ކުރިއަތް އޮތް އީދު ބަންދު ދުވަސްވަރަކީ، އެއާޕޯޓު ސަރަހައްދު ބާރުބޮޑުވާ ދުވަސްވަރަކަށްވުމާއިއެކު ދަތުރުވެރިން ކުރިޔާލާ އެއާޕޯޓަށް ދިޔުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން އިލްތިމާސްކޮށްފިއެވެ.
އެމްއޭސީއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ދަތުރުވެރިން ކުރިޔާލާ އެއާޕޯޓަށް ދިއުމަށް އެދޭ ކަމަށެވެ. އީދު ބަންދާއި ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ފުރަން އެއާޕޯޓަށް ދާނެތީ، ކުރިޔާލައި ޗެކިންވުމަށް ވެސް އެމްއޭސީއެލް ވަނީ އެދިފަ އެވެ.
މީގެއިތުރުން އެއާޕޯޓުގެ މަގުތަކުގެ މަސައްކަތްތައް ކުރިޔަށް ދާތީ ވެސް، ޓްރެފިކަށް ބާރު ބޮޑުވާތީ އެކަމަށް ސަމާލުވުމަށް ވެސް އެމްއޭސީއެލް އެދުނެވެ.
މީގެއިތުރުން، އެމްއޭސީއެލްގެ މުވައްޒަފުން އެއާޕޯޓު ސަރަހައްދުގައި ހަރަކާތްތެރިވެ، ދަތުރުވެރިންނަށް އެހީތެރިވެދީ، ފުރުމުގެ މަރުހަލާ އޮމާންކަމާއިއެކު ކުރިއަށް ގެންދިޔުމަށް އެހީތެރިވާނެކަމަށްވެސް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
އާންމު ގޮތެެއްގައި އީދު ބަންދު ދުވަސްރާއި ދިމާކޮށް، ރާއްޖެތެރެ ރަށްތަކަށް ދަތުރުކުރާ ފަރާތްތައް އިތުރުވުމާއިއެކު، އެ ޑިމާންޑަށް ކޭޓާ ކުރުމުގެ ގޮތުން ގައުމީ އެއާލައިންސްއާއި އެހެނިހެން އެއާލައިންތަކުގެ މަތިންދާބޯޓުގެ އުދުހުންތައް އިތުރުކުރެއެވެ.

