18 އަހަރުން މަތީގެ ހުރިހާ ދިވެހި ރައްޔިތުންނަށް ގެ ނުވަތަ ފްލެޓް ލިބޭނެ ގޮތަށް ”ފަސްޓް ހޯމް“ މަޝްރޫޢު މިއަހަރު ތެރޭގައި ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން، މާލެ އާއި ރަށްރަށުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
މިގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި، ގިރާވަރު ފަޅާއި ގުޅީފަޅުގައި މިއަހަރު ތެރޭގައި އިމާރާތްކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މިހާރު ދިވެހިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޯހިޔާވަހިކަން ކަމަށް ފާހަގަކުރައްވަމުން، މި މައްސަލައަށް ދެމެހެއްޓެނިވި ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިގޮތުން މާލެ ސަރަހައްދަށް އެކަނި 4,000 ފްލެޓް ޚާއްސަކުރެވިފައިވާ ކަމަށާއި، މިއީ މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ލިބިގެންދާނެ ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ޚާއްސަކޮށް މާލޭގައި ދިރިއުޅޭ 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް ”ފަސްޓް ހޯމް“ ގެރެންޓީ ކޮށްދިނުމެވެ. މިގޮތުން މިއަހަރު ތެރޭގައި އިމާރާތްކުރުމުގެ މަސައްކަތް ފަށައި، ގެދޮރު ދޫކުރުމުގެ މަސައްކަތްވެސް ފެށޭނެ ކަމަށާއި، ޝަރުތު ހަމަވާ ފަރާތްތަކަށް 2025 ވަނަ އަހަރުގެ ނިޔަލަށް ލިޔުމުން ކަށަވަރުކޮށްދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، 57 ރަށެއްގައި ކޮންޓްރެކްޓަރ ފައިނޭންސިންގ އާއި ދައުލަތުގެ ބަޖެޓުން ހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްދާނެ ކަމަށް ރައީސް ހާމަކުރެއްވިއެވެ. އަދި ކުރީގެ ސަރުކާރުތަކުގެ ދައުރުގައި ގެދޮރު ގެއްލިފައިވާ ފަރާތްތަކަށް މި މަޝްރޫޢުގެ ދަށުން އިސްކަން ދެވޭނެ ކަމަށާއި، ނަމަވެސް މީގެ ކުރިން އެހެން ސްކީމެއްގެ ދަށުން ގެދޮރު ލިބިފައިވާ ފަރާތްތައް މީގެ ތެރޭގައި ނުހިމެނޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

