރާ މުވައްޒަފުންނެވެ.
ސިވިލް ސާވިސްގެ ދަށުން ހިންގަމުންދާ އޭޖީ އޮފީހަށް ފަންނީ މުވައްޒަފުން ހޯދުމަށާއި މުސާރައިގެ ކުރިއެރުން ލިބުން ދަތިވުމުގެ ޝަކުވާތައް ހައްލުކުރުމަށްޓަކައި ހުށަހެޅި މި ބިލާއެކު، އޭޖީ އޮފީސް ދެން ހިނގަމުންދާނީ ސިވިލް ސާވިސްގެ އޮނިގަނޑުން ބޭރުން ވަކި ޚިދުމަތެއްގެ ގޮތުގައެވެ. މިއީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ބައެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމެކެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ބިލު ތަސްދީގުކުރައްވައި ގެޒެޓުގައި ޝާއިއު ކުރާތާ 90 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. އަދި މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ.

