އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ދަށުން ފައިގައި ޓެގު އެޅުވުމަށްފަހު ދޫކޮށްލުމަށް 121 މީހުން އެދިފައިވާ ކަމަށާއި މިހާތަަށް ނުވަ މީހަކު ޓެގާއެކު ބަންދުން ދޫކޮށްފައިވާ ކަަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކޮށްފިއެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ކުރެއްވި ޕޯސްޓެއްގައި ވަނީ ބަންދު ދޫކުރި މީހުންގެ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ.
އެގޮތުން ޓެގު އެޅުވުމަށްފަހު ބަންދުން ދޫކޮށްދިނުމަށް އެދި އެ އޮފީހަށް 121 ފޯމު ވަނީ ލިބިފައެވެ.
އޭގެ ތެރެއިން ފުލުހުންގެ އެސްމެންޓަށް ފަހު 20 މީހަކު ޓެގާއެކު ވެސް ދޫކުރެވެން ނެތް ކަމަށާއި އެސެސްމެންޓު ހެދި މީހުންގެ ތެރެއިން 9 މީހަކު ދޫކުރަން ނިންމާފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ. ބާކީ 92 ފޯމު ބަލައި ފުލުހުން ދަނީ އެސެސްމެންޓު ހަދަމުންނެވެ.
އެ ނިޒާމުގެ ތެރެއިން މިހާތަނަށް ދޫކުރި މީހުންގެ ތެރޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލައިގައި ބަންދުކޮށްފައި ތިބި މީހުން ހިމެނެއެވެ.
އެ މީހުން ދޫކޮށްލާފައި ވަނީ ދައުލަތުން ކަނޑައަޅާފައިވާ ޝަރުތުތަކަށް އެއްބަސްވުމަށްފަހުގައެވެ.
މި ޝަރުތުތަކުގެ ތެރޭގައި ކޯޓަށް ހާޒިރުވުމާއި، ރަށުން ބޭރަށް ނުދިއުމާއި، ރޭގަނޑު ވަކި ގަޑިތަކެއްގައި ގޭގައި ހުރުން ހިމެނެއެވެ.

