ފުލުހުންގެ މުވައްސަސާގެ ހަމަތައް ހިފަހައްޓައި، މަސައްކަތްކޮށް ނަތީޖާ ނެރޭނީ ނަޒާހަތްތެރިކަމާއި އެކުކަމަށް ޕޮލިސް ކޮމިޝަނަރ އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ މުވައްސަސާގައި 30 އަހަރުގެ ދިގު ހިދުމަތަށް ފަހު، ނަވީން ޕޮލިސް ކޮމިޝަނަރުކަމަށް އައްޔަނުކޮށްފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވީ އަލީ ޝުޖާއު އިސްތިއުފާ ދެއްވައި ޝަރަފުވެރިކަމާއި އެކު ރިޓަޔަރ ކުރެއްވުމުންނެވެ.
ނަވީންނާއި އެކު ޕޮލިސް ކޮމިޝަނަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ޑެޕިއުޓީ ކޮމިޝަނަރ ފަރުހާދު ފިކުރީ ވެސް ހިމެނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި ނަވީން ކޮމިޝަނަރުކަމަށް އައްޔަނު ކުރުމުން، އެކަމަށް ޝުކުރު އަދާކުރައްވައި ނަވީން ވިދާޅުވީ އިތުރު މަސްއޫލިއްޔަތުތަކަކާއި އޭނާ ހަވާލުވެވަޑައިގެންނެވި އިރު ވަރަށް ގިނަ ބައެއްގެ ފަރާތުން މަރުހަބާއާއި ހިތްވަރުގެ މެސެޖުތައް ލިބުނު ކަމަށެވެ. އަދި އެއީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ފާހަގަކުރައްވައި ވިދާޅުވީ، ފުލުހުންގެ ހިދުމަތުގެ ހަމަތައް ހިފަހައްޓައި ނަޒަހާތްތެރިކަން ދަމަހައްޓާނެ ކަމަށެވެ.
ނަވީން ވިދާޅުވީ އަޒުމަކަށް ވާނީ ފުލުހުންގެ ހިދުމަތަށް އިތުރަށް ހަރުދަނާވުން ކަމަށެވެ. އަދި އިތުރު ކުރިއެރުންތަކަށް ވެސް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވި އެވެ.
ނަވީން ވަނީ ލީޑާޝިޕްއާއި ސްޓްރެޓެޖީ، ފައިނޭންސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާ އިން އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކްއީންސްލޭންޑް ތައުލީމު ހާސިލު ކުރައްވާފަ އެވެ. އަދި މެލޭޝިއާ އާއި އިނގިރޭސި ވިލާތުގެ ޔުނިވާސިޓީއަކުން ކްރިމިނަލް ލޯގެ ދާއިރާ އިން ވެސް ވަނީ ތައުލީމު ފުރިހަމަ ކުރައްވާފަ އެވެ.

