ޅ މަޑިވަރު އެއާޕޯޓާ ދިމާލު ކަނޑުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ އަންގާރަ ދުވަހުގެރޭގެ ވަގުތެއްގައެވެ.
ޙާދިސާގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނެފައިވަނީ، ޅ މަޑިވަރު އެއާޕޯޓު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ރޭ 20:26 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ޑިންގީގައި ތިބި 3 މީހުންނަށް އަނިޔާވުމާއި ގުޅިގެން ޅ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި ޑިންގީގެ ކެޕްޓަންއާއި އިތުރު މީހަކު އިތުރު ފަރުވާއަށް ވަނީ މާލެވެސް ގެނެސްފައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި އެކްސިޑެންޓުގައި ހިމެނޭ ޑިންގީ އެކްސިޑެންޓަށް ފަހު ވަނީ ގެއްލިފައެވެ. އެގޮތުން ޑިންގީ އަޑިއަށް ގޮސްފައިވާކަމަށް ބެލެވޭ ކަމަށާއި، ޑިންގީ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން ފެނިފައިނުވާކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

