ވަށަފަރުގެ ރަށުރަމްޒެއްގެ ގޮތުގައި ހަދާފާއިފާ މޮނިއުމަންޓް މިނިސްޓްރ އޮފް ހެލްތު ޑރ. އަބްދުﷲ ނާޒިމް ހުޅުއްވައިދެއްވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ، މިފަދަ މަސައްކަތްތަކުން ރަމްޒުކޮށްދެނީ ރަށުގެ ރައްޔިތުންނާއި ރަށުގެ ކައުންސިލުން ރަށުގެ ތަރައްގީއަށް ގެންގުޅޭ ވިސްނުންކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަށް މި މޮނިއުމަންޓުން ވަރަށް ބޮޑަށް ހާމަވެގެންދާކަމަށެވެ.
ވަށަފަރުގައި ބިނާކުރެވުނު ރަށު ރަމްޒަކީ އެރަށް ނިސްބަތްތާ ވަށަފަރު މީހުން އުންބަށް ޖެހުމުގެ ހާދިސާއަށް ބިނާކޮށް ފަރުމާކޮށްފައިވާ މޮނިއުމަންޓެކެވެ.
އެގޮތުން، މި މޮނިއުމަންޓުން ދައްކުވައިދެނީ އުނބެއްގެ މަތީގައި ބަހައްޓައިފައިވާ ރިޔާނެގި ދޯންޏެކެވެ. އަދި ދޯނި ކައިރީގައި މަޑިއަކާއި ކޯމަހެއްވެސް ހަދައިފައިވާއިރު، މި މޮނިއުމަންޓް ފުރިހަމަކޮށްދެނީ ދޯނީގެ ކައިރީގައި ހުރި ހުސް އުނބުތަކެވެ.
އެގޮތުން، ރަށު ރަމްޒުގައި ހިމެނޭ ދޯނި ބަހައްޓައިފައިވާ ބޮޑު އުނބުވަނީ ފެންވަޑާމެއް ފަދައިން ފެން ފައިބާ ގޮތަށް ފަރުމާކޮށްފައެވެ. އަދި މޮނިއުމަންޓު ދަށުގައި މަސް ގެންގުޅެވޭނެހެން ޓޭންކެއްވެސް ހަދައިފައިވެއެވެ.

