ލާމަރުކަޒީ ނިޒާމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ޤާއިމުކުރެވިފައިވާ މުހިންމު އޮނިގަނޑެކެވެ. މި ނިޒާމުގެ މައިގަނޑު މަޤްޞަދަކީ މައި ސަރުކާރުގެ ބައެއް މަސްއޫލިއްޔަތުތަކާއި ޒިންމާތައް ރަށު ފެންވަރުގެ ކައުންސިލްތަކަށް ބަދަލުކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމެވެ. ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް މި ނިޒާމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.
2010 ވަނަ އަހަރު ތަޢާރަފުކުރެވުނު އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް މިހާތަނަށް ގިނަގުނަ ބަދަލުތަކެއް ގެނެވި، 2020 ވަނަ އަހަރު ޚާއްޞަ ޤާނޫނެއްވެސް ވުޖޫދަށް އައިސްފައިވެއެވެ. މި ޤާނޫނީ އޮނިގަނޑުގެ މަޤްޞަދަކީ ރައްޔިތުންނަށް ބާރުވެރިކަން ދިނުމާއި، އިޖްތިމާޢީ، އިޤްތިޞާދީ އަދި ސަޤާފީ ގޮތުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ.
ނަމަވެސް، މި ނިޒާމު ތަޢާރަފުކުރެވުނުތާ 15 އަހަރު ފާއިތުވެ، އެތައް ބިލިއަން ރުފިޔާއެއް ޚަރަދުކުރެވި، ހަތަރު އިންތިޚާބެއް ބޭއްވިފައިވީ ނަމަވެސް، ނިޒާމުގެ ޙަޤީޤީ މަޤްޞަދުތައް ޙާޞިލުވެފައިވާ މިންވަރާމެދު ސުވާލު އުފެދެއެވެ. މި ނިޒާމުގެ ކާމިޔާބީ ވަޒަންކުރުމަށް، ކުރެވޭ ޚަރަދާ އެއްވަރަށް ނަތީޖާ ނެރެވޭތޯ ބެލުން މުހިންމެވެ.
ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޤައުމުގެ ތަރައްޤީގައި އަތޮޅުތެރޭގެ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރަން ޖެހެއެވެ. ކައުންސިލްތަކަށް ތަރައްޤީގެ މަޝްރޫޢުތަކާއި މުނިސިޕަލނިސިޕަލް ޚިދުމަތްތައް ހަރުދަނާކުރުމަށް ފަސޭހަ މަގުތަކެއް ފަހިކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ހަމައެހެންމެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ފުޅާކޮށް، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި، ރަށްރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސް ކޮށްދިނުމަކީ ނިޒާމުގެ ހަގީގީ ފޮނިމީރުކަން ރައްޔިތުންނަށް ލިބެން އޮތް މަގެވެ.
މިހާރުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އަޅުއްވަމުންދާ ފިޔަވަޅުތަކާއި، ކުރިމަގުގައި ގެންނަން ރޭވިފައިވާ ޤާނޫނީ އިޞްލާޙުތަކަކީ އުންމީދީ ކަންތައްތަކެކެވެ. މި ބަދަލުތަކާއެކު، ލާމަރުކަޒީ ނިޒާމު އޭގެ ޙަޤީޤީ މާނައިގައި ތަންފީޒުވެ، ރަށްރަށުގެ ތަރައްޤީއަށް މަގުފަހިވެގެންދާނެކަމަށް ރައްޔިތުން އުންމީދުކުރެއެވެ.
ލާމަރުކަޒީ ނިޒާމުގެ އަސްލު މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، ރަށްރަށުގެ ރައްޔިތުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ފަދަ ނިޒާމެއް ޤާއިމުކުރުމަކީ މުހިންމު ކަމެކެވެ. މިގޮތުން، ރަށްރަށުގައި އަސާސީ ޚިދުމަތްތައް ފުޅާކޮށް، އާމްދަނީ ހޯދޭނެ ދެމެހެއްޓެނިވި މަގުތައް ތަނަވަސްކުރުމަކީ އިސްކަންދޭންޖެހޭ ކަންކަމެވެ. އަދި ހަމައެހެންމެ، ކައުންސިލްތަކަށް އިތުރު ބާރުތަކާއި ވަސީލަތްތައް ފޯރުކޮށްދީ، ރަށު ފެންވަރުގައި ނިންމުންތައް ނިންމުމުގެ ޤާބިލުކަން އިތުރުކުރަންޖެހެއެވެ.
ލާމަރުކަޒީ ނިޒާމުގެ ކާމިޔާބީ ވަޒަންކުރުމަށް، އަޅުގަނޑުމެން އަބަދުވެސް ސުވާލުކުރަންޖެހެނީ މި ނިޒާމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ރަށްރަށުގެ ތަރައްޤީ އަވަސްވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެފައިވޭތޯއެވެ؟ މި ސުވާލުތަކަށް އިޖާބީ ޖަވާބެއް ލިބޭނަމަ، އެއީ ލާމަރުކަޒީ ނިޒާމުގެ ޙަޤީޤީ ކާމިޔާބީއެވެ.
ކުރިމަގުގައި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް، ސަރުކާރާއި ކައުންސިލްތަކާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރުން މުހިންމެވެ. މީގެ ތެރޭގައި، ކައުންސިލްތަކުގެ މާލީ ޤާބިލުކަން އިތުރުކުރުމާއި، ކައުންސިލަރުންނާއި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގަން ޖެހެއެވެ. ހަމައެހެންމެ ރަށްރަށުގެ ވަސީލަތްތައް ދެނެގަނެ، އެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ޖަވާބުދާރީވުން ހަރުދަނާކުރުމުގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކައުންސިލްތަކުގެ ޚިދުމަތްތައް ހަލުވިކޮށް ފެންވަރު ރަނގަޅުކުރުމަކީ ނިޒާމް ހަރުދަނާ ކުރުމަްށް މިއަދު ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.
އަޅުގަނޑުގެ ހިޔާލުގައި ލާމަރުކަޒީ ނިޒާމަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ނިޒާމެކެވެ. ނަމަވެސް މި ނިޒާމުގެ ފުރިހަމަ ފައިދާ ލިބެނީ އޭގެ އަސްލު މަޤްޞަދުތައް ޙާޞިލުވާ މިންވަރަކުންނެވެ. އެހެންކަމުން، ލާމަރުކަޒީ ނިޒާމު އިތުރަށް ވަރުގަދަކޮށް، ރަށްރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހެއެވެ.

