ސައްޙަނޫން ޑޮލަރުތަކެއް މީހަކަށް ދިނުމަށްފަހު މުދަލެއް ހޯދި މައްސަލައެއްގައި އުފުލާފައިވާ ދައުވާއެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވަނީ ރަނގަޅަށްނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާކުރީ ސ ހުޅުދޫ އިރަމާގޭ ޙުސައިން ޒައިދާން ޢަލީގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާއެވެ.
އޭނާގެ މައްޗަށް މި މައްސަލައިގައި މަނީ ލޯންޑްރިންގގެ ދަޢުވާ ކޮށްފައިވަނީ ދެ ޢަމަލެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ސައްޙަނޫން ޑޮލަރުތަކެއް މީހަކަށް ދިނުމަށްފަހު މުދަލެއް ހޯދުމުގައިވާ މަކަރާއި ޙީލަތްހެދުމާއި، މަކަރާއި ޙީލަތުގެ ޢަމަލުން ލިބުނު މުދާ ވިއްކައިގެން ފައިސާ ހޯދައި ބޭނުން ކޮށްފައިވުމުގެ ކުށުގެ ތުހުމަތުގައެވެ.
އެހެންނަމަވެސް އެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ ކްރިމިނަލް ކޯޓުން ދައުވާ ބޭރުކޮށްލާފައިވާއިރު، ކްރިމިނަލް ކޯޓުގެ ނިންމުން ބިނާވަނީ 2 އަސާސެއްގެ މައްޗަށެވެ.
އެއީ ދަޢުވާލިބޭ ފަރާތުގެ ބަޔާން އެއްފަރާތްކުރާ ޙާލަތުގައި މަނީ ލޯންޑްރިންގގެ ކުށުގެ އުންސުރުތައް ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް ދައުލަތުން މި މައްސަލައިގައި ހުށަހަޅާފައި ނެތުމާއި، މި މައްސަލައިގައި ތަޙުޤީޤުގައި ދަޢުވާލިބޭ މީހާ ވެފައިވާ އިޢުތިރާފަށް ބާރުލިބިދޭ އިތުރު އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތްކަމަށް ބުނެއެވެ. އޭނާ ތަހުގީގުގައި އިއުތިރާފުވިނަމަވެސް، ފަހުން ކޯޓުގައި ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފުކޮށް ދައުލަތުން ހައިކޯޓުގައި ބުނެފައިވަނީ މި މައްސަލައިގައި ހުށަހެޅި ހެކިތަކުން ދައުލަތުން ކޮށްފައިވާ ދަޢުވާގެ ކުށުގެ ޢުންޞުރުތައް ފުރިހަމަވާގޮތް ޝަރީޢަތުގައި ސާފުކޮށްދީފައި ވާނެކަމަށާއި، މި މައްސަލައަކީ ހަމައެކަނި އިޢުތިރާފުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެއް ނޫންކަމަށެވެ.
މި މައްސަލައިގައި ދައުލަތުގެ އިސްތިއުނާފީ ނުކުތާ ބިނާކޮށްފައިވަނީ ކްރިމިނަލް ކޯޓުން މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ މައްސަލައެއްކަމަށް ނިންމެވި ނިންމެވުން ވަޒަން ކޮށްފައިވާގޮތުގެ ނުރަނގަޅުކަމުގެ މައްޗަށެވެ.
އެހެންކަމުން ދައުލަތުން ހައިކޯޓުގައި އެދިފައިވަނީ މި މައްސަލައިގައި އިސްތިއުނާފު ކޮށްފައިވާ ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލުކޮށް، މި މައްސަލަ ހައިކޯޓުން ނިންމާ ތާރީޚުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި އަލުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން މައްސަލައިގައި ދަޢުވާ ސާފުވިކަމަށް ކަނޑައަޅައި ދަޢުވާއަށް ޖަވާބުދާރީވި ހިސާބުން ފެށިގެން އެ ކޯޓުގައި ކުރިއަށްގެންދަން ޖެހޭނެކަމަށް ކަނޑައަޅައި ދިނުމަށެވެ.
މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ތުހުމަތެއްގައި ހައްޔަރުކޮށްފައި މަނީ ލޯންޑްރިންގގެ ދަޢުވާ ކޮށްފަވާތީ އެގަޑީގައި އިޢުތިރާފުވެފައިވަނީ އެއީ ބޮޑުމައްސަލައެއް ކަމަށްވާތީ، މައްސަލައިގައި އިއުތިރާފުވުމުން ލުއި ލިބޭނެކަމަށް ބުނެފައިވާތީ ކަމަށެވެ. ނަމަވެސް ދައުވާގައިވާ އަމަލަކީ އޭނާ ކޮށްފައިވާކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ. އަދި މި މައްސަލައިގައި ހުށަހަޅާފައިވާ އިޢުތިރާފަކީ ސައްޙަ އިޢުތިރާފެއް ނޫންކަމަށްބުނެ ވާހަކަ ދައްކާފައިވެއެވެ.
ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރުމަށްފަހު މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވީ މި ދައުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ދައުވާއެއްކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ބާތިލު ކުރުމަށެވެ.
މީގެ އިތުރުން، މި މައްސަލަ ނިންމާ ތާރީޚުން ފެށިގެން މަސައްކަތު 7 ދުވަސްތެރޭގައި ޙުސައިން ޒައިދާން ޢަލީގެ މައްޗަށް މި ދަޢުވާ އަލުން ހުށަހަޅައިފިނަމަ މި މައްސަލަ ކޯޓުން ބަލައިގަނެ، ދަޢުވާ އޭނާއަށް ސާފުވެފައިވާކަމަށާއި، ދަޢުވާއަށް އޭނާ އިންކާރު ކޮށްފައިވާކަމަށް ކަނޑައެޅުމަށްފަހު، އެ ހިސާބުން ފެށިގެން މި ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ތަރުތީބާ އެއްގޮތަށް މައްސަލަ ކުރިއަށް ގެންދިޔުމަށްވެސް ފަނޑިޔާރުން ވަނީ އަންގަވާފައެވެ.
ހައިކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު ދީބާނާޒް ފަހުމީ، ފަނޑިޔާރު މުޙައްމަދު ޝަނީޒް އަބްދުﷲ އަދި ފަނޑިޔާރު އަބްދުލް މާނިއު ހުސައިންއެވެ.

