އިސްރާއީލާއި ހަމާސް ޖަމާއަތުގެ ދެމެދު ފެށިގެންދިޔަ ހަނގުރާމައިގެ ތެރެއިން މިހާތަނަށް 55،000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވާކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާގޮތުން އިސްރާއީލުގެ ހުއްޓުމެއް ނެތް އުދުވާންތަކަށް މިހާރު 20 މަސް ދުވަސްވެފައިވާކަމަށެވެ. އަދި އެތައް ހާސް މީހަކު ޝަހީދުކޮށްލާފައިވާއިރު މި ފަހުން ކާބޯތަކެތި ފޯރުކޮށްދޭ ސަރަހައްދުތަކަށްވެސް ހަމަލާތައް އަމާޒުކުރަމުންދާކަމަށެވެ.
އެ ސަރަހައްދުތަކުގައި މީހުން މަރަމުންދަނީ ކޮން ސަބަބަކާއި ގުޅިގެންކަން ސާފުނުވާކަމަށް ނޫސްތަކުން ބުނާއިރު އިސްރާއީލުންވަނީ ނުރައްކާތެރިކަމަށް ލަފާކުރެވޭ މީހުންނާއި ދިމާލަށް އިންޒާރު ދިނުމުގެ ގޮތުން ބަޑިޖެހިކަމަށް ބުނެފައެވެ. މިހާރު އެ ސަރަހައްދުގައި އެހީތެރިކަން ދެމުންދާ ޖަމާއަތަކީ ޣައްޒާ ހިއުމޭނިޓޭރިއަން ފައުންޑޭޝަންކަމަށްވާއިރު އެ ޖަމާއަތަށް ހިދުމަތްކުރާ ފަލަސްތީނުގެ ބައެއް ރައްޔިތުންވެސް ނިޔާވެފައިވާކަން ހާމަކޮށްފައިވެއެވެ. ނަމަވެސް އެކަމުގެ ޒިންމާ އަޅުވާފައިވަނީ ހަމާސް ޖަމާއަތުގެ މަތީގައިކަން ފާހަގަކުރެވެއެވެ.
އާންމުންނާއި އަސްކަރީގޮތުން ހަރަކާތްތެރިވާ މީހުން ދެމެދު ޣައްޒާގެ ހެލްތު މިނިސްޓްރީން ތަފާތުނުކުރާއިރު މިހާތަނަށް ނިޔާވި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އަދަދެއް ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންކަމަށް މައުލޫމާތު ދީފައިވެއެވެ. ނަމަވެސް އިސްރާއީލުންވަނީ އެ ގައުމުން ހަމަލާ ދޭ ހަމައެކަނި އަމާޒަކީ ސިފައިންކަމަށް ބުނެފައެވެ. އަދި އާންމުން ނިޔާވަމުންދަނީ ހަމާސްގެ ސަބަބުންކަމަށާއި އެމީހުންދަނީ އާންމުންގެ ތެރޭގައި ހަރަކާތްތެރިވަމުންކަމަށްވެސް ތުހުމަތުކުރެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާގޮތުން މިހާތަނަށް 127،394 މީހަކަށް ބޮޑެތި ޒަޙަމްތައް ލިބިފައިވެއެވެ. އަދި ގިނަ އަދަދެއްގެ މީހުން ވެއްޓުނު އިމާރާތްތަކުގެ އަޑީގައިވާކަމަށްވެސް ބުނާކަން ފާހަގަކުރެވެއެވެ.

