ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ހިންގަމުންދާ އިންވެސްޓްމަންޓް ސްކީމްގައި ބައިލައްކައެއްހާ ދިވެހިން ބައިވެރިވެފައިވާކަން ހާމަވެއްޖެއެވެ.
ފުލުހުންނާއި ސީއެމްޑީއޭއިން ވަނީ ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ހިންގަމުންދާ އިންވެސްޓްމަންޓް ސްކީމުގައި ބައިވެރިވުމަށް ހިތްވަރުދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.
ޖީއެމްސީއީ އިން ދިވެހިންނަށް ހާއްސަ ކޮށްފައިވާ ޓެލެގްރާމް ގުރޫޕެއް ހިމެނޭއިރު، އެ ގްރޫޕުގައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި 50،000 އަށް ވުރެ ގިނަ މީހުން ވަނީ އެ އިންވެސްޓްމަންޓް ސްކީމާ ގުޅިފަ އެވެ. އަދި ޓެލެގްރާމް ގްރޫޕުގެ ޒަރިއްޔާއިން އެ ސްކީމްގެ އެންމެ ފަހުގެ މައުލޫމާތުތައްވެސް ދަނީ ފޯރުކޮށްދެމުންނެވެ.
މި ސްކީމަކީ ސީއެމްޑީއޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސްކީމެއް ނޫންކަމަށާއި، އަދި މިއީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫންކަމަށް ވެސް ފުލުހުންނާ ސީއެމްޑީއޭ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ އަލީގައި ޖީއެމްސީއީ ނުވަތަ ޖެމްކިއޫގެ ނަމުގައި ހިންގަމުންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ކަށަވަރު ކުރެވިފައިވާކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ހަމައެއާއެކު، އެ ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއްކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން، މިފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީ ވެސް ގާނޫނީ ގޮތުން ކުށެއްކަމަށް ބަޔާނުގައި އިތުރަށް ވަނީ ފާހަގަކޮށްފައެވެ،

