ރަޝިއާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ތެރެއިން އެ ގައުމުގެ މިލިއަނަކަށްވުރެ ގިނަ ސިފައިން މަރާލެވިފައިވާކަމަށް ޔޫކްރެއިންގެ އަސްކަރީ އޮފިޝަލުން ބުނެފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން އިޔާދަކުރަން ދަތިވެގެންދާނެ މިންވަރަކަށް ރަޝިއާގެ ސިފައިން މަރުވެފައިވާކަން ޔޫކްރެއިންގެ އަސްކަރިއްޔާއިން ހާމަކޮށްފައި ވަނީ ދާދި ފަހުން އެ ގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެމުންނެވެ.
މި ވާހަކަތައް ހިއްސާކޮށްފައި ވަނީ 3 އަހަރަށްވުރެ ދިގު ދެމިގެން ގޮސްފައިވާ މައްސަލައިގެ ތެރެއިން ރަޝިއާއަށް ދައްކަންޖެހިފައިވާ އަގުގެ އަންދާޒާއެއް ހިއްސާކުރުމުގެ ގޮތުންނެވެ.
ނޫސްތަކުން ބުނާގޮތުން މި މައުލޫމާތުތައް ހާމަކޮށްފައި ވަނީ ޔޫކްރެއިންގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފްކަމަށާއި މިކަން ހާމަކުރީ ރަޝިއާއިން އެ ގައުމުގެ މިނިވަންކަން ފާހަގަކުރަމުންދިޔަ ދުވަހެއްގައިކަމަށް ބުނެފައިވެއެވެ. ރިޕޯޓުތަކުން ބުނާގޮތުން މި އަދަދަކީ ހުޅަނގުގެ ގައުމުތަކުން އެކުލަވާލާފައިވާ ތަފާސްހިސާބުތަކުން ފެނިގެންދާ އަދަދުތަކާއި ގާތް އަންދާޒާއެއްކަމަށެވެ.
މި ވާހަކަތައް ދެއްކިފަހުން ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިންވަނީ ރަޝިއާ ޑޭ ފާހަގަކުރުމުގެ ގޮތުން ރައީސް އޮފީހުގައި ޔޫކްރެއިން ހަނގުރާމައިގެ ތެރޭގައި ބޮޑެތި ހިދުމަތްތައް ކޮށްދީފައިވާ ސިފައިންނާއި ބައްދަލުކޮށްފައެވެ. ނަމަވެސް އެއްވެސް ފަރާތަކުން ޔޫކްރެއިންގެ ވާހަކަތަކަށް ކޮމެންޓެއް ކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.
އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީންވެސް ވަނީ ރަޝިއާގެ މިލިއަނަކަށްވުރެ ގިނަ އަދަދެއްގެ ސިފައިން ހަނގުރާމައިގެ ތެރޭގައި ނެތިގޮސްފައިވާކަމަށް ބުނެ ބަޔާނެއް އާންމުކޮށްފައެވެ. މީގެ ތެރެއިން 250000 މީހުން ނިޔާވީ ފެބްރުއަރީ 2022 އަށް ފަހުކަމަށް މައުލޫމާތު ދީފައިވެއެވެ. އެމެރިކާގެ ސެންޓާރ ފޯރ ސްޓްރެޓީޖިކް ސްޓަޑީޒްއިންވެސްވަނީ ޖޫން މަސް ޖެހުމުގެ ކުރިން ރަޝިއާގެ ސިފައިން މަރުވި އަދަދު މިލިއަނަކަށް އަރައިގެންދާނެކަމަށް އަންދާޒާކޮށްފައެވެ.
ރަޝިއާއިން އެ ގައުމުގެ ސިފައިން މަރުވާ އަދަދު ރިޕޯޓުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ހަނގުރާމަ ފެށިގެން އައި ދުވަސްވަރުގައެވެ. އަދި ދާދި ފަހުން ރަޝިއާގެ އަސްކަރިއްޔާއިންވެސް ޔޫކްރެއިންގެ ސިފައިން މަރުވި އަދަދު މިލިއަނަކަށް އަރާފައިވާކަމަށް ބުނެފައިވާކަން ނޫސްތަކުން ފާހަގަކުރެއެވެ.

