މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިބްރާހިމް ފަރީދު އަހްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގެ އިތުރުން ރާއްޖޭގައިވެސް މިސްކިތެއް ބިނާކުރުމަށް ހިދުމަތް ޖަމިއްޔާއިން ނިންމައިފިއެވެ.
ޚިދުމަތް ޖަމިއްޔާއިން ހާމަކުރި ގޮތުގައި ފަރީދުގެ ހަދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް އެޅުމަށް ބޭނުންވާ ހަތް ލައްކަ ރުފިޔާ 24 ގަޑިއިރު ނުވަނީސް ލިބިފައިވެއެވެ. އަދި ގިނަ ފަރާތްތަކުން އެ ފަންޑަށް ފައިސާ ޖަމާކުރަމުންދާ ކަމަށާއި ބަންގްލަދޭޝްގައި މިސްކިތް ބިނާކުރުމަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ފައިސާ ލިބެމުންދާތީ ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރުމަށް ނިންމީ ކަމަށް އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.
ޝައިހް ފަރީދު އަވަހާރަވީ، ދީނީ ދަރުހެއް ދެއްވުމަށް މެލޭޝިއާއަށް ފޭބި ވަގުތު އެއާޕޯޓުގައި ހުއްޓައެވެ. އޭނާ ވަޑައިގެންނެވީ ދީނީ ދައުވަތުގެ މަސައްކަތުގެ ދަށުން ދަރުސް ދެއްވުމަށެވެ.
އުމުރުން 53 އަހަރުގެ ފަރީދު މެލޭޝިޔާގައި ނިޔާވުމާއި ގުޅިގެން ޖަނާޒާގެ ކަންތައް ވެސް ކުރިޔަށް ގެންދިޔައީ މެލޭޝިއާގައެވެ.

