އަނިޔާ ލިބޭ އަންހެނުންނަށް އިތުރު ވަގުތީ ހިޔާތަކެއް ތައްޔާރުކުރަމުންދާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު، ޑރ. ޢައިޝަތު ޝިޙާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވެފައި ވަނީ، މި ވުޒާރާގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުންނެވެ. އެގޮތުން، ”ޑޮމެސްޓިކް ވައިލެންސް ޝެލްޓާ“ގެ ނަމުގައި އިތުރު ތިން ޝެލްޓާތަކެއް ތައްޔާރުކުރަމުންދާކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިވަގުތު ރާއްޖޭގައި މިފަދަ ހާލަތްތަކަށް ޤާއިމުކުރެވިފައި ހުރީ އެންމެ ހިޔާއެއްކަމަށް ފާހަގަކޮށް މިނިސްޓަރ ވަނީ އެހެންނަމަވެސް، އެ ވުޒާރާއަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދަށް ބަލާއިރު މުޖުތަމަޢަށް މިފަދަ އިތުރު ތަންތަން ބޭނުންވާކަމަށް ވިދާޅުވެފައެވެ.
މިހާރު ރާއްޖޭގައި ހުރީ އެންމެ ހިޔާއެއް. އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ނަމްބަރުތަކަށް ބަލާއިރު މުޖުތަމައަށް އެބަ ބޭނުންވާކަން މިކަހަލަ ތަންތަން.
މިނިސްޓަރ ވިދާޅުވިއެވެ.
2025 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ވެސް މި ވުޒާރާއަށް ވަނީ އަންހެނުންނަށް ކުރާ ތަފާތު އަނިޔާތަކުގެ 40 މައްސަލައެއް ހުށަހަޅާފައެވެ.

