ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރާއި ބާރާއި، ފައިސާއަށް ވުރެ މޮޅަށް ކުޅެނީ އަސާސްތަކާއި އުސޫލުތައްތަ؟

އާރާއި ބާރާއި، ފައިސާއަށް ވުރެ މޮޅަށް ކުޅެނީ އަސާސްތަކާއި އުސޫލުތައްތަ؟ --- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނދާނަށް އަންނަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، އެކަމަށް ޖަވާބުދާރީވެ ދެއްކެވި ވާހަކަފުޅެވެ. އެ ދުވަހު އެ މެންބަރު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި ކަންކަމަކީ ދިވެހިރާއްޖޭގައި ޙަޤީޤަތުގައިވެސް ހިނގާ ކަންކަންތޯ މިއަދު ސުވާލު އުފެދެއެވެ.

އެގޮތުން އެ ދުވަހު އީވާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ބަސްކޮޅެއް ހަނދާނަށް ގެނެސްލަމެވެ. ”އާރާއި ބާރާއި ފައިސާއަށްވުރެ ދިގަށް ކުޅޭނީ، އާރާއި ބާރާއި ފައިސާއަށްވުރެ ދިރިހުންނާނީ އަސާސްތަކާއި އުސޫލުތައް“ ކަމަށް އީވާ ވިދާޅުވިއެވެ. މި ބަސްކޮޅަކީ ވަރަށް މުހިންމު އަދި އޭގައި ފުން މާނައެއް އެކުލެވޭ ޖުމްލައެކެވެ.

ދިވެހިރާއްޖޭގައި ވެރިކަމެއް ނަމަވެސް، ކުންފުންޏެއް ނަމަވެސް އަދި މުއައްސަސާތަކާއި ކޯޓުތައް ނަމަވެސް ހިންގަންޖެހެނީ ޤާނޫނުއަސާސީން ބަޔާންކުރާ ވަރުގަދަ އުސޫލުތަކާއި އަސާސްތަކުގެ މައްޗަށެވެ. މި މަސައްކަތްތައް ކުރުމުގައި އެއްވެސް މިންވަރަކަށް އާރާއި ބާރާއި ފައިސާގެ ނުފޫޒު އެކުލެވޭނަމަ، ޤާނޫނުއަސާސީން ބަޔާންކުރާ އަސާސްތަކާއި އުސޫލުތައް ނެތިދާނެއެވެ.

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، މި ޤައުމުގައި ކުށްވެރިންނަށް ޙައްޤު އަދަބު އަދި ރައްޔިތުންނަށް އިންސާފު ލިބިދާނެ ކަމަށް ޤަބޫލުނުކުރެވުމެވެ. ޤައުމުގައި މިހާރު އޮތް ނިޒާމަށް ބަޔަކު އިތުބާރު ނުކުރާކަމީ ހިތާމަކޮށް، އެކަމާމެދު ކަންބޮޑުވާންޖެހޭ ޙަސާސް މައްސަލައެކެވެ. މިއަދު ގިނަ ބަޔަކު ޤަބޫލުކުރާ ހިތި ޙަޤީޤަތަކީ ”އާރާއި، ބާރާއި ފައިސާ“ އަކީ އިންސާފަށް ވާސިލުވެވެން އޮތް މަގުކަމަށެވެ.

ރައްޔިތުންގެ މި ޤަބޫލުކުރުން އުފެދުމަށް ދިމާވި އެތައް ސަބަބުތަކެއް ރާއްޖޭގައި އެބަހުއްޓެވެ. ރައްޔިތުންނާ ގުޅުންހުރި ޙައްސާސް މައްސަލަތަކުގައި، އަމިއްލަ މަޞްލަޙަތު އިސްކޮށްގެން ކަންކަން ކުރުމުގެ ނަތީޖާ މިއަދު ވަރަށް ހިތިއެވެ. މީގެ މިސާލުތަކުގެ ތެރޭގައި، ވެންޓިލޭޓަރުގެ ޚިޔާނާތުގެ ތުހުމަތު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ، އަދި ބޯހިޔާވަހިކަމުގެ މައްސަލައިގައި ފްލެޓު ދޫކުރުމުގައި ”އިޚްލާޞްތެރިކަމެއް ނެތި“ ޢަމަލުކުރެވުނު ކަމަށް ބެލެވޭ މައްސަލަތައް ހިމެނެއެވެ.

މި ހުރިހާ މައްސަލަތަކާއި ކަންކަން ހިނގާފައިވާ ގޮތުގެ ނަތީޖާ ވަރަށް ހިތިއެވެ. ޤައުމުގެ މުއައްސަސާތަކާއި ބައެއް ވެރިން ކުރި ނޭދެވޭ މަސައްކަތްތަކުގެ ނަތީޖާއަކަށް ވެގެން ދިޔައީ ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކަށް ރައްޔިތުން ކުރި އިތުބާރު ގެއްލިގެން ދިއުމެވެ. މިއަދު މުއައްސަސާތައް ކިތަންމެ ރަނގަޅަށް މަސައްކަތް ކުރި ނަމަވެސް އެ ނިޒާމަށް ރައްޔިތުންގެ އިތުބާރެއް ނެތެވެ.

މިހާރު ދިވެހިރާއްޖޭގެ ނިޒާމަށް އިތުބާރު އަލުން ހޯދުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. މި މައްސަލައިގެ ސަބަބުން ކުރިމަތިވާ ނޭދެވޭ ނަތީޖާއަކީ މަގުމަތިން އިންސާފު ހޯދަން އުޅުމާއި ޤާނޫނު އަމިއްލައަށް ތަންފީޛުކުރަން އުޅުމެވެ. މިއަދު މުއައްސަސާތަކުގެ އެންމެ މުހިންމު މަސްއޫލިއްޔަތަކަށް ވެފައިވަނީ ވަރުގަދަ އަސާސްތަކުގެ މަތީގައި ދެމިތިބެ ޙައްޤަށް މަސައްކަތް ކުރުމެވެ. އަދި ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ހަމަހަމަކަން ތަންފީޛުކޮށް، އިންސާފު ޤާއިމުކޮށްދޭނެ ކަމުގެ އިތުބާރު މުއައްސަސާތަކަށް އަލުން ހޯދުމެވެ.

ޤައުމުގައި އިންސާފު ހޯދުމަށް ރައްޔިތުން ސަލާންޖަހަން ޖެހުން ނިމުމަކަށް އަންނާނީ ”އާރާއި ބާރާއި ފައިސާއަށްވުރެ ދިގަށް، އަދި އާރާއި ބާރާއި ފައިސާއަށްވުރެ، އަސާސްތަކާއި އުސޫލުތައް“ ދެމިހުރުމުންނެވެ. މިކަން ޙާޞިލުކުރުމަށްޓަކައި:

  • މުއައްސަސާތަކުގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ކަށަވަރުކުރުން.
  • ޤާނޫނުގެ ވެރިކަން ހަރުދަނާކޮށް، ހުރިހާ ފަރާތްތަކަކަށް ހަމަހަމަކަމާއެކު ޤާނޫނު ތަންފީޛުކުރުން.
  • ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތައް އެޅުން.
  • ޝަރުޢީ ނިޒާމުގެ މިނިވަންކަމާއި ހަރުދަނާކަން އިތުރުކުރުން.
  • ސަރުކާރުގެ ޚަރަދުތަކާއި ނިންމުންތަކުގެ ޖަވާބުދާރީވުން އިތުރުކުރުން.

މި ކަންކަން ތަންފީޛުކުރެވިގެން، ރައްޔިތުންގެ އިތުބާރު އަލުން ހޯދައި، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރެވޭނެ ނިޒާމެއް ޤާއިމުކުރެވިދާނެއެވެ. މިގޮތުން، އާރާއި ބާރާއި ފައިސާގެ ބަދަލުގައި އަސާސްތަކާއި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ދައުލަތެއް ބިނާކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ޒިންމާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: