ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ކައުންސިލްތަކުން ބްލޮކް ގްރާންޓު ބޭނުމެއް ނުކުރޭ، ހުންނަނީ އެކައުންޓުގައި ބްލޮކްކޮށްފައި: މުސްތަފާ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ ކައުންސިލްތަކުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރާ ފައިސާ ބޭންކު އެކައުންޓުތަކުގައި ރައްކާކޮށް، ކައުންސިލުން ކުރަން ޖެހޭ މަސައްކަތްތަކުގައި ވެސް ބަޖެޓެއް ނެތްކަމަށް ބުނެ މަތި ކުރުވަނީ ސަރުކާރަށްކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.

މުސްތަފާ މިފަދައިން ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައި ވަނިކޮށެވެ. ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާފައިވާ އެ ގަރާރުގައި ވަނީ ގާނޫނަށް ގެނައި އިސްލާހުތަކާއި އެކު ނިޒާމުގެ ސަބަބުން ރައްޔިތުންނާއި، ރަށްތަކަށް ލިބުނު ކުރިއެރުމެއް ނެތްކަމަށެވެ. އަދި ތަރައްގީގެ ރޮނގުން ހެޔޮ ބަދަލުތަކެއް ފެނިފައި ނުވާއިރު، ރަށްތަކުގެ އިދާރީ ހިންގުމުގެ އިސްވެރިންގެ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ނުފޫޒު ގަދަ ބަޔަކު އިންތިހާބު ކުރާ ނިޒާމަކަށް، މި ނިޒާމު ވެގެން ގޮސްފައިވާކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ.

ގަރާރު ބަލައިގަނެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައި ވާތީ، އިދިކޮޅުން ސިފަ ކުރާ ގޮތުން މިއީ ކައުންސިލްތަކުގެ ބްލޮކް ގްރާންޓު ކަނޑާލައި މެމްބަރުންގެ އަދަދު މަދު ކުރުމަށް ކުރާ މަސައްކަތެކެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި މުސްތަފާ ވިދާޅުވީ ކައުންސިލްތަކަށް ފަސް އިންސައްތައިގެ ބްލޮކް ގްރާންޓު ދިނުމުގައި މައްސަލައެއް ނެތްކަމަށެވެ. ކައުންސިލްތަކަށް ދޫކުރާ އެ ފައިސާގެ ބޭނުން ހިފައި، ރަށްތަކަށް ހިދުމަތް ފޯރުކޮށް ނުދެވޭ ސަބަބާއި މެދު ސުވާލު އުފައްދައި މުސްތަފާ ވިދާޅުވީ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ދެނީ ދައުލަތުގެ ބަޖެޓުން ކަމަށެވެ. އަދި ރަށްތަކުގައި ބޮޑެތި މަޝްރޫއުތައް ހިނގައި، އެ ރަށަކަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަނީ ވެސް ސަރުކާރުންކަމަށް މެމްބަރު ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ ރަށުގައި ހުރި އާންމު ހިދުމަތެއް ދޭ އިމާރާތެއްގައި މައްސަލައެއް ދިމާވެ، ހަލާކުވެގެން ވެސް އެ އެއްޗެއް ހޯދަނީ ދައުލަތުގެ ބަޖެޓުން ކަމަށެވެ. އެފަދަ ހާލަތްތައް އަބަދުމެ ތަކުރާރުވާ ނަމަ ބްލޮކް ގްރާންޓު ދިނުމުގެ ބޭނުމެއް ނެތްކަމަށް މުސްތަފާ ވިދާޅުވި އެވެ. އަދި ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ފައިސާގެ ބޭނުން ކައުންސިލުން ނުހިފައި، ދައުލަތުގެ ބަޖެޓުން ސަރުކާރަކުން ހޭދަތައް ކުރަން ޖެހޭނަމަ ފަސް އިންސައްތައިގެ ގްރާންޓަކީ މުސްތަފާ ވިދާޅުވި ގޮތުގައި ބޭކާރު ފައިސާ އެވެ.

ގައުމުގެ އިގްތިސާދީ ހާލަތު ވެސް އޮތީ ގޯސް ހިސާބެއްގައިކަން ފާހަގަކުރައްވައި މުސްތަފާ ވިދާޅުވީ، ގިނަ ކައުންސިލްތަކުން ހުރީ ބްލޮކް ގްރާންޓުގެ ފައިސާ ބޭންކު އެކައުންޓުތަކުގައި ރައްކާކޮށްފައިކަމަށެވެ. އަދި އެ ފައިސާ އެއްވެސް މިންވަރަކަށް ރޯލް ނުކޮށް ތަޅު އަޅުވާފައިވާކަމަށް މުސްތަފާ ވިދާޅުވި އެވެ.

ކައުންސިލްގައި ތިއްބެވި ހުރިހާ މުވައްޒަފުންނަށް މުސާރަ މި ދެނީ ދައުލަތު ބަޖެޓު އިނގޭތޯ ސެންޓްރަލް ބަޖެޓު.. އަޅުގަނޑުމެންގެ ބަޖެޓު ރަށެއްގައި ހިނގާ ހުރިހާ މަސްއޫލުތަކެއް މި ހިންގަނީ ދައުލަތުގެ ބަޖެޓުން އިނގޭތޯ އަދި ނުވިތާކަށް އެތާ އޮފީހަށް ހަރުކޮށްފައި ފަންކާ ހަލާކުވިޔަސް އެ ފަންކާވެސް ހޯދަ ދޭން މި ޖެހެނީ ދައުލަތުގެ ބަޖެޓުން.. ކޮބައިތޯ ގްރާންޓުން ކުރާނެ މަސައްކަތެއް.. އެހެންވީމާ ގްރާންޓް ގޮތުގައި ދެވޭ ފައިސާ އަޅުގަނޑުމެނަށް މި ފެންނަނީ ވަރަށް ބޮޑު ބޭކާރު ގޮތުގައި ހަރަދު ކުރެވޭ ފައިސާގެ ގޮތުގައި..

މުސްތަފާ ވިދާޅުވީ އެގޮތަށް އެކައުންޓުތަކުގައި ހުރި ފައިސާ ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓަކަށް ވެސް ބޭނުން ނުކުރެވޭއިރު، ކައުންސިލުން ވެސް ރަށުގެ ކަމަކަށް އެ ފައިސާ ނެގުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. ކައުންސިލަށް ބްލޮކް ގްރާންޓުގެ ފައިސާ ބޭނުން ކުރުމުގެ ބާރު ލިބިދީފައިވާއިރު، މުސްތަފާ ވިދާޅުވީ އެ ބޭނުން ކުރާނެ ނުވަތަ ކުރަން ޖެހޭ ގޮތުގެ ކަންކަން ބަޔާން ކުރެވިފައިވާ އުސޫލެއް އޮންނަން ޖެހޭކަމަށެވެ.

މުސްތަފާ ވިދާޅުވީ ބޭނުން ވަނީ، ރަށުގެ ރައްޔިތުންނަށް މަންފާވާނެ ގޮތަކަށް ކަންކަން މަގުފަހިވެގެން ދިއުން ކަމަށެވެ.

މީގެއިތުރުން މުސްތަފާ ވަނީ ކައުންސިލްތަކުން ތަޖުރިބާގެ ނަމުގައި ކުރާ ދަތުރުތަކާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. މެމްބަރުގެ ވިސްނުމުގައި އެފަދަ ދަތުރުތައް ކުރުމުގައި މައްސަލައެއް ނެތް ނަމަވެސް، ތަޖުރިބާގެ ބޭނުން ހިފޭނެ ގޮތެއް އެބައޮތޯއާއި އެގޮތަށް ތަންފީޒު ކުރެވޭތޯ ސުވާލު ކުރެއްވި އެވެ.

މިހާރު ވެސް އެކި ކައުންސިލްތަކުން ތަޖުރިބާގެ ދަތުރުތަކަށް ޓީމުތަކާއި އެކު ރާއްޖެއިން ބޭރަށް ގޮސްފައިވާކަމަށް މުސްތަފާ ވިދާޅުވި އެވެ. އަދި އެ ބޭފުޅުން އެނބުރި އައުމަށް ފަހު ރަށުގެ ރައްޔިތުންނަށް ތަރައްގީގެ ގޮތުން ގެނެސް ދެނީ ކޮން ކަންތަކެއްތޯ ރައްޔިތުން ބަލާލުން މުހިންމުކަމަށް މުސްތަފާ ވިދާޅުވި އެވެ.

މިފަދަ އެކި މައްސަލަތައް ހައްލު ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި ލާމަރުކަޒީ ނިޒާމު ސިފަކޮށްފައި ވަނީ ގައުމާއި ނުބައްދަލު ނިޒާމެއްގެ ގޮތުގަ އެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބޮޑު ހޭދައެއް ކުރަން ޖެހޭތީ، އެކަމަށް ވިސްނާލުމަށް ގޮވާލާފައި ވެއެވެ. ކަތީބުންގެ ނިޒާމެއް ނިމުމަކަށް ގެނެސް، ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކައުންސިލަރުން އިންތިހާބު ކުރަން ފެށީ ވަރަށް ބޮޑެތި އުންމީދުތަކާއި އެކު ނަމަވެސް ޝުޖާއުގެ ގަރާރުގައި ބުނެފައި ވަނީ އެ މަގްސަދު ހާސިލު ނުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: