މިދިޔަ އަހަރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއަށް ލިބުނު ސާފު އާމްދަނީގެ އަދަދަކީ 1.1 ބިލިއަން ރުފިޔާއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައިވާގޮތުން، މިދިޔަ އަހަރު އެމްއޭސީއެލްއަށް ރެވެނިއުގެ ގޮތުގައި ލިބިފައިވަނީ 8.6 ބިލިއަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރު އެމްއޭސީއެލްއަށް ލިބުނު ރެވެނިއުގެ އަދަދާއި އަޅާބަލާއިރު 1 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އެމްއޭސީއެލްއަށް މި އަހަރު ހޭދަކުރެވުނު އަދަދަށް ބަލާއިރު 4.7 ބިލިއަން ރުފިޔާ އަރައިފައިވާކަން އޮޑިޓު ރިޕޯޓުން ދައްކާއިރު، ސާފު ފައިދާގެ ގޮތުގައި އެމްއޭސީއެލްއަށް ލިބިފައިވަނީ 4 ބިލިއަން ރުފިޔާއެވެ. އެގޮތުން، ޓެކްސްއާއި ހިންގުމުގެ ހަރަދުތައް ކަނޑާލުމަށްފަހު އެމްއޭސީއެލްއަށް ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާއެވެ. މިއީ، 2023 ވަނަ އަހަރުގެ އަޅާބަލާއިރު 198 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މިދިޔަ އަހަރު އެމްއޭސީއެލްއިން ދަރަނީގެ ޖުމްލަ އަދަދަކީ 13.4 ބިލިއަން ރުފިޔާއެވެ. މިއީ، 2023 ވަނަ އަހަރުގެ ޖުމްލަ ދަރަނީގެ އަދަދާއި އަޅާބަލާއިރު 1 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މީގެއިތުރުން، އޮޑިޓު ރިޕޯޓުން ދައްކާ ގޮތުގައި، އެމްއޭސީއެލްއިން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދަރަނީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ އަދާކުރަންޖެހެއެވެ. އެއީ، 5 އަހަރުގެ މުއްދަ، ކޮންމެ އަހަރަކު 8.5 އިންސައްތައިގެ އިންޓްރެސްޓު ރޭޓުގައި ދައްކަން ޖެހޭ ލޯނެކެވެ.
އެމްއޭސީއެލްއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް ހަވާލުވެ ހުރި ސަރުކާރު ހިއްސާވާ ކުންފުނިއެކެވެ. އެގޮތުން، މި ކުންފުނިއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާ ހޯދާ ކުންފުނިކަންވެސް ފާހަގަކޮށްލެވެއެވެ.

