ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން, ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް އައްޔަންކުރައްވައިފިއެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް ނަވީން އައްޔަނު ކުރައްވާފައިވަނީ މިއަދެވެ.
ފުލުހުންގެ ޤާނޫނު ބުނާގޮތުގައި، ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް ބޭފުޅަކު އައްޔަރުކުރައްވަނީ ހޯމް މިނިސްޓަރުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
ފުލުހުންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ނަވީން ވަނީ ފުލުހުންގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ.
ޕޮލިސް ކޮމިޝަނަރުގެ މަޤާމު ހުސްވީ، އެ މަޤާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް އޭޕްރީލް 26ގައި އިސްތިއުފާ ދެއްވުމުންނެވެ.
ޝުޖާޢު އިސްތިއުފާ ދެއްވުމާ ގުޅިގެން އެންމެ ފުރަތަމަ އެކްޓިންގ ކޮމިޝަނަރަކަށް އައްޔަނު ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއެވެ. ނަމަވެސް، އޭގެ ފަހުން އެ ނިންމުން ބަދަލުކޮށް މަސްއޫލިއްޔަތުތައް ނަވީންއާއި ހަވާލު ކުރިއެވެ.
ނަވީންއަކީ ފުލުހުންގެ މުވައްސަސާއަށް ހުށަހަޅައި ތަހުގީގުކޮށްފައިވާ އަދި ކުރަމުން ގެންދާ ބޮޑެތި މައްސަލަތައް ލީޑު ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި މާލޭގެ ގެއެއްގެ ފެންލައިޓަކުން އަންހެނަކު ވެއްޓުނު މައްސަލައިގެ ތަހުގީގު ހިމެނެއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ޙުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން 3 ބޭފުޅުން އެމަޤާމަށް ކުރިމަތިލައްވާފަވެއެވެ. އެއީ ނަވީންގެ އިތުރުން, ފަރުހާދާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމެވެ.
ޝުޖާޢު އިސްތިއުފާ ދެއްވާފައިވަނީ އޭޕްރީލް 26 ގައެވެ. އޭނާ އިސްތިއުފާ ދެއްވީ އޭޕްރީލް 18 ވަނަ ދުވަހު ހެންވޭރު ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތާމެދު ފާޑުކިޔުންތައް އަމާޒުވެ، ޒުވާނުން އޭނާގެ އިސްތިއުފާއަށް ގޮވާލަމުންދިޔަ ދަނޑިވަޅެއްގައެވެ.
ޝުޖާއު ވަނީ މޭ 8 ވަނަ ދުވަހު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައެވެ.

