އިސްރާއީލާއި އީރާނުގެ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ފައިދާތަކެއް ވެގެންދަނި ރަޝިއާއަށްކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ވެލެންސްކީ ވިދާޅުވެއްޖެއެވެ.
އިސްރާއީލުން ދިން ހަމަލާތަކަށް ރައްދެއްގެ ގޮތުގައި އީރާނުންވެސް ހަމަލާތަކެއް ދެމުންދާއިރު ޒެލެންސްކީވަނީ އެކަމުގެ ސަބަބުން ރަޝިއާއަށް މަންފާތަކެއްވެގެންދާކަމަށް ވިދާޅުވެފައެވެ. މިގޮތުން ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު އަރައިގެންދާނެއިރު އެކަމުގެ ސަބަބުން ރަޝިއާއަށް އެ ގައުމުގެ އަސްކަރީ ބާރުވެރިކަން އަލުން އިޔާދަކުރުމަށްޓަކައި މާލީ ފައިދާތަކެއް ލިބިގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.
ޒެލެންސްކީ ވިދާޅުވީ، ތެލުގެ އަގު ބޮޑުވެގެންދިއުމުގެ ސަބަބުން ޔޫކްރެއިނަށް ހަނގުރާމައިގެ މައިދާނުގައި ގެއްލުންތަކެއް ވެގެންދާކަމަށެވެ. އޭނާ ވިދާޅުވީ، އެ ގައުމުގެ ހުޅަނގުގެ ބައިވެރިންގެ ފަރާތުން އުންމީދުކުރެވުނު ވަރުގެ ދަތިތަކެއް ރަޝިއާގެ ތެލުގެ ވިޔަފާރިއަށް ކުރިމަތިވެފައިނުވާކަމަށެވެ.
އޭނާ ވިދާޅުވީ، ހަމަލާ ބަދަލުކުރުންތައް ފެށުމާއިއެކު ބައިނަލްއަގުވާމީ މައިދާނުގައި ތެލުގެ އަގު ކުއްލި ގޮތަކަށް ވަރަށް ބޮޑަށް އުފުލިގެންދިޔަކަމަށެވެ. އެހެންކަމުން ތެލުގެ ވިޔަފާރި ފުޅާކުރުމަށް ރަޝިއާއަށް ފަހިވެގެންދާކަމަށާއި އެ ގައުމުގެ އާމްދަނީ އިތުރުވެ އަސްކަރީ ބާރުވެރިކަން އިތުރުވެގެންދާކަމަށެވެ.
މާކެޓު އަގުތަކަށް ބަލާއިރު ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު 7 އިންސައްތައަށް އަރައިގެންދިޔަކަން ފާހަގަކުރެވޭއިރު 3 ވަނަ ދުވަހަށް ދިގު ދެމިގެން ގޮސްފައިވާ ހަނގުރާމަ އިތުރަށް ފުޅާވެގެންދިއުމުގެ ފުރުސަތުވެސް އޮތްކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާކަން ފާހަގަކުރެއެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އިތުރަށް ތެލުގެ އެކްސްޕޯޓުގެ އަގުތައް ބޮޑުވެގެންދިއުމުގެ ބިރު އޮތްކަންވެސް ފާހަގަކުރެއެވެ.
ޒެލެންސްކީ ހިއްސާކުރެއްވިގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބައްދަލުވުމުން މި މައްސަލައާއި ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް ވަނީ ރާވާފައެވެ. އަދި އޭނާވަނީ މި ހާލަތުގެ ސަބަބުން އެމެރިކާއިން އެ ގައުމަށް އަސްކަރީ އެހީތެރިކަން ދެމުންދާ މިންވަރު ދަށްވެގެންދާނެކަމާއިމެދުވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިކަން އޮތްނަމަވެސް އެ ގައުމަށް ލިބޭ އެހީ ކުޑަނުވުމަށް އެދިވަޑައިގަންނަވާކަމަށާއި މީގެ ކުރިން މިފަދަ މައްސަލަތަކާއި ގުޅިގެން އެ ގައުމަށް އެހީ ލިބުން ހީނަރުވެގެންދިޔަކަމަށްވެސް ހިއްސާކުރެއްވިއެވެ.

