ޕީއެސްއައިޕީ ބަޖެޓުން މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ޓްރާންސްޕޯޓު ދާއިރާގެ މަސައްކަތްތަކަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ތެރޭގައި ޕީއެސްއައިޕީގެ ދަށުން ހަރަދުކުރުމަށް ފާސްކޮށްފައިވަނީ 12.38 ބިލިއަން ރުފިޔާއެވެ. ނިމިދިޔަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީގެ ގޮތުގައި 4.76 ބިލިއަން ހަރަދުކުރިއިރު މި އަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައިވަނީ 1.49 ބިލިއަންކަން ފެނިގެންދެއެވެ.
ޓްރާންސްޕޯޓު ދާއިރާއަށް ކޮށްފައިވާ ޖުމުލަ ހަރަދު 814.5 މިލިއަން ރުފިޔާއަށް އަރާއިރު މީގެ ތެރެއިން 538.8 މިލިއަނަކީ އެއަރޕޯޓުތަކުގެ މަސައްކަތްތަކަށް ކޮށްފައިވާ ހަރަދުތަކެވެ. 165.5 ބުރިޖުގެ މަސައްކަތްތަކަށް ހަރަދުކޮށްފައިވާއިރު 110.2 މިލިއަން ހަރަދުކޮށްފައިވަނީ ބަނދަރުތައް ތަރައްގީ ކުރުމަށެވެ.
މިހާރު އޮތް ސަރުކާރުންވަނީ ރާއްޖޭގައި ހިންގޭ ތަރައްގީގެ މަސައްކަތްތައް ތަރުތީބެއްގެ މަތިން ހިންގުމަށް ވައުދުވެފައެވެ. މިގޮތުން ބޯހިޔާވަހިކަމުގެ މަސައްކަތްތަކަށް އެންމެ ބޮޑު އިސްކަމެއް ދޭނެއިރު އެކަމަށް ފަހިކުރުމަށްޓަކައި މަގުހެދުން ފަދަ މަސައްކަތްތައް ނިންމަންޖެހޭކަން ހިއްސާކޮށްފައިވެއެވެ. ތަފާސްހިސާބުތަކުންވެސް މިކަން ފެނިގެންދެއެވެ.
ދެވަނައަށް ޕީއެސްއައިޕީން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ މަގު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތްތަކަށެވެ. ޖުމުލަ 246.4 މިލިއަން ހަރަދުކުރިއިރު މީގެ ތެރެއިން 196.8 މިލިއަން ރުފިޔާއަކީ ބިން ހިއްކުމުގެ މަސައްކަތްތަކަށް ކޮށްފައިވާ ހޭދައެވެ. މަގުތައް ހެދުމަށްޓަކައި ހަރަދުކޮށްފައިވަނީ 49.6 މިލިއަން ރުފިޔާއެވެ.
ތިމާވެށީގެ ދާއިރާގެ މަސައްކަތްތަކަށް ސަރުކާރުން 145.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މީގެ ތެރެއިން 104.4 މިލިއަން ރުފިޔާއަކީ ކޯސްޓަލް ޕްރޮޓެކްޝަން މަސައްކަތްތަކަށް ކޮށްފައިވާ ހޭދަކަމަށްވާއިރު ކުނި ނައްތާލުމުގެ ނިޒާމުތައް ހަރުދަނާ ކުރުމަށްޓަކައި 20.5 މިލިއަން އަދި އިޔާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތްތަކަށްވެސް 20.5 މިލިއަން ހަރަދުކޮށްފައިވެއެވެ.
މި މުއްދަތުގެ ތެރޭގައި ސިއްހީ ދާއިރާ ހަރުދަނާ ކުރުމުގެ ގޮތުން 61.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ހައުސިންގް މަސައްކަތްތަކަށް 69.9 މިލިއަން ހަރަދުކޮށްފައިވެއެވެ. އިޖްތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށާއި ދީން ކުރިއެރުވުމުގެ މަސައްކަތްތަކަށް 40.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަންވެސް ފެނިގެންދެއެވެ.

