ރާއްޖެ ޖިއޮގްރަފިކަލީ އޮތް ސަރަޙައްދުގެ ނަހަމަ ބޭނުން ހިފުމުގެ ފުރުސަތު އެއްވެސް ޤައުމަކަށް ނުދެއްވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ ބޭރުގެ ނޫހެއްކަމަށްވާ ސިލޯން ޓުޑޭއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ރައީސް ވިދާޅުވީ، ޤުދުރަތީ ގޮތުން ރާއްޖެ އޮތް ސަރަޙައްދުގެ ގޮތުން ބައިނަލްއަޤުވާމީ ގޮތުން ބަލާއިރު ވިޔަފާރިއާއި އެނޫންވެސް އެކިއެކި ކަންކަމުގައި މި ސަރަޙައްދު މުހިއްމުވާ ކަމަށެވެ.
އެހެންނަމަވެސް އެކަމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ފިއްތުންތަކެއް ކުރިމަތިވެފައިނުވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ރާއްޖެ ޖިއޮގްރަފިކަލީ އޮތް ސަރަޙައްދުގެ ނަހަމަ ބޭނުން ހިފުމުގެ ފުރުސަތު އެއްވެސް ޤައުމަކަށް ނުދެއްވާނެކަމަށެވެ.
ރައީސް ވިދާޅުވީ، ބޭރުގެ އެކިއެކި ޤައުމުތަކާއެކު ރާއްޖެއިން ގުޅުން ބަދަހި ކުރުމށް މަސައްކަތް ކުރަމުންދާނެ ކަމަށާއި، ނަމަވެސް އެ މަސައްކަތް ކުރާނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށްވެސް ބުރޫ ނާރާނެ ގޮތަކަށް ކަމަށެވެ.
އެގޮތުން ބަލާއިރު، އިޤްތިސާދު ސިންދަފާތު ކުރުމާއި، ޒިންމާދާރު ގޮތެއްގައި ދަރަނި މެނޭޖް ކުރުމުގެ އިތުރުން، ޚާރިޖީ ގުޅުންތައް ބައްޓަންކުރުން ފަދަ ހުރިހާ ކަމެއްގައިވެސް ރާއްޖޭގެ ސިޔާދަތަށް އިސްކަން ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ އަމާޒަށް މަސައްކަތްކުރާއިރު ރާއްޖެއިން ސަރަޙައްދީ މައްސަލަތަކުގައި ވަކި ފަޅިއެއް ނުނަގާނެ ކަމަށާއި، ރާއްޖެއިން ހުރިހާ ޤައުމަކާއެކުވެސް އޮންނަ ގުޅުން ބަދަހި ކުރާނެ ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނީ ސަރަޙައްދީ ސުލްޙައަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެއިން ޗައިނާ، އިންޑިއާ، އެމެރިކާ ފަދަ ޤައުމުތަކާއެކުވެސް ބަދަހި ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހަމައެއާއެކު، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައިވަނީ ވަކި ޤައުމެއްގެ މަސްލަޙަތަށް ބަލައިގެން ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ދިވެހި ސަރުކާރުގެ އެންމެ އިސް އާމަޒަކީ ރާއްޖެއަށް ތަރައްޤީ ގެނައުމާއި ރާއްޖޭގެ އަމާންކަން ޤާއިމުކޮށް، ބައިނަލްއަޤުވާމީ ދުނިޔޭގައިވެސް ބަދަހި ގުޅުންތަކެއް ޤާއިމުކުރުމަށްކަމަށެވެ.

