އަވަށްޓެރި ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ ދަތުރުވެރިން ސަމާލުވުމަށް ހެލްތް މިނިސްޓްރީން އެދިވަޑައިގެންފިއެވެ.
ހެލްތް މިނިސްތްރީން މީޑިއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވާގޮތުން އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ބަލި ހަލުވިކަމާއިއެކު ފެތުރެމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. މިއީ މަދިރީގެ ސަބަބުން ފެތުރޭ ބައްޔެއްކަމަށްވުމުން މިނިސްޓްރީންވަނީ ބަންދު ދުވަސްވަރު ދަތުރުކުރައްވާ ފަރާތްތަކުން މަދިރިން ސަލާމަތްވުމަށްޓަކައި ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސްކޮށްފައެވެ.
މިގޮތުން ދަތުރުކުރައްވާ ފަރާތްތަކުން ރައްކައުތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރެއްވުމަށާއި ވިހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުމަށްވެސް އެދިފައިވެއެވެ. މި ދުވަސްވަރު ކުޑަދޮރު އަދި އެހެނިހެން އެފަދަ ތަންތަނުގައި މިބޭނުމަށް ތައްޔާރުކޮށްފައިވާ ދާ ޖެހުމަކީވެސް ރައްކައުތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅެއްކަމަށް ފާހަގަކޮށްފައިވެއެވެ.
މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރު ލައްޕާފައި ބެހެއްޓުމަކީވެސް މިފަދަ ފިޔަވަޅެއްކަމަށް ހިއްސާކޮށްފައިވެއެވެ. އަދި ހުރިހާ ވައްތަރެެއްގެ މަދިރި އެންމެ ގިނަވަނީ ހެނދުނާއި ހަވީރުގައިކަމަށް ބުނެފައިވާއިރު އެންމެ ގަދައަށް ހަފަނީ ހެނދުނު ވަގުތުގައިކަމަށް ބުނެފައިވެއެވެ. ނަމަވެސް ހެނދުނާއި ރޭގަނޑުވެސް ރައްކައުތެރިވުމަށް ސަމާލުވެލެއްވުމަށް އެދިފައިވެއެވެ.

