ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޓޯބާލެސް“ ވެހިކަލް ބޭނުންކުރަން ފެށުމުގެ ފަހު މަރުހަލާގައި: އެމްއޭސީއެލް

ޓޯބާލެސް ވެހިކަލް/ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަންލް އެއާޕޯޓުން މަތިންދާބޯޓުތަކަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން، މަތިންދާ ބޯޓު ޓަގުކުރުމަށްޓަކައި ”ޓޯބާލެސް“ ވެހިކަލް ތައާރަފުކޮށް، ބޭނުންކުރަން ފެށުމުގެ ފަހު ތައްޔާރީތައް ފަށައިފި އެވެ.

އެމްއޭސީއެލްއިން ވަމުންދާ ތައްޔާރީތައް

އެކްސް ޕްލެޓްފޯމުގައި އެމްއޭސީއެލްއިން ކުރި ޕޯސްޓުގައި ބުނީ، މަތިންދާބޯޓު ޓޯކުރުމަށް މިހާރު ދުނިޔޭގެ އެހެން ގައުމުތަކުގެ އެއާޕޯޓުތަކުގައި ބޭނުންކުރަމުންދާ ޓޯބާލެސް ވެހިކަލްތައް ބޭނުންކުރަން މިވަގުތު ހުރީ ތައްޔާރުވުމުގެ އެންމެ ފަހު މަރުހަލާގައި ކަމަށެވެ. މި ވެހިކަލަކީ، އެއާޕޯޓުގެ އެޕްރަން އިން ފެށިގެން ރަންވޭއާ ހަމަޔަށް މަތިންދާބޯޓު ދަމައިގަތުގެ ގާބިލުކަން ހުރި، އެއާޕޯޓުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމުގެ ރަން ފެންވަރުގެ ސަމަކާރަ ހުރި ވެހިކަލެއްކަމަށް އެމްއޭސީއެލްއިން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން، މި ވެހިކަލްތައް އޮޕަރޭޓުކުރުމަށް 8 އޮޕަރޭޓަރުން ތަމްރީނުކޮށްފައިވާކަމަށާއި، މިވަގުތު ޓްރަކް އޮޕަރޭޓްކުރަން ފެށުމުގެ ކުރިން ހަދަންޖެހޭ ރިސްކު އެސެސްމަންޓުގެ މަސައްކަތްތައް ކުރަމުންދާކަމަށް އެމްއޭސީއެލްއިން ވަނީ ފާހަގަކޮށްފައެވެ.

މިވަގުތު ބޭނުންކުރާ ވެހިކަލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިވަގުތު ބޭނުންކުރަމުންދަނީ ޓޯބާ އެއާކްރާފްޓް ޓަގް ވެހިކަލެވެ. އެގޮތުން، މި ވެހިކަލަކީ، 1950 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ވެހިކަލްތަކަކަށްވާއިރު، މިއީ މި ޒަމާނުގެ ޓޯބާލެސް ޓަގް ވެހިކަލްތަކާއި އަޅާބަލާއިރު ފެންވަރުގެ ގޮތުން ދަށް އަދި މަސައްކަތުގެ އަވަސްމިން ލަސް ވެހިކަލެކެވެ.

ޓޯބާ އެއާކްރާފްޓް ޓަގް ވެހިކަލް ފެންވަރު ދަށްވާ ސަބަބު

  • ޓޯބާ އެއާކްރާފްޓް ޓަގް ވެހިކަލް ބޭނުންކުރާއިރު، މަތިންދާ ބޯޓުގެ ކުރިމަތި ފަރާތުގެ ލޭންޑިންގ ގިއަރާއި ގުޅުވުމަށް މެނުއަލީ މަސައްކަތްކުރަންޖެހުމުގެ ސަބަބުން މަތިންދާބޯޓު އޭޕަރަނުން ގެންދަން ވަރަށް ދިނަ ވަގުތު ހޭދަވެއެވެ. އަދި މަތިންދާބޯޓު ދަމާ ހެދުމުގައި މެނިއުވާކޮށް، އަނބުރަން ބައިވަރު ވަގުތު ހޭދަވުމުގެ ސަބަބުންވެސް އެއާކްރާފްޓް ގެންދިޔުމުގައި ގިނަ ވަގުތުތަކެއް ހޭދަވެގެންދެއެވެ.
  • ޓޯބާ މަތިންދާބޯޓއަކީ ކުރިމަތި ފަރާތުގެ ލޭންޑިންގ ގިއަރަށް މެނުއަލީ ގުޅުވައިގެން ބޭނުންކުރާ ވެހިކަލަކަށްވުމާއިއެކު ރަނގަޅަށް ނުގުޅުވި ހުރެއްޖެ ހާލަތެއްގައި، މަތިންދާ ބޯޓުގެ ކުރިމަތި ލޭންޑިންގ ގިއަރަށާއި ޓޯބާއަަށްވެސް ގެއްލުން ލިބުނު ފުރުސަތު ބޮޑުވެއެވެ.
  • ކޮންމެ ވެހިކަލަކީވެސް މަރާމާތުކުރަންޖެހޭ ވެހިކަލްތަކަށްވީކަމުގައިވީނަމަވެސް، ޓޯބާ އެއާކްރާފްޓް ޓަގް ވެހިކަލަކީ ވަރަށް ގިނަ ފަހަރު މަތިން އިންސްޕެކްޓުކޮށް، ސްޕެއާ ޕާޓްތައް ބަދަލުކުރަންޖެހެ ވެކިކަލެކެވެ. މިހެންވެ، މަރާމާތުކޮށް، ވެހިކަލްގައި ބަދަލުކުރަންޖެހޭ ބައިތަކަށް ކުރަންޖެހޭ ހަރަދުތައް ބޮޑުވެއެވެ.

ޓޯބާލެސް ޓަގް ވެހިކަލް ހާއްސަވާ ސަބަބާއި އޭގެ ފެންވަރު

  • ޓޯބާލެސް އެއާކްރާފްޓު ޓަގު ވެހިކަލްތަކަކީ، މަތިންދާ ބޯޓުގެ ކުރިމަތި ފަރާތުގެ ލޭންޑިންގ ގިއަރާއި ގުޅުވުމަށް މެނުއަލީ މަސައްކަތްކުރަންނުޖެހޭ ވެހިކަލެކެވެ. މީގެ ސަބަބުން، މަތިންދާ ބޯޓު އޭޕްރަނުން ގެންދަން ހޭދަވާ ވަގުތު މަދުވެގެންދެއެވެ.
  • މި ވެހިކަލަކީ 360 ޑިގްރީއަށް އެމްބުރުމުގެ ގާބިލުކަންހުރި ވެހިކަލަށްވުމާއިއެކު، މަތިންދާ ބޯޓު ދަމާ ގެންދަންޖެހޭ ތަނަށް ގެންދިޔުމުގައި ލުއިފަސޭހަތަކެއް ލިބިގެންދެއެވެ.
  • މި ވެހިކަލަކީ އެއްވެސް މެނުއަލް މަސައްކަތެއް ނުކޮށް މަތިންދާބޯޓު ދަމާ ވެހިކަލަކަށްވާތީ، މަތިންދާބޯޓަށާއި ޓޯބާލެސް ވެހިކަލްއަށް ގެއްލުން ލިބުމުގެ ފުރުސަތު ހަނިވެގެންދެއެވެ.
  • ޓޯބާލެސް އެއާކްރާފްޓު ޓަގް ވެހިކަލަކީ ތަފާތު އެކި ވައްތަރުގެ މަތިންދާބޯޓު ޓޯ ކުރުމުގެ ގާބިލުކަން ހުރި ވެހިކަލެކެވެ. އެގޮތުން، ކޯޑު ސީއިން ފެށިގެން ކޯޑް އީގެ ހުރިހާ މަތިންދާ ބޯޓުތަކަށް ހިދުމަތް ދިނުމުގެ ގާބިލުކަން ހުރެއެވެ.
  • މި ވަގުތު ބޭނުންކުރާ ޓޯބާ އެއާކްރާފްޓު ޓަގް ވެހިކަލަށްވުރެ، މެކޭނިކަލް ބައިތަށް ވެހިކަލުގައި މަދުވުމުގެ ސަބަބުން ވެހިކަލްގައި މައްސަލަ ޖެހި މަރާމާތު ކުރަންޖެހޭ އަދަދު މަދުވެގެންދެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަސިންޖަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އެ އެއާޕޯޓުގެ ތަރައްގީކުރުމުގެ މަސައްކަތްތައް މިވަގުތުގައި ދަނީ ކުރިއަށެވެ. އެގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލަކީ މި މަަސައްކަތުގެ ތެރެއިން ހިމެނޭ މަސައްކަތަކަށްވާއިރު، މިއީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެފްޑީއެފްޑީ)އިން 100 މިލިއަން ޑޮލަރާއި ސައުދީ ފަންޑުން 80 މިލިއަން ޑޮލަރުގެ އެހީއާއިއެކު ހަދާ ޓަމިނަލެކެވެ. މި ޓާމިނަލް ހެދުމުގެ ޕްރޮޖެކްޓަށް ޖުމަލް ގޮތެއްގައި 7 ބިލިއަން ރުފިޔާ އަރައެވެ.

މި އައު ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ، މި އަހަރުގެ ޖުލައި 26 ގައެވެ. މި ޓާމިނަލާއިއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދިންދިޔުމާއިއެކު ހިދުމަތުގެ ފެންވަރު އުފުލިގެންދާނެކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: