އެމްޑީޕީ ކަހަލަ ބޮޑު ސިޔާސީ ޕާޓިއެއްގައި ރިޔާސީ ޓިކެޓުގެ ވިސްނުމުގައި މަސައްކަތްކުރައްވާނެ ބޭފުޅުން ޕާޓީގެ އިސް ސަފުގައި އަބަދުވެސް ތިއްބަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ
ނާޒިލް މިހެން ވިދާޅުވީ ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ނާޒިލް ވިދާޅުވީ މީގެ ކުރިން އެމްޑީގައި ރިޔާސީ ޓިކެޓު ކަށަވަރުވަނީ ވަރަށް ލަހުންކަމަށެވެ. މިގޮތުން މިސާލެއްގެ ގޮތުން ނިމިދިޔަ 2023 ވަނަ އަހަރުގައި ކަންހިނގާދިޔަގޮތަށް އަލިއަޅުއްވާލައްވަވައި ނާޒިލް ވިދާޅުވީ އޭރު ރިޔާސީ ޓިކެޓު ކަށަވަރުވީ މާލަހުން ކަމަށާއި މިފަހަރު އަވަސްކުރުމަށް މީހުން ބުނާކަމަށެވެ.
އެހެންކަމުން ޕާޓީގެ ލީޑަރޝިޕްގައި 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ކަށަވަރުކުރާ ފަރާތްތަކުން މިފަހަރު ތަންކޮޅެއް އަވަހަށް އެކަންކޮށް ނިންމާލަންވީކަމަށް ނާޒިލް ވިދާޅުވިއެވެ.
“ މިހެން ދިގުދަންމަ ދިގުދަންމަ ނުބާއްވާ ތަންކޮޅެއް އަވަހަށް ކޮބައިތޯ ކޮންބޭފުޅެއްތޯ ވަޑައިގަންނަވާނީ އެހިސާބަށްގޮސް ނިންމާލަންވީ… އޭރުން ހީވަނީ ތަންކޮޅެއް ތަފާތުވާނޭހެން ”
އިންތިހާބުގައި ވާދަކުރައްވާނީ ކޮންބޭފުޅެއްކަން އަވަހަށް އިގިގެން ދިޔައިމަ ޕާރޓީގެ ތެރޭގައި އެކަކު އަނެކަކަށް އިނގިލިދިއްކުރުމާއި, ޙަޤީގަތެއްނެތް ވާހަކަދެއްކުން މަދުވެގެންދާނެކަމަށް ނާޒިލް ވިދާޅުވިއެވެ.
ނާޒިލް މިހެން ވިދާޅުވެފައިވާއިރު 2028ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި އަބްދުއްالله ޝާހިދު ވާދަކުރައްވާނެކަމުގެ އަޑުގަދަވެފައިވަނިކޮށް ޕާޓީގެ ޗެއާރޕާރސަން ފައްޔާޒު އިސްމާއީލް ވާދަކުރައްވާނޭކަމަށް ވިދާޅުވިއެވެ. އަދި އެއާއިއެކު ކޮންމެވެސް ވަރެއްގެ ދެބަސްވުންތަކަކާއި ކޯޅުންތަކެއް ޕާޓީގެ ލީޑަރޝިޕް ތެރޭގައި އުފެދުނެވެ.

