ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގަށް ނަގާ ތަކެތި ގަތުމަކީ އެކަމަށް ބާރުދީ ތަރުހީބު ދިނުން!

ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންއެއްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިޖްތިމާއީ ހާލަތު ރަނގަޅު ނޫންކަން ފުލުހުންގެ މުއައްސަސާއިން އާންމުކުރާ ތަފާސްހިސާބުތަކަށް ބެލުމުން ސާފެވެ. މި އަހަރު މިހާތަނަށް އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. ނިިމިދިޔަ އަހަރަށްވުރެ މަދުތޯ ބަލަން މުހިންމެއް ނޫނެވެ. ނޫސްތަކުގެ ހެޑްލައިނާއި ހިސާބަށް ވާސިލުވެވެނީ މަދު ހައިސްޓުތަކެއްގެ ވާހަކަ ކަމަށްވުމުން ބާކީ އަރައިގަންނަ ކުށްތަކަކީ ސީދާ އެންމެ ދަށް ފަންތީގެ އާދައިގެ ވައްކަންތައްކަން ކަށަވަރެވެ. ދާދި ފަހުން ހުކުރު ގަޑީ އިމާރާތަކުން ޓިނުގަނޑު ކަފާލައިގެން ވަދެ ވައްކަން ކޮށްފިއެވެ. މިސްކިތްތަކުން ފަންކާތަކާއި ބޮކިވެސް ވަގަށް ނަގަނީއެވެ. ތުއްތު ދަރިފުޅުގެ ނެޕީ ބޮނޑިވެސް ނަގަނީއެވެ.

ސޯޝަލްމީޑިއާގައި އާންމުވާ ވީޑިއޯތަކަށް ބަލާލުމުން ދުވަހުގެ ބޭނުންތަކަށްވެސް ބައެއް ފަރާތްތަކުން ވައްކަން ކުރާކަން ފެނިގެންދެއެވެ. އަދި ބައެއް މީހުން މިމަގުން ހޯދާތަކެތި އަލުން ވިއްކައިގެން އާމްދަނީއެއް ހޯދާކަންވެސް އެނގެއެވެ. މިހެން ބަލާއިރު މި ކުށްތަކުގެ ފަހަތުގައި މުޖުތަމައުގެ އިހުމާލެއްވެސް އޮތްކަން ފެނިގެންދެއެވެ. ވައްކަން ކުރާ ތަކެތި އަލުން ވިއްކޭނީ ގަންނަ ބަޔަކު ތިބެގެންނެވެ. މި މައްސަލަ ބޮޑުވެގެންދިޔަ މިންވަރަކީ ސްޓެލްކޯއިން ކަރަންޓު ދިނުމަށް ބޭނުންކުރާ ވަސީލަތްތަކުން ވައްކަންކޮށްގެން ބައެއް މީހުން ކަރަންޓުގައި ޖެހި ނިޔާވެފައިވުމެވެ. އެއީ ދެރަ ނުރައްކާތެރި އަމަލުތަކެކެވެ. ވައްކަން ކޮށްގެން ގެންނަ މުދާ ސީދާ އެގޮތުން ހޯދާފައިވާކަން އެނގޭއިރު އެތަކެތި ގަންނަ ނަމަ އެއީ އެފަދަ އަމަލުތައް ހިންގުމަށް ތަރުހީބު ދިނުމެވެ. އެފަދަ ތަކެތި ގަންނަ މީހުންނަށް މިފަދަ މައްސަލަތަކުގައި ހަގީގަތުގައި ޝަކުވާތަކެއް ކުރުމަށްވެސް ޖާގައެއް ނޯންނާނެއެވެ. ފޭހުނު އިލޮށި އައިސް އަނބުރާ ލޮލަށް ހެރޭ ވާހަކަ އަޑު ނާހަންތޯއެވެ.

މި ހާލަތު ގޯސްވެގެންދިއުމުގެ ސަބަބުން ބައެއް އެހެން މައްސަލަތައްވެސް ނުކުމެގެން އާދެއެވެ. އެއީ ވައްކަމުގެ އަމަލެއް ހިންގަން އުޅެނިކޮށް އަތުލައިގަނެވުމުން އެމީހަކު އޮރިޔާން ކުރުމާއި ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް ލިބިގެންދާ ފަދަ ރަހުމުކުޑަ އަމަލުތައް ހިންގުމެވެ. ވަގަށް ނެގި އެތި ހިފައިގެން ނުދެވެނީސް އަތުލައިގަނެވުނު ނަމަ ކަމާއި ބެހޭ ފަރާތްތަކާއި ހަވާލުކުރަންވީއެވެ. އެމީހަކަށް ދާއިމީ އަނިޔާތަކެއް ދިނުމަކީ އިތުރު ބޮޑެތި މައްސަލަތަކެއް އުފެދިގެންދިއުމަށް ފަހިވެގެންދާނެ މަގެކެވެ. ބަދަލު ހިފުމަކީވެސް އޮންނަ ކަމެއްކަން ދަނެގެން އުޅުން މުހިންމެވެ. ދާދި ފަހުން ސޯޝަލްމީޑިއާގައި އާންމުވި ވީޑިއޯއެއްގައި ފެނިގެންދިޔަ ގޮތުން ބަޔަކު މީހުންވަނީ ވައްކަން ކުރަން އުޅުނު މީހަކު އަތުލައިގަނެވުމުން އޭނާގެ ގަޔަށް ދަވާދު އަޅާފައެވެ. އެ އަމަލުތައް ހިންގީ އެމީހަކަށް ލިބިދާނެ ދާއިމީ ސިއްހީ ގެއްލުމަކަށް ބެލުމެއް ނެތިއެވެ.

ވައްކަން ކުރަނީ ކީއްވެތޯވެސް ބަލާލުން މުހިންމެވެ. ސޯޝަލްމީޑިއާގެ މަސައްކަތްތައް ފުޅާވެގެން ގޮސްފައިވާ މިންވަރުގެ ސަބަބުން އެފަދަ އަމަލުތައް ހިންގަނީ ހަމައެކަނި ފިރިހެނުން ނޫންކަންވެސް އެނގެއެވެ. ދާދި ފަހުން ފުލުހުންގެ މުއައްސަސާއިންވަނީ ފޭކު ސްލިޕުތައް ހަދައިގެން މުދާ އަތުލާ މައްސަލައެއްގެ ތަހުގީގަށް އަންހެނަކު ހޯދުމަށް އިއުލާނުކޮށްފައެވެ. އާންމުވާ ބައެއް ވީޑިއޯތަކުގައި ޒަރޫރީ ނޫން ނަމަވެސް ކާބޯތަކެތި ވަގަށް ނަގާ ތަން ފެނެއެވެ. ބައެއް މީހުން ޖަލަށާް ދިއުމުގެ ބިރުވެރިކަމަށް ބެލުމެއް ނެތި އަދި ބަޔަކު މީހުންގެ ފަރާތުން ލިބިގެންދާނެ އަނިޔާއަކަށް ބެލުމެއް ނެތި ވައްކަން ކުރާކަން ފާހަގަކުރެވެއެވެ. ގައިމު އެފަދަ ހާލަތެއްގައިވެސް އެކަމަށް އަރައިގަންނާނީ ކޮންމެވެސް ސަބަބުތަކެއް ހުރެއެވެ. ބައެއް މީހުންނަކީ ނަފްސާނީ މައްސަލައެއްގެ ސަބަބުންވެސް އެފަދަ އަމަލުތައް ހިންގާ މީހުންނެވެ. އެކަމަށް ކިޔަނީ ކްލެޕްޓޯމޭނިއާއެވެ. އެހެންކަމުން އެފަދަ މީހުންވެސް އުޅޭނެކަން ބަލައިގަތުން މުހިންމެވެ. ދެނެގަނެ ފަރުވާއާއި ހިސާބަށް ވާސިލުކޮށްދިނުން މުހިންމެވެ.

ވައްކަން ފަދަ ލަދުވެތި އަދި މީހާ ފަލީހަތްވެގެންދާނެ އަމަލުތަކަށް އަރައިގަންނަ ސަބަބުތަކަށް ބަލާއިރު މާލީގޮތުން ދަތިކަން ކުރިމަތިވެގެންދިއުން ނުހިމެނި ނުދާނެއެވެ. މީހާ ނަފްސު ބޭޒާރުވިޔަސް އެކަން ކުރަން މަޖުބޫރުވުމަކީ ބައެއް މީހުން އެފަދަ އަމަލުތައް ހިންގާ ސަބަބެވެ. ނަމަވެސް މިއީ އުޒުރެއްގެ ގޮތުގައި ބަލައިނުގަނެވޭނެއެވެ. ވައްކަން ކުރަން އެއްވެސް އުޒުރެއް ނެތެވެ. ބައެއް މީހުންނަކީ ވަޒީފާ އަދާކުރާ މާހައުލުން ވައްކަން ކޮށްގެން އެތަނުން ވަކިކުރާ މީހުންނެވެ. އެ ދުވަހަކީ މީހެއްގެ ހަޔާތުގައި އަންނާނެ ލަދުގަންނާނެ ހަނދާނުން ނުނެތޭނެ ދުވަހެއްކަން ކަށަވަރެވެ. މިފަދަ އަމަލުތައް ހިންގާ ސަބަބުތަކުގެ ތެރޭގައި ލިބޭ އާމްދަނީން ފަރު ނުޖެހުން ހިމެނޭނެއެވެ. ރާއްޖޭގައި މިއަދު ދިރިއުޅުމުގެ ހަރަދާއި ލިބޭ އާމްދަނީއާއި ނުބައްދަލުކަން އެންމެންވެސް ގަބޫލުކުރާނެއެވެ. ގިނަ މީހުންނަކީ ކޮންމެވެސް އެއް ތަނަކުން ދަރަންޏެއް ނަގައިގެން ތިބި މީހުންނެވެ. ދަރަނި ދެއްކޭނީ ކުލި އަދި ދިރިއުޅުމުގެ އެހެނިހެން އެފަދަ ހަރަދުތައް ހަމަޖެއްސިގެންނެވެ.

ބައެއް ކަންކަން ހައްލުކުރެވޭނީ ގާނޫނީގޮތުން އެކަމަށް އޮތް އެންމެ ވަރުގަދަ ފިޔަވަލުތަކެއް އަޅައިގެންނެވެ. ނަމަވެސް މުޖުތަމައެއްގެ ގޮތުުގައި މިފަދަ ކަންކަމާއި ދެކޮޅަށް ކުރެވިދާނެ ކަންކަން ހުރެއެވެ. މިސާލެއްގެ ގޮތުގައި ވައްކަމެއް ކުރާކަން ފާހަގަކުރެވިއްޖެ ހާލަތެއްގައި ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަކީ އެއްކަން ކަމަށްވާއިރު މުޖުތަމައެއްގެ ތެރޭގައި އެކަކު އަނެކާ ދެމެދު ބަދަހި ގުޅުންތަކެއް އޮންނަ ނަމަވެސް އެފަދަ އަމަލުތަކަށް އޮންނަ ޖާގަ ކުޑަވެގެންދެއެވެ.

މިއަދު އިވޭ ވާހަކަތަކަށް ބަލާއިރު ގޭތަކުގައި ދިރިއުޅޭ ބަޔަކު ގައުމުން ބޭރަށް ދިއުމުން ނުވަތަ އެހެން ހާލަތެއްގެ ސަބަބުން ގެ ހުސްވާ ދުވަސްރު ވައްކަން ކުރާކަން ފާހަގަކުރެވެއެވެ. ނަމަވެސް ޖެހިގެންވެސް ހުންނަނީ ގެއެއް ކަމަށްވާއިރު ހަމަ އެގޭ ބަޔަކަށް ނުވެސް ފެންނަނީތޯ ހިތަށް ނާރާތޯއެވެ. ފެނުނު ނަމަވެސް އަވަށްޓެރިކަމުގެ ގުޅުން ނެތުމުން ޖެހިގެން ހުރި ގޭ މީހުންނަކީ ކޮން ބައެއްކަންވެސް ނޭނގެއެވެ. ބަޔަކު މީހުންވެގެން ގޭގައި ތިބި ހުރިހާ މުދަލެއް ހިފައިން ނުކުންނައިރު ހިނގަމުންދަނީ ވައްކަމެއް ކަމެއްވެސް ނޭނގެއެވެ. އަހާލުން އަދި އަނެކާ ދިމާލަށް ބަލާލުންވެސް މި ޒަމާނުގައި މައްސަލައަކަށްވުން އެކަށީގެންވެއެވެ. ބަލަނީ ކޯއްޗެއްތޯ އަހާ އަޑު ވަރަށް ގިނަ މީހުންނަށް އިވިފައިވާނެއެވެ.

ވައްކަން ފަދަ މައްސަލައެއްގައި ހައްޔަރުކުރެވުމުން އެކަން ކުރުމާއި ހިސާބަށް ވާސިލުވި ގޮތްވެސް ބަލާލުން މުހިންމެވެ. މާލީ ހާލަތު ގޯސް އާއިލާއެއްގެ އެ ހާލަތު އިތުރަށް ގޯސްވުމަށް ދިމާވާ ފިޔަވަޅަކަށްވުރެ އެފަދަ އަމަލެއް ނުހިންގާ ދިރިއުޅެވޭނެ މަގެއް ފަހިކުރަން ފިޔަވަޅުތަކެއް އަޅަންވެސް ރަނގަޅެވެ. ހައްޔަރުކޮށް އަދަބު ނުދޭ ވާހަކައެއް ނޫނެވެ. ނަމަވެސް ދެން އެމީހާ އަނބުރާ މުޖުތަމައަށް ނެރޭއިރު ތަކުރާރުނުވާނެ މަގެއް ހޯދަންޖެހެއެވެ. ދޫކޮށްލުމުންނެއް ނުނިމެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: