މިއަހަރުގެ ހައްޖު މޫސުމުގައި ސައުދީ އަރަބިއާއަށް ގޮސްފައިވާ ދިވެހި ހައްޖުވެރީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތައް އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިކަން ހާމަކޮށްފައި ވަނީ އެ މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ކުރި ޕޯސްޓެއްގައެވެ. މިގޮތުން ހައްޖުވެރީންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވާ ހުކުރު ދުވަހުއެވެ. އޭގެ ޖެހިގެން އަންނަ ދުވަހު، އެއީ 14 ޖޫން ވާ ހޮނިހިރު ދުވަހު ދެވަނަ ގްރޫޕް ރާއްޖެ އަންނާނެއެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި ތިންވަނަ ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 16 ވާ ހޯމަ ދުވަހުއެވެ. އަދި އެންމެ ފަހު ގްރޫޕް ކަމުގައިވާ ހަތަރުވަނަ ގްރޫޕް ރާއްޖެ އަންނާނީ 17 ޖޫން ވާ އަންގާރަ ދުވަހުއެވެ. މިއަހަރު ރާއްޖެއިން ވަނީ 1,000 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާއަށް ގޮސްފައެވެ.
ހައްޖުވެރީން އެނބުރި ރާއްޖެ އައުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެއަރޕޯޓަށް ދާ މީހުންގެ އަދަދު ވީހާވެސް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ވަކިން ޚާއްޞަކޮށް ކުޑަކުދިން އެއަރޕޯޓަށް ނުގެންދިއުމަށް އެޗްޕީއޭ އިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ހައްޖުވެރީން އެނބުރި ރާއްޖެ އައުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ކަމާބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.

