ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ ބަދަހި ގުޅުމެއް: ނާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ ބަދަހި ގުޅުމެއް ކަމަށާއި ދެގައުމުވެސް އެއްގައުމު އަނެއް ގައުމަށް އިހުތިރާމް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

9 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ އިފްތިތާޙު ކުރުމުގެ ޙަފްލާގައި ނާޒިމް ވާހަކަފުޅު ދައްކަވައި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ގުޅުން ފާހަގަކުރެއްވިއެވެ. ނާޒިމް ވިދާޅުވީ ދިވެހިރާއްޖެއާއި ޗައިނާއަކީ އެއް ޤައުމުން އަނެއް ޤައުމަށް އިޙުތިރާމް ކުރާ އަދި ސުލްޙައަށް އިސްކަންދޭ ގުޅުމެއް ދަމަހައްޓާ ދެ ޤައުމު ކަމަށެވެ.

ނާޒިމްގެ ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އިޤްތިޞާދީ ގުޅުން ފާހަގަކުރައްވައި، ޗައިނާގެ ”ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް“ ގެ ދަށުން ދިވެހިރާއްޖޭގައި ހިންގާފައިވާ މަޝްރޫޢުތަކުގެ ކާމިޔާބުކަން ފާހަގަ ކުރައްވައި، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ޤާއިމުކުރުމުގައި ޗައިނާގެ އެހީތެރިކަމަށް ޚާއްޞަ ގޮތެއްގައި އަލިއަޅުއްވައި ލެއްވިއެވެ.

މީގެ އިތުރުން، ނާޒިމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތާއި އެރޮނގުން ކުރިއަށް ގެންދަވާ ސިޔާސަތުތަކަށްވެސް އަލިއަޅުއްވައި ލައްވާފައެވެ.

ނާޒިމްގެ ވާހަކަފުޅުގައި ދުނިޔޭގެ މަސްރަޙުގެ ނުތަނަވަސްކަމާއި ހިނގަމުންދާ ހަނގުރާމަފަދަ ކަންކަމުން ރާއްޖެފަދަ ޤައުމުތަކުގެ އިޤްތިޞާދަށް ކުރާ އަސަރުތަކަށްވެސް އިޝާރާތް ކުރެއްވިއެވެ. އަދި އިޤްތިޞާދީ ތަރައްޤީ ކުރިއަށް ގެންދިއުމަށްޓަކައި، ޤައުމުތަކުން ސިޔާސަތުތައް ވިލަރެސްކޮށް، އިޤްތިޞާދީ ގުޅުންތައް ދަމަހައްޓައި، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތް ކުރުމަށް ޚިޔާލުތަކެއްވެސް ހުށަހެޅުއްވިއެވެ.

މި އެކްސްޕޯގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، އެކްސްޕޯގައި ބައިވެރިވި ދިވެހިންގެ ސްޓޯލްތަކަށް ދިވެހި ވަފުދުގެ ބޭފުޅުން ޒިޔާރަތްކުރައްވާ އެ ސްޓޯލްތަކުގައި ތިއްބެވި ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ތަޖުރިބާއާއި ހުރި ގޮންޖެހުންތަކުގެ ވާހަކަ އަޑުއެއްސެވިއެވެ. ”އެކުވެރިކަމާއި ވިލަރެސްކުރުން ދެމެހެއްޓެނިވި ތަރައްޤީއަށް“ މި ޝިއާރުގެ ދަށުން މިއަހަރު ބާއްވާ އެކްސްޕޯ ކުރިއަށްދާނީ ޗައިނާގެ ކުންމިންގ ސިޓީގައި 21 ޖޫން 2025 އާ ހަމައަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: