ލާމަރުކަޒީ ނިޒާމު ހަރަދު ބޮޑުކަމަށް ދައްކައި، މި ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ކަތީބުންގެ ޒަމާން އަނބުރާ ގެނައުމަށްކަމަށް ހުޅުމާލެ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޝަމްހީދު މިފަދައިން ވިދާޅުވީ ލާމަރުކަޒީ ނިޒާމު ގައުމާއި ނުބައްދަލުކަމަށް ބުނެ، އިސްލާހު ގެނައުމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
މި ގަރާރު ހުށަހަޅާފައި ވަނީ ލާމަރުކަޒީ ގާނޫނަށް 15 އަހަރު ފުރުނުއިރު އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއި އެ ނިޒާމު ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައްޗަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށެވެ.
ގަރާރުގައި ބުނެފައި ވަނީ ދައުލަތުގެ ހަރަދު ބޮޑުވެ އިގްތިސާދު ކުރަން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ގާނޫނުގައި ބަޔާން ކުރާތީ ކޮންމެހެން ކުރަންޖެހޭކަމެއްގެ ގޮތުގައި ރާއްޖޭގެ ކޮންމެ ރަށަކުން މަދުވެގެން ތިބެން ޖެހޭ ގޮތަށް އޮތުމުން ރައްޔިތުން އެކަމާއި މެދު ސުވާލު އުފައްދާކަމަށެވެ. އެހެންވެ ގަރާރުގައި ވަނީ އެކަމަށް ހައްލު ގެނެވެން އޮތް ގޮތަކައި ކޮބައިތޯ ދެނެގަނެ ކަމާއި ގުޅުން ހުރި ސަރުކާރުގެ އިދާރާތަކާއި މުވައްސަސާތަކަށް އެހީތެރިވެ ހައްލެއް ހޯދުމަށެވެ.
މި ގަރާރަށް ބަހުސް ކުރައްވަމުން، ޝަމްހީދު ވިދާޅުވީ ކައުންސިލްތަކުގައި ތިބޭ މެމްބަރުންގެ އަދަދު ގިނަވެ ދައުލަތުން އެކަމަށް ބޮޑު ހޭދައެއް ކުރާކަމަށް ބުނެ ރައްޔިތެއްގެ ފަރާތުން އޭނާއާއި ހަމައަށް މިހާތަނަށް އައި ޝަކުވާއެއް ނެތް ކަމަށެވެ. ޝަމްހީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރަދު ބޮޑުކަމަށް ބަޔާންކޮށްފައި އޮތުމަކީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ.
ލާމަރުކަޒީ ނިޒާމެއް ގެނެސްގެން މިވޭތުވެ ދިޔަ 15 އަހަރުގެ ތެރޭގައި ގާނޫނުގެ ތެރެއިން ރައްޔިތުންނާއި ރަށްތަކަށް ލިބުނު އެއްވެސް ކުރިއެރުމެއް މަންފާއެއް ނެތްކަމަށް ގަރާރުގައި ބުނެފައި ވާތީ އެކަމަށް ޝަމްހީދު ދެކޮޅު ހެއްދެވި އެވެ. ޝަމްހީދު ވިދާޅުވީ ރައްޔިތުންނަށް ލިބުނު ލުއިފަސޭހަތަކާއި އެ ރަށެއްގެ ރައްޔިތުން އެދޭ ބަދަލު ކައުންސިލްތަކުން ގެނައި ގޮތުގެ ވާހަކަ ދާއިރާތަކުގެ މަޖިލިސް މެމްބަރުން ވެސް ދައްކަވާ ކަމަށެވެ.
ޝަމްހީދު ވަނީ ގަރާރުގައި އެއްވެސް ހަގީގަތެއް ނެތް މިސާލުތައް ނަގާފައި ވާތީ، އެކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ. އެގޮތުން 50 އެއްހާ މީހުންގެ އާބާދީއެއް އޮތް ރަށްތައްކަމަށް ބުނާއިރު، ރާއްޖޭގެ އެއްވެސް ރަށެއްގައި އެހާ މަދު އަދަދެއްގެ ބަޔަކު ދިރިއުޅެމުން ނުދާކަމަށް ޝަމްހީދު ވިދާޅުވި އެވެ.
އޮޅުވާލައިގެން ގަރާރެއް މަޖިލީހަށް މި ހުށައަޅަނީ ކޮން މަގުސަދެއްގައި ތޯ ސުވާލު އުފެދޭ.. ލާމަރުކަޒީ ނިޒާމު ގަބޫލު ކުރޭ މިތާ ތިބި ހުރިހާ މެމްބަރުން ވެސް.. މި ނިޒާމުވާ ފައިދާ އެންމެނަށް ވެސް ފެންނާނެ..
ލާމަރުކަޒީ ނިޒާމުގެ ސަބަބުން ރަށްތަކަށް އައި ބަދަލު އެންމެ ގާތުން ފެނުނީ، މިދިޔަ އީދުގައިކަމަށް ޝަމްހީދު ވިދާޅުވި އެވެ. އެހެންކަމުން ކަތީބު ނިޒާމަކަށް ގޮސް، ރަށްތަކުގެ ބާރުވެރިކަން ކަނޑުވާލުމަކީ އެންމެ ރަނގަޅު ގޮތްތޯ ޝަމްހީދު ސުވާލު އުފެއްދެވި އެވެ.
ކައުންސިލް މެމްބަރުންގެ އަދަދު މަދު ކުރުމާއި މެދު ހިޔާލު ހޯދުމަށް ގަރާރުގައި ހުށަހަޅާފައި ވާތީ، ޝަމްހީދު ވިދާޅުވީ ލޯކަލް ގަވަމަންޓް މިނިސްޓްރީއެއްގެ ދަށުން މަސައްކަތް ކުރާ މިއީ ފުރަތަމަ ގައުމެއް ނޫންކަމަށެވެ. އެހެންކަމުން މިހާރު ދާއިރާތަކަށް އިންތިހާބު ކުރާ ކައުންސިލްތަކުގެ އަދަދު ގޯސްކަމަށް ނިންމަނީ ކޮން އަސާސްތަކެއްގެ މައްޗަށްކަން ބުނެދޭން ޖެހޭކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ ހަރަދުގެ ވާހަކަތައް ދައްކާއިރު، ކައުންސިލްތަކުގެ އަދަދު މަދުކޮށް އެ ގެންނަ ބަދަލަކުން ސަލާމަތް ކުރެވެން އޮތީ ބަޖެޓުގެ 0.1 އިންސައްތަކަމަށެވެ. އެހެންކަމުން މިއީ ހަރަދު ކުޑަކުރުމުގެ ވިސްނުމެއްކަމަށް ބެލެވޭނެ ހަމައެއް ނެތްކަމަށް ޝަމްހީދު ވިދާޅުވި އެވެ.

