އިސްރާއީލާއި އީރާނުގެ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް ވަނުމާއިމެދު ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ގޮތް ނިންމާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ.
އިސްރާއީލުން އިރާނަށް ހަމަލާ ދިނުމާއި ގުޅިގެން ފެށިފައިވާ މައްސަލައިގެ ތެރެއިން އެކި ގައުމުތަކުންދަނީ ދެ ގައުމުންވެސް ހަމަލާތައް ހުއްޓާލުމަށް އިލްތިމާސް ކުރަމުންނެވެ. މި މައްސަލައިގައި ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ޓްރަމްޕު ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ހަމަލާއެއް ދިނުމާއިމެދު ގޮތް ނިންމާނީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައިކަމަށާއި ސަބަބަކީ އެ ގައުމާއިއެކު މަޝްވަރާތަކެއް ކުރަމުންދިއުންކަމަށް ހިއްސާކުރެއްވިއެވެ. އެމެރިކާ އަދި އީރާނުގެ ދެމެދު މަޝްވަރާތަކެއް ކުރަމުންދަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި މެދުކަމަށްވާއިރު އިސްރާއީލާއި އީރާނުގެ ދެމެދު ހަމަލާތައް ހުއްޓުމަކަށް އައިސްފަިއނުވެއެވެ.
އެމެރިކާއިން ގޮތެއް ނިންމުމަށް ކަނޑައެޅިފައިވަނީ އީރާނުން ވަރަށް ރަނގަޅަށް ރައްކައުތެރިކޮށްފައިވާ އެ ގައުމުގެ ޔުރޭނިއަމް ތައްޔާރުކުރާ މަރުކަޒެއްކަމަށްވާ ފޯޑޯއަށް ހަމަލާ ދިނުމާއިމެދުއެވެ. ނޫސްތަކުން ބުނާގޮތުން އެތަނަކީ ފަރުބަދައެއްގެ އެތެރޭގައި ހަދާފައިވާ މަރުކަޒެއްކަމަށްވުމުން އެތަން ސުންނާފަތިކޮށްލެވޭނެކަމަށް ބެލެވެނީ އެމެރިކާގެ ބަންކާ ބަސްޓާރ ބޮންތަކެއް ބޭނުންކޮށްގެނެވެ. މިގޮތުން ހަމަލާ ދޭނަމަ އެމެރިކާގެ އަސްކަރިއްޔާއިން ސީދާ ގޮތެއްގައި ހަނގުރާމައިގައި ބައިވެރިވާންޖެހެއެވެ.
އިސްރާއީލުންވަނީ އީރާނުގެ އިސްވެރިޔާ އާޔަތުﷲ ހަމަނާއީ މަރާލުމުގެ އިންޒާރުތައްވެސް ދީފައެވެ. އެ އިންޒާރުތައް ދީފައިވަނީ އިސްރާއީލުގެ ހޮސްޕިޓަލަކަށް އީރާނުގެ ހަމަލާއެއް އެރުމާއި ގުޅިގެންކަމަށްވާއިރު 240 ވަރަކަށް މީހުންނަށް އަނިޔާ ލިބިފައިވެއެވެ. އެހެންކަމުން މިހާރު އިސްރާއީލުގެ ހަމަލާތަކުން އެއްވެސް މީހަކު އެއްކިބާ ކުރެވިފައިނުވާނެކަމަށް އިޝާރާތްކޮށްފައިވެއެވެ.

