މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަމުގައި ޕޭމަންޓް ދެއްކުމަށް އެދި އެސްއެމްއެސް މެދުވެރިކޮށް ލިންކްތަކެއް ފޮނުވައިގެން ސްކޭމެއް ހިންގަމުންދާތީ، އެކަމަށް ސަމާލުވުމަށް ކަސްޓަމްސްއިން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
ކަސްޓަމްސްއިން މިކަން ހާމަކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ އިދާރާއިން އެއްވެސް ޕޭމަންޓެއް ދެއްކުމަށް އެދި ލިންކަކާއެކު އެސްއެމްއެސްއެއް ނުފޮނުވާނެ ކަމަށެވެ. އަދި މިފަދަ ލިންކްތަކަށް ނުފިތުމަށް ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
މި ސްކޭމް މެސެޖުތަކުގައި ބުނެފައިވަނީ ކަސްޓަމްސް ފީ ދައްކާފައިނުވާތީ، ޕޯސްޓު މެދުވެރިކޮށް ޖަހާފައިވާ އޯޑަރު ޑެލިވަރ ނުކުރެވޭނެ ކަމަށެވެ. އަދި އޯޑަރު ލަސްވިޔަ ނުދިނުމަށްޓަކައި ފައިސާ ދެއްކުމަށް ލިންކެއް ވެސް އެ މެސެޖުތަކުގައި ހިމަނާފައިވެއެވެ. މި މެސެޖުތައް ފޮނުވަމުން ގެންދަނީ މޯލްޑިވްސް ޕޯސްޓްގެ ނަމުގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިފަދަ ސްކޭމް މެސެޖުތައް އެކި އިދާރާތަކުގެ ނަމުގައި ފޮނުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ޙައްޖު ކޯޕަރޭޝަންގެ ނަމުގައިވެސް މިފަދަ ސްކޭމް މެސެޖުތަކެއް ފޮނުވާފައިވެއެވެ. އެ ކޯޕަރޭޝަނުން ވެސް ވަނީ ލިންކެއް ފޮނުވައިގެން މެސެޖެއް ނުކުރާނެކަމަށް ބުނެފައެވެ.
މިފަދަ ސްކޭމް މެސެޖުތަކަށް ސަމާލުވެ، އެއްވެސް ހާލެއްގައި އެފަދަ ލިންކްތަކަށް ނުފިތުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

