ރ. މީދޫ ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލި މައްސަލައިގައި ތުހުމަތުވާ މީހުން ބަންދުނުކުރަން ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމި ނިންމުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ހޯމަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ.
މި އަޑުއެހުމުގައި ފަނޑިޔާރުންގެ ސުވާލުތަކަށް ދައުލަތުން ވަނީ ޖަވާބު ދީފައެވެ. އެގޮތުން ކުރެއްވި ސުވާލުތަކުގައި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ވަނީ 7 އަހަރު ވަންދެން މައްސަލައިގައި ތުހުމަތުވާ މީހުން ބަންދުގައި ތިބިއިރު، އެމީހުން އިތުރަށް ބަންދުކުރާއިރު މުޖުތަމައުގެ ސަލާމަތާއި، ތުހުމަތުވާ މީހުންގެ ހައްޤު ބެލެންސް ކުރެވޭނެތޯ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގައި ދައުލަތަށް ދީފައިވާ ބާރުގެ ދަށުން، ޖިނާއީ ބޮޑެތި މައްސަލަތައް ދައުލަތުން އިސްތިއުނާފު ކުރާ ޙާލަތުގައި އިސްތިއުނާފު ނިމެންދެން ބަންދުކޮށްދޭން އެދެވިދާނެކަމަށެވެ.
އެހެން އޮތްނަމަވެސް، ވަރަށް ޚާއްސަ ޙާލަތްތަކެއް ފިޔަވައި ދައުލަތުން މިހާތަނަށް ހައިކޯޓުގައި ބަންދުކޮށްދޭން އެދިފައިވާނީ ހަމައެކަނި ގަސްތުގައި މީހަކު މެރުމާ ގުޅޭ މައްސަލަތަކުގެ ތުހުމަތުވާ މީހުން އެކަނިކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އަނަސްގެ މަރުގެ މައްސަލައިގައި ތަކުރާރުކޮށް އެމީހުން ބަންދުކޮށްދޭން ދައުލަތުން އެދެމުންދަނީވެސް ސަބަބުތަކެއް ހުރެގެންކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެގޮތުން އެމީހުންނަކީ ކުށް ސާބިތު ނުވި ނަމަވެސް ކުށުގެ ވެށީގައި އަދިވެސް އުޅެމުންދާ ފަރާތްތަކެއް ކަމަށާއި، ޚާއްސަކޮށް ގޭންގް ކުށްތަކުގައި ބައިވެރިވާކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތުވެސް ލިބެމުންދާ ފަރާތްތަކެއްކަމަށް ވަކީލު ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ވަކީލުން ވިދާޅުވީ، ކުށް ސާބިތު ނުވާ ޙާލަތުގައިވެސް ބަންދުކޮށްދޭން ހުށަހަޚަން ވާނެކަމަށް 199 ވަނަ މާއްދާގައި ކަނޑައެޅިގެން ބުނެފައިނުވާ ކަމަށެވެ. އަދި އެމީހުންނަކީ ކުށުގެ ވެށީގައި އުޅޭ މީހުންނޭ ހަމައެކަނި ބުނެގެން ނުފުދޭ ކަމަށާއި، ކުށުގެ ވެށީގައި އުޅޭކަމަށް ބުނާ ސަބަބުތައްވެސް ސާފުވާން ޖެހޭކަމަށް ވަކީލު ވިދާޅުވިއެވެ.
ހަމައެއާއެކު، އެފަދަ ވާހަކަތައް ރަމްޒީ ގޮތެއްގައި ދެއްކުމަކީ އެ ފަރާތްތަކުގެ ޙައްޤުވެސް ގެއްލޭނެ ކަމެއްކަމަށް ވަކީލުން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމްއެވެ.
ދެން އޮންނާނީ މި މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ބާއްވާ އަޑުއެހުމެވެ.
މި މައްސަލައިގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރުމުން ދައުލަތުން އެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދުނު ނަމަވެސް ހައިކޯޓުން ނިންމީ އެމީހުން ބަންދު ކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
އެހެންވެ އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީއެވެ.
އެފަހަރު ސުޕްރީމް ކޯޓުން އެންގީ އެ ކޯޓުން ކަނޑައެޅި އުސޫލުތަކާ އެއްގޮތަށް އެމީހުންގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށެވެ. އެގޮތަށް އަންގައި މައްސަލަ ހައިކޯޓަށް އަނބުރާ ފޮނުވާލީއެވެ.
ހައިކޯޓުގައި އަނެއްކާވެސް ބަންދާ ގުޅޭ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށްފަހު ހައިކޯޓުން އަނެއްކާވެސް ނިންމީ އެމީހުން ބަންދުކުރަންޖެހޭ ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށެވެ. އެހެންވެ ދައުލަތުން އަނެއްކާވެސް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީއެވެ.

