ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ހައްޖުވެރިންނަށް ގިނަ ލުއިފަސޭހަތަކެއް ވަނީ ހަމަޖެހިފައި، މީގެ ސަބަބުން ވަރުބަލުވުމާއި ބަލިހާލަތު ގޯސްވުން ކުޑަވެގެން ދާނެ: ރައީސް

ރައްޔިތުންނާ އެކު ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މައްކާ ރޫޓް އިނީޝިއޭޓިވްގެ އިތުރުން ސައުދީގެ ސަރުކާރުން ދިވެހިރާއްޖެއަށް ހަމަޖައްސައިދެއްވި އިންތިޒާމުތަކުން އިތުރު ވަރަށް ގިނަ ލުއިފަސޭހަތައް ލިބޭއިރު އޭގެ ސަބަބުން ވަރުބަލިވުމާއި އާންމުކޮށް ސިއްހީ ހާލަތު ގޯސްވެ ދިމާވާ ކަންކަން ވަރަށް ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މައްކާ ރޫޓް އިނީޝިއަޓިވް މެދުވެރިކޮށް، ދިވެހި ޙައްޖުވެރީންނަށް ޙައްޖުގެ އަޅުކަމުގެ ދަތުރުފަތުރުގެ ކަންކަމުގައި ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން ވިސާ އާއި އިމިގްރޭޝަންގެ ކަންކަން ފުރުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް ވައިގެބަނދަރުން ފުރިހަމަކުރެވި، މައްކއަށް ދެވުމާއެކު، އެއާޕޯޓުގައި އިތުރަށް މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނޭ އިންތިޒާމު ކުރެވި، ދާގީނާ އަދި އިމިގްރޭޝަން ކިއު ތަކުގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހުން ފަދަ ލުއިފަސޭހަތައް ލިބިގެންދާނެއެވެ.

މިއީ ޙައްޖުގެ އަޅުކަން އަދާކުރުމުގައި ދިވެހި ޙައްޖާޖީންނަށް ލިބޭ ބޮޑު ކުރިއެރުމަކަށް ވެގެންދާނެއެވެ. އަދި މިކަމަކީ ދިވެހިރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާ އާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނޭ ފިޔަވަޅަކަށް ވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން އެމަނިކުފާނު ކުރިޔަށް ގެންދަވާ ސިލްސިލާ ޕޮޑްކާސްޓުގައި މިއަދު ރައީސް ވަނީ މައްކާ އިނީޝިއޭޓިވް ރޫޓްގެ މައުލޫމާތުތައް ދެއްވާފަ އެވެ.

ހައްޖުގެ އިންތިޒާމުތަކާއި ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ، ދިވެހި ހައްޖުވެރިންނަށް ވީހާވެސް ލުއިފަސޭހަކޮށް ދަތިތަކާއި ނުލައި ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރިކަމަށެވެ. އެގޮތުން މައްކާ އިނީޝިއޭޓިވްގައި ބައިވެރިކުރެވުނު އިރު، ދިވެހިރާއްޖެއަކީ ރައީސް ވިދާޅުވި ގޮތުގައި މުޅި ދުނިޔެއިން ވެސް ހަތް ވަނައަށް ހިމެނުނު ގައުމު ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް އެކި ގޮތްގޮތުން މައުލޫމާތު ލިބިފައިވާ ގޮތުން، އެ ރޫޓުގައި ހިމެނެނީ 20،000 މީހުން ހައްޖަށް ގެންދާ ގައުމުކަމަށެވެ. އެހެން ނަމަވެސް ރާއްޖެއަކީ ހާހެއްހާ މީހުން ހައްޖަށް ފޮނުވުމުގެ ކޯޓާ ލިބޭ ގައުމަކަށްވާއިރު، ރާއްޖެއަށް ވަރަށް ބޮޑު ލުއިފަސޭހައެއްގެ ތެރެއިން އެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑުމެން އެއްހާސް މީހުން މި ދަނީވެސް… އަޅުގަނޑުމެންނާއި އެކު އެގްރިމަންޓެއް ވެސް ނެތް… މިއީ ވަރަށް ގިނަ ޕްރޮސީޖާތަކުން… ވަރަށް ގިނަ މަރުހަލާތަކުން ގޮއްސަ.. ސޮއި ކުރެވި ވަކި ކަންތައްތަކެއް ހަމަޖެހި އެ ހަތް ގައުމަށް ވެސް ދީފައި އެއޮތީ…

ރައީސް މުއިއްޒު ވިދާޅުވީ ސައުދީ ރަސްގެފާނާއި، ވަލީއަހުދު ރާއްޖެ މައްކާ އިނީޝިއޭޓިވްގައި ރާއްޖެ ހިމަނުއްވައި އެކަން އެންގެވީކަމަށެވެ. އަދި ސައުދީން ދިވެހިންނާއި މެދު ވަރަށް ގާތްކަމެއް ބާއްވާކަން ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ޓީމުތައް ރާއްޖެއަށް ޓީމުތައް އައިސް ހުރިހާ އިންތިޒާމުތައް ހަމަޖެހުނު ކަމަށެވެ.

މިހާރު މައްކާއިން ސީދާ ހޮޓެލްއަށް ދެވޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިތުރަށް ޖިއްދާގައި މަޑު ކުރަން ނުޖެހޭނެ ކަމަށެވެ.

މީގެއިތުރުން ހަމަޖެހިފައިވާ އިތުރު އިންތިޒާމުތަކެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، މިނާގައި ތިބޭ ތިބުމަށް ގެނެވުނު އިންތިޒާމުގެ ބަދަލުތަކެވެ. އެގޮތުން ކެޓަގަރައިޒް ކުރެވިފައިވާ ޓެންޓުތަކެއްކަމަށްވުމާއި އެކު ދަތިތައް ދިމާވާއިރު، އޭގެ ތެރޭގައި ފާހަނާ ބޭނުން ކުރުމުގައި ވެސް ބައެއް ފަހަރު ދިމާވާ ގޮންޖެހުން ރައީސް ފާހަގަކުރެއްވި އެވެ.

އާންމު ގޮތެއްގައި ހައްޖުގެ އަޅުކަމަށް ފަހު އަންނަ އިރު ގިނަ ބަޔަކު ވަރަށް ބޮޑަށް ހުންއައިސް، ރޯގާ ޖެހި ބަލިވާއިރު ޓެންޓުތަކުގެ ހާލަތަކީ ވެސް އޭގެ އެއް ސަބަބުކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް މިހާރު އެ އިންތިޒާމުތައް މިހާރު ވަރަށް ބޮޑަށް ރަނގަޅު ކުރެވިފައިވާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އިތުރު ބަދަލެއްގެ ގޮތުން ރައީސް ވިދާޅުވީ ހައްޖުގެ ހުރިހާ އަޅުކަމެއް ނިންމައި ވަދާތީ ތޮއާފަށް ފަހު، މަދީނާއަށް ދިއުމެވެ. މީގެކުރީގައި މައްކާއިން، މަދީނާއަށް ދިއުމާއި އަދި މަދީނާއިން މައްކާއަށް ގޮސް 10 ވަރަކަށް ގަޑިއިރު ބަހުގައި ދަތުރު ކުރަން ޖެހޭ ޖެހުން ރައީސް ފާހަގަކުރެއްވި އެވެ.

މިހާރު އަޅުގަނޑުމެން ހަމަޖައްސާފައި މިއޮތީ މައްކާއިން މަދީނާއަށް ދާނީ.. ހައި ސްޕީޑު ރޭލުގައޭ ދާނީ… އެއީ ދެގަޑިއެއްހާއިރުގެ ދަތުރެއް.. އޭގެ ސަބަބުން ވަރަށް ބޮޑަށް ބަލިތައް ޖެހުމާއި، މީހާ ބަލިވާވުން ވަރަށް ބޮޑަށް ސަލާމަތް ކުރެވޭނެ…

ރައީސް ވިދާޅުވީ ބަހުގެ ހާލަތު ވެސް ގޯސްވުމުންނާއި 12 ވަރަކަށް ގަޑިއިރު ބައެއް ފަހަރު ދަތުރު ކުރަން ޖެހޭތީ އޭގެ ސަބަބުން ވެސް ސިއްހީ ގޮތުން ކަންކަން ދިމާވާކަމަށެވެ. އެހެން ނަމަވެސް ހައި ސްޕީޑު ރޭލުގައި ދަތުރު ކުރުމުގެ ސަބަބުން ވަގުތު 2 ގަޑިއެއްހާއިރަށް ކުރުވުމާއި އެކު ވަރުބަލިކަން އިހުސާސް ކުރެވޭ މިންވަރު ވެސް ކުޑަވާނެކަމަށް ރައީސް ވިދާޅުވި އެވެ.

މި ބަދަލުތަކުން މީގެ ކުރީގެ ދަތުރުތަކާއި ބަލާއިރު ހަތަރު ދުވަސް މަދުވީ ނަމަވެސް އަޅުކަމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ މީގެ ސަބަބުން ހިތްހަމަޖެހުމާއި އެކު، ހައްޖުގެ އަޅުކަން ފުރިހަމަ ގޮތުގައި ކުރެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: