ޙައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއިން ދިޔަ ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ޙައްޖު މިޝަން އިން މައުލޫމާތު ދީފި އެވެ.
ހައްޖު މިޝަންއާއި ހަވާލާދީ އިސްލާމިކް މިނިސްޓްރީން މީޑިއާތަކަށް ބުނީ، މިއަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ 1000 ހައްޖާޖީން ވެސް މައްކާއަށް ގޮސްފައިވާ ކަމަށެވެ. އަދި ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅުކަމަށް ބުންޏެވެ.
ހަތަރު ފްލައިޓެއްގެ މަތިން ޙައްޖާޖީން މައްކާއަށްގޮސްފައިވާއިރު މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިންނަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހުމާއެކު ޙައްޖުވެރިންގެ ދަތުރަށް ވަނީ ވަރަށް ބޮޑު ލުއިފަސޭހައަށް ލިބިގެންގޮސްފައެވެ.
އެގޮތުން ޖިއްދާ އެއާޕޯޓުގައި ޙައްޖުވެރިން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދިޔައިރު މިކަމުގެ ހިއްހަމަޖެހުން ޙައްޖުވެރިން ވަނީ ފާހަގަކުރައްވާފައެވެ.
ޙައްޖުވެރިން މަޝާޢިރުތަކަށް ދިއުމުގެ ކުރިން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނުން މިހާރު ފުރިހަމަ ކުރަމުންދާއިރު، ޙައްޖުވެރިންނާއި ގުޅޭ ކަންކަން ސަޢުދީ ސަރުކާރާއި ގުޅިގެން ދިވެހި ޙައްޖު މިޝަންއިން އަންނަނީ ކުރަމުންނެވެ.
މިއަހަރުގެ ޢަރަފާތް ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަހެވެ.

