”ހިޔާވެހި ފައިނޭންސް ސްކީމުގެ“ ދަށުން ލޯނުދޫކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑު އިންފްރާސްޓަރަކްޗަރ އާއި ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހިޔާވެހި ސްކީމަކީ ކޮބާ؟
ހިޔާވެހި ސްކީމަކީ ގެދޮރު އިމާރާތްކުރުމަށް ދަތިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ސަރުކާރުން އެކަށައަޅައިފައިވާ ސިޔާސަތުގެ ދަށުން، އިސްލާމީ ޝަރީއަތުގެ މިންގަނޑުތަކާ އެއްގޮތުގެ މަތިން ދޫކުރާ ލޯނެކެވެ. މި ސްކީމުގެ ދަށުން 3 ވައްތަރެއްގެ ލޯން ސްކީމެއް ހިމެނެއެވެ. އެއީ، ފަހިމާލެ ސްކީމާއި، ސަރަހް ސްކީމުގެ އިތުރުން ރަށްވެހި ސްކީމެވެ.
ސްކީމުގެ އެއްބަސްވުން
މި ސްކީމުގެ ދަށުން ލޯނު ދޫކުރަން ފެށުމަށްޓަކައި އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތެއް ބޭއްވުނުއިރު، މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބްއެވެ. އަދި ބީއެމްއެލްގެ ފަރާތުން ފޮއިކުރެއްވީ، ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފުއެވެ.
މި އެއްބަސްވުމަކީ، ރައީސް ޑރ. މުހައްމަދުގެ މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރެއިން ވައުދަކަށްވާއިރު، މި އެއްބަސްވުމުގެ ދަށުން ދޫކުރާ ލޯންތަކަކީ ބޯހިޔާވެހިކަން 5 އިންސައްތަ ޕްރޮފިޓް ރޭޓުގައި ބޭންކުތައް މެދުވެރިކޮށް، ގެދޮރު އިމާރާތްކުރުމަށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، އެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމެކެވެ.
ލޯނު ސްކީމުގެ އިތުރު ތަފްސީލު
މި ލޯނު ސްކީމު އެންމެ ފުރަަމަ އިފުތިތާހު ކުރެވުނީ 2024 ނޮވެމްބަރު 5 ވަނަ ދުވަހުގައެވެ. އެގޮތުން، މި ސްކީމުގެ އުސޫލްތައް ގެޒެޓްކޮށް، މި ސްކީމަށް އެޕލައިކުރުމަށް ހުޅުވާލީ 2024 ނޮވެމްބަރު 8 ވަނަ ދުވަހުގައެވެ. އަދި އެޕްލިކޭޝަންއަށް ހުށަހެޅުމަށް ކަނޑައެޅުނު މުއްދަތަކީ 2025 މޭ 30 ވަނަ ދުވަހެވެ.
ހިޔާވެހި ސްކީމުގެ ދަށުން އަންނަ 3 ވައްތަރުގެ ލޯން ޕްރޮގުރާމްތައް ހިމެނޭއިރު، ޖުމްލަ 2256 އެޕްލިކޭޝަން ފޯމް ވަނީ ލިބިފައެވެ. އެއީ، ފަހިމާލެ ސްކީމަށް 341 މީހުންނާއި ސަރަހް ސްކީމަށް 589 މީހުންގެ އިތުރުން ރަށްވެހި ސްކީމަށް، 1329 މީހުންކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ސްކީމުގެ މިހާރުގެ ހާލަތު
މި ސްކީމަށް އެޕްލައިކުރި ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު އިވެލުއޭޓުކޯށް، ބޭންކުތަކުން ނިންމަންޖެހޭ ކަންތައްތައް ނިންމުމަށް ފަހު ފޯމްތައް އެފަރާތްތަކުށް ފޮނުވިގެންދާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި ޕްރޮގުރާމުގެ ދަށުން ދޫކުރާ ލޯނު ިމ އަހަރުގެ މުލައި މަހުގެ ތެރޭގައި ދޫކުރެވިގެންދާނެކަމަށްވެސް މިނިސްޓްރީ ބުނެފައިވެއެވެ.
ބޯހިޔާވެހިކަމަށް މުހިންމު ޕްރޮގުރާމެއް
ދިވެހި ރައްޔިތުންނަށް ކުރިމަތިވެ އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ގެދޮރުވެރިކަމާއި ބޯހިޔާވެހިކަމުގެ މައްސަލައެވެ. އެގޮތުން، މި ޕްރޮގުރާމުގެ ސަބަބުން ބޯހިޔާވެހިކަން ހޯދުމުގައި މާލީ ދަތިކަން ހުރި ފަރާތްތަކަށް، މާލީ އެހީތެރިކަން ފޯރުކޮށްދެވި، މާލެ ސަރަހައްދާއި ރާއްޖޭގެ ރަށްތަކުގައި ގޯތި އަދި ގެ އެޅުމުގެ މަރުހަލާގައި ހުރި، އެ މަސައްކަތް ނުނިމި ހުރި ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބި، ގެދޮރު ބިނާނުކުރެވި ހުރި ފަރާތްތަކަށް ގެދޮރުއެޅުމުގެ މަގުފަހިވެގެންދާނެއެވެ.

