ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މި ސަމާލު ދެމިއޮންނާނީ، މިއަދު ހަވީރު 15:00 އިން ރޭގަނޑު 20:00 އާއި ހަމަޔަށެވެ.
މެޓް އޮފީހުން ބުނެފައި ވަނީ، ހުދު ސަމާލު ނެރެފައިވާ ސަރަހައްދަށް، 19 މޭލާއި 24 މޭލުގެ ދެމެދުގައި ބާރުމިނަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެއިތުރުން، ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކުގެ ކަނޑުތައްވެސް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ އަންގައިފައެވެ.
މެޓްްއިން ވަނީ މި މަހުގެ 7 ވަނަ ދުވަހު ރާއްޖޭގެ ދެކުނު އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައިވާކަމަށް އިއުލާނުކޮށްފައެވެ.
މެޓް އޮފީހުން އިތުރަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހުޅަނގު މޫސުމުގެ އަސަރު މެދު ރާއްޖެތެރެއަށް ފޯރާނެ ކަމަށާއި، މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާނެ ކަމަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑުގެ ދަތުރުފަތުރު ކުރަން ރާވާފައިވާ ފަރާތްތަކަށް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

