ސިޔާސީ އެއްވުންތަކަށް އެއްވެސް ހުރަހެއް ނެތްކަމަށް މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މާލޭގައި ބޭއްވުމަށް މަސައްކަތްކުރަމުންދާ ސިޔާސީ ހަރަކާތަށް ސަރުކާރުން ހުރަސް އަޅަމުންދާކަމަށް ބުނެ ވާހަކަތައް ފަތުރަމުންދިއުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަރީޝްވަނީ އެކަން ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެއްވުންތަކާއި ސިޔާސީ ހަރަކާތްތައް ހިންގަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމުގެ މަގު އޮތީ ފަހިވެފައިކަމަށެވެ.
އަރީޝް ވިދާޅުވީ، އެކަމަށް ހުރަހެއް ނެޔްލަމަށެވެ. އަދި އޭނާވަނީ އެމްޑީޕީން މަސައްކަތްކުރަމުންދަނީ ކޮންތަނެއްގައި ހަރަކާތެއް ބޭއްވުމަށްތޯ ސުވާލު ކުރައްވާފައެވެ. އަރީޝް ވިދާޅުވީ، އުސްފަސްގަނޑު ހޯދުމަށްޓަކައި އެޕާޓީން ހުއްދައަކަށް އެދިފައިނުވާކަމަށެވެ. އަދި ރަސްފަންނު ހޯދުމަށްވެސް އެދިފައިނުވާކަމަށެވެ.
އޭނާ ވިދާޅުވީ، ސިޔާސީ ހަރަކާތެއް ކުރިއަށް ގެންދިއުމަށްޓަކައި ކާނިވާ ސަރަހައްދު ހޯދުމަށްވެސް ހުއްދައަކަށް އެދިފައިނުވާކަމަށެވެ. އަދި މާލެ ހުޅަނގު ދެކުނުގައި އޮތް ހިއްކި ސަރަހައްދު ހޯދަންވެސް ހުއްދައަކަށް އެދިފައިނުވާކަމަށް މައުލޫމާތު ދެއްވިއެވެ.
އަރީޝް ވިދާޅުވީ، އިސްވެ ދެންނެވި ތަންތަނުގައި ސިޔާސީ ހަރަކާތެއް ބޭއްވުމަށްޓަކައި އެމްޑީޕީން ދަންވަރުގެ ވަގުތެއްގައި އެދުނަސް ޕީއެންސީގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލުން އެކަމަށް ހުއްދަ ދޭނެކަމަށެވެ. އެހެންކަމުން ކަންކަމުގެ ހަގީގަތް އޮޅުވާނުލައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންނެވިއެވެ.

