ކަނޑުގެ މުސްތަގްބަލަކީ މަދު ބަޔަކަށް ލިޔެވިދާނެ އެއްޗެއް ނޫންކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ފްރާންސްގައި ކަނޑުތައް ހިމާޔަތްކުރުމަށް ކުރިއަށް ގެންދާ އދ. ގެ ތިންވަނަ ކޮންފަރެންސްގައި ޝިޔާމް ވިދާޅުވީ، ކަނޑުތަކާއި ރާއްޖެފަދަ ގައުމުތައް ނުރައްކަލާ ކުރިމަތިލާންޖެހުނު ނަމަވެސް އެކަމުން އަރައިގަތުމަށް އެންމެ ކުރީސަފުގައި ދިވެހިރާއްޖެއިން މަސައްކަތްކުރަމުން ދާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި އެ ނުރައްކަލާ ރާއްޖެއިން ކުރިމަތިލާންޖެހިފައިވާކަމަށެވެ. އަދި ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަތައް ހުދުވުން ނުވަތަ މަރުވުމަކީ ހަމައެކަނި ސައިންސުވެރިން ފާހަގަކުރާ ކަންބޮޑުވެމެއްނޫންކަމަށާއި ކަނޑަކީ ދިވެހީންގެ ދިރިއުޅުމުގެ ހަގީގަތްކަމަށެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް އެންމެ ބޮޑަށް ކުރާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭއިރު، އެ ނުރައްކަލުން އަރައިގަތުމަށް ރާއްޖެއިން އަބަދުވެސް ކުރީސަފުގައި މަސައްކަތްކުރަމުން އަންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ހޫނުމިން އިތުރުވުމާއިއެކު، މަހުގެ ސްޓޯކް ކުޑަވަމުންދާކަން ޝިޔާމް ވަނީ ފާހަގަކުރައްވައިފައެވެ. އަދި ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކާއިއެކު ކަނޑުގެ ވެއްޓަަށްކުރާ ނޭދެވޭ އަސަރުތައްކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ކަނޑަކީ ސީދާ ދިވެހީންގެ ދިރިއުޅުމާ ގުޅިފައިވާ ވަސީލަތަަކަމަށްވުމާއިއެކު ދިވެހީންގެ ސަގާފަތް ރަމްޒުކޮށްދޭ އެއް އެއްޗަކީ ކަނޑުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއަކީ 93 އަށް ވުރެ ގިނަ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށްފައިވާ ގައުމެއްކަމަށާއި އދ ގެ އޯޝަންސް ކޮންފަރެންސްގެ ލަނޑުދަނޑިތައް ހާސިލުކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއްކޮށްފައިވާކަމަސްވެސް ވަޒީރު ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، ކަނޑާ ގުޅުންހުރި މުހިންމު ނިންމުންތައް ނިންމުމުގައި ކަނޑަށް އެންމެ ބޮޑަސް ބަރޯސާވާ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ބަސް ހިމެނެންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކަނޑުގެ މުސްތަގްބަލަކީ މަދު ބަޔަކަށް ލިޔެވިދާނެ އެއްޗެއް ނޫންކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.
ކަނޑުތައް ހިމާޔަތްކުރުމަށް ފްރާންސްގައި ކުރިއަށް ގެންދާ އދ. ގެ ތިންވަނަ ކޮންފަރެންސަކީ 2025 ޖޫން 9ވަނަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޮންފަރެންސްއެކެވެ. އެގޮތުން، މި ކޮންފަރެންސްގެ ޖަލްސާތަކުގެ އެއްފަރާތުން، ދިވެހިރާއްޖެއިން އިސްނަގައިގެން ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

