ރާއްޖެއަށް އަންނަ އޮސްޓްރޭލިއާގެ ފަތުރުވެރިންނަށް އެ ގައުމުން އައު ޓްރެވެލް އެޑްވިޒަރީއެއް ނެރިފިއެވެ.
އޮސްޓްރޭލިއާގެ ފޮރިން އެފެއަރޒް އެންޑް ޓްރޭޑް ޑިޕާޓުމެންޓުން ހިންގާ ސްމާޓް ޓްރެވެލާރ ވެބްސައިޓު މެދުވެރިކޮށް ނެރިފައިވާ އެޑްވިޒަރީގައި އެ ގައުމުންވަނީ ރާއްޖެއަށް ދަތުރުކުރާނަމަ އެކަމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.
މިހާރު އެ ގައުމުން ރާއްޖެއަށް އޮންނަ އެޑްވައިޒަރީ މަތިކޮށްފައި ވަނީ ލެވެލް 2 އަށް ކަމަށްވާއިރު ވަރަށް ބޮޑަށް ސަމާލުވުމަށް އެދިފައިވާކަން ފާހަގަކޮށްލެވެއެވެ.
ރާއްޖެއަށް ދަތުރުކުރާއިރު ސަމާލުވުމަށް އެދިފައިވަނީ ދާހިލީ ހަމަނުޖެހުމާއި ޓެރަރިޒަމްގެ ބިރު އޮތްކަމަށް ބުނެކަން ފެނިގެންދާއިރު ރާއްޖެވަނީ އިންޑިއާ އާއި އިނގިރޭސިވިލާތްވެސް ހިމެނޭ ލިސްޓެއްގައި ޝާމިލުކޮށްފައެވެ. މި ސަރަހައްދުތަކުގައި ވޭތުވެދިޔަ އަހަރުތަކުގެ މަތިން އެކި ސެކިއުރިޓީ މައްސަލަތައް ފެންމަތިވެފައިވެއެވެ.
އެ ގައުމުން ދީފައިވާ އިރުޝާދުތަކުގެ ތެރޭގައި އާންމުން އެއްވެ އުޅޭ ތަންތަނަށް ގޮސް އުޅޭއިރު ސަމާލުވެގެން ތިބުން ހިމެނޭއިރު ސަބަބަކީ ސިޔާސީ މަގުމަތީ ހަރަކާތްތައް ހިންގަން ފެށުމުގެ ފުރުސަތު އޮތުންކަން ފާހަގަކުރެވެއެވެ.

