ރާއްޖޭގެ ޖުޑިޝަރީ ހިނގާ ގޮތް ބެލުމަށް އދ. ގެ ސްޕެޝަލް ރެޕަޓުއާ އިން ދި އިންޑިޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔާސްއަށް ދިވެހި ސަރުކާރުން ދައުވަތު ދީފި އެވެ.
މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ޖުޑިޝަރީގެ ތެރެއަށް އަތް ގަދަ ކުރުމަށް ސަރުކާރުން މަސައްކަތް ކުރާކަމުގެ ތުހުމަތުކޮށް ބައިނަލްއަޤުވާމީ ބާ އެސޯސިއޭޝަންތަކާއި، ލޯ ފާމުތަކުން ބަޔާން ނެރެމުން ދާތީ ސަރުކާރުން މާގްރެޓް ސެޓަތްވެއިތަށް ފޮނުވި ސިޓީ އެކެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރު ވަކި ކުރުމުގެ މަސައްކަތް ފެށީ ދެ ބޭފުޅުން ވެސް ސަސްޕެންޑު ކުރުމަށް ފަހު އެވެ. ދެ މަސް ދުވަހަށް އެ މައްސަލަ ދެމިގެން ދިޔަ އިރު، ކޯޓުގައި އޭރު ބަލަމުން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަ އެވެ.
އެ ދުވަސްވަރު ބާ އެސޯއިސޭޝަންތަކާއި، ލޯ ފާމުތަކުން ނެރުނު ރިޕޯޓުތަކުގެ ސަބަބުން ސަރުކާރަށް އޭގެ ޕްރެޝަރ ވެސް ކުރިމަތިވި އެވެ. އަދި މަގާމުން ވަކި ކުރުމިގެ ކުރިޔަށް ޖަވާބުދާރީވުމަށް ފުރުސަތެއް ދީފައި ނުވާތީ ދެ ބޭފުޅުންގެ ފަރާތުން ފާޅުކުރަމުން ގެންދިޔަ ކަންބޮޑުވުންތައް ފާހަގަކުރި އެވެ.
ސަރުކާރުން ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރިކަމަށް އަޒްމިރަލްދާއާއި މަހާޒް ތުހުމަތު ކުރެ އެވެ.
މި މައްސަލައިގައި އަނެއްކާވެސް އިނަލްއަގުވާމީ ބާ އެސޯސިއޭޝަންގެ އިންސާނީ ހައްގުތަކާއި ބެހޭ އިދާރާގެ ކޯ ޗެއަރ މާރްކް ސްޓީވެންސް ވަނީ ބަޔާނެއް އާންމުކޮށްފަ އެވެ.
ތހުމަތުތަކާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ސޮއި ކުރައްވައި، ރެޕިޔުޓާ ސެޓަތްވެއިތަށް ވަނީ ސިޓީ އެއް ފޮނުވާފައި ވެއެވެ. އެ ސިޓީގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުވަތަ ބަންޑާރަ ނައިބާއި ސަރުކާރުގެ ތެރެއިން އެއްވެސް ނުފޫޒެއް ފަނޑިޔާރުންނަށް ފޯރުވާފައި ނުވާނެ ކަމަށެވެ.
ބަންޑާރަ ނައިބު އަހުމަދު އުޝާމް އަޒްމިރަލްދާއަށް ތިންވަނަ ފަރާތެއް މެދުވެރިކޮށް ގުޅުއްވައި ސުލޫކީ މައްސަލަ ބަލާނެކަމުގެ އިންޒާރު ދިންކަމުގެ ތުހުމަތުތައް ސިޓީގައި ވަނީ ދޮގުކޮށްފަ އެވެ. އަދި އަޒްމިރަލްދާ ގާނޫނީ ވަކީލުން މެދުވެރިކޮށް ނެރުނު އެކި ބަޔާންތަކުގައި ކުރައްވާފައި ހުރި ތުހުމަތުތަކާއި، ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދަށް ގެންދިޔަ މައްސަލަ ބޭނުންކޮށްގެން ބިރު ދެއްކުމަށް ސަރުކާރުގެ ތެރެއިން އުޅުނުކަމަށް ވިދާޅުވި ވާހަކަ ވެސް ދޮގު ކުރި އެވެ.
މިފަދަ އެއްވެސްކަމެއް ރާއްޖޭގެ ޝަރުއީ ނިޒާމުގައި އެހެން ފަނޑިޔާރަކާއި މެދު ވެސް ހިނގަމުން ނުދާނެކަމުގެ ޔަގީންކަން ދީ ސިޓީގައި މިނިސްޓަރ ޚަލީލް ވަނީ ކަންކަން ހިނގާ ގޮތް ބެއްލެވުމަށް ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ދެއްވާފަ އެވެ.

