ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައި ވާތީ، އެތަނުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި ގުރުއަތުލުން މިއަދު ނިންމާލައިފި އެވެ.
”ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން“ އަށް ބަދަލު ގެނެސް އައު ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކޮށްފައި ވާތީ، އެ ޕްލޭނަށް ރިއާޔަތްކޮށް ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުނެގުން ފެށީ ހުކުރު ދުވަހުގެ މެންދުރު 14:30 ގައެވެ. އަދި ގުރު ނަގައި ނިންމާލެވުނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައި ވާތީ، އައު ލޮޓް ނަންބަރެއް ވަނީ ކަނޑައަޅާފަ އެވެ.
ގުޅިފަޅުން ދޫކުރާ ގޯތީގެ އަދަދާއި، ބޮޑު މިނުގެ ތަފްސީލުތައް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ:-
- 1250 އަކަފޫޓުގެ 684 ގޯތި
- 1650 އަކަފޫޓުގެ 1242 ގޯތި
- 2050 އަކަފޫޓުގެ 923 ގޯތި
- 2450 އަކަފޫޓުގެ 479 ގޯތި
- 2850 އަކަފޫޓުގެ 158 ގޯތި
- 3250 އަކަފޫޓުގެ 49 ގޯތި
- 3650 އަކަފޫޓުގެ 22 ގޯތި
މިނިސްޓްރީން ބުނިގޮތުގައި ގޯތީގެ ޕްލޮޓުގެ ގުރު ނެގުމުގެ ކަންކަން ކުރިޔަށް ގެންގޮސްފައި ވަނީ އެކަމަށް ހާއްސަކޮށްފައިވާ ތަނުގެ މުވައްޒަފުންނެވެ.
މިނިސްޓްރީން ބުނީ ގުރުނަގަމުންދާއިރު ހިޔާވެހި ޕޯޓަލްއިން ޕްލޮޓް އެލޮކޭޓްވާ ފަރާތްތައް ވަގުތުން ފެނި ވަގުތުން އެސްއެމްއެސްގެ މެސެޖެއް ލިބޭނެއެވެ.
ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިއުލާނު ކުރީ، އެމްޑީޕީގެ ސަރުކާރުގައި 24 އޮގަސްޓް 2023 ގައެވެ. ނަމަވެސް އޭރު އެކުލަވާލި ޕްލޭންގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުނަންޖެހޭ މުހިންމު ބައިތަކެއް ނެތުމުން، މި ސަރުކާރުން އައު ޕްލޭނެއް އެކުލަވާލީ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ގުޅިފަޅުގެ މަޝްރޫއުގެ ދަށުން އިތުރު 85 ހެކްޓަރު ހިއްކުމަށް ނިންމާފަ އެވެ.

